ޒަވާޖީޙަޔާތް ފޭލްވަމުން މިދަނީ ކައިވެނިކުރަން ﷲ އަންގަވާފައިވާ މީހާ ދޫކޮށްލައި އަމިއްލަ ކަންކަން ކުރިއަށް ނެރެގެން ކައިވެނިކުރާތީ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޒަވާޖީޙަޔާތް ފޭލްވަމުން މިދަނީ ކައިވެނިކުރަން ﷲ އަންގަވާފައިވާ މީހާ ދޫކޮށްލައި އަމިއްލަ ކަންކަން ކުރިއަށް ނެރެގެން ކައިވެނިކުރާތީ!: ޝައިޚް ޢާޞިމް އަލްޙަކީމް

ޒަވާޖީ ހަޔާތަކަށް އެންމެ މުހިންމީ ކޮންކަމެއް ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތެވެ. އެކަމަކީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. ބޭނުންވަނީ އުފާވެރިކަމެވެ. އުފާވެރިކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ބޭނުންވަނީ ކާމިޔާބީއާއި ކުރިއެރުމެވެ. އެކަންވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ބޭނުންވަނީ ތަނަވަސްކަމެވެ. ރިޒުޤް އިތުރުވުމެވެ. އެކަންވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ.  

މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އާއި ކުރިއެރުން ލިބެންއޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ އެންގެވުން ދޫކޮށްލައި އަމިއްލައަށް ކަންކަން ކުރިއަށްނެރެގެން ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟

ﷲ ތަޢާލާ އަންގަވާފައިވަނީ ދީންވެރި، އަޚްލާޤް ރަނގަޅު މީހަކު ކައިވެންޏަށް އެދިއްޖެނަމަ އެކަން ޤަބޫލުކުރުމަށެވެ. އެމީހަކަށް އިސްކަންދިނުމަށެވެ. ނަމަވެސް މިއަދު މިބެލެނީ މުޅިން ތަފާތު އެހެން ކަންކަމަށެވެ. ތަނަވަސްކަމަށާއި، މަޤާމާއި، ދަރަޖައަށާއި ސިފަރީތިކަމަށާއި މިހެންގޮސް މުޅިން ތަފާތު ކަންކަމަށެވެ.  

ދެން ނިކަން ބުނެބަލާށެވެ. އެކައިވެންޏެއް ކާމިޔާބުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ކުރިން މިބަޔާންކޮށްދިނީ ޒަވާޖީ ޙަޔާތުގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަންކަންވެސް ޙާޞިލުކޮސްދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. ވީމާ ﷲ ތަޢާލާއަށް ފުރަގަސްދީގެން ލިބޭނެ ކުރިއެރުމެއް ނުވަތަ އުފާވެރިކަމެއް ނުއޮންނާނެއެވެ.  

ޒަވާޖީ ހަޔާތް ކާމިޔާބުކުރެވޭނީ މިކަންކަމަށް ސަމާލުކަން ދެވުނުވަރަކުންނެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ ކައިވެނިކުރުމުގައި މިކަންކަމަށް އިސްކަންދިނުމެވެ. އެއިރުން އެކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތީއެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން