ގިނަ ބައެއްގެ ކިބައިން ފެންނަ އެއްކަމަކީ ޢުމުރުން ހަގު އަންތބަކު އިނދެއްޖެނަމަ ތިމާގެ އަމިއްލަ ދަރިންނާއި ކާފަދަރިންނަށްވުރެވެސް އިސްކަންދީގެން ހަގު އަނބިމީހާއަށް އަގުބޮޑު އެއްޗެތި ހޯދައިދީ ގަހަނާ އަޅުވައި ޒީނަތްތެރިކުރެވޭ ތަނެވެ. އެކަމުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުފުޅު ކުރެއްވެވިގޮތް ތިރީގައިވާ ލިޔުމުން ވިދާޅުވެލައްވާށެވެ.
ރަސޫލާ އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ކާފަދަރިކަނބަލުންނަށް ލޯބިފުޅު ދެއްވި ގޮތް-
السّيدة أُمَامَةُ رضى الله عنها
السّيدة أُمَامَةُ بنت أبي العاص رضى الله عنها އަކީ، السّيدة زينب رضى الله عنها އާއި أبو العاص بن الرّبيع ގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާއަކީ، އިންސާނީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ހެޔޮ އިންސާނުގެ ބެއްލެވުމުގެ ދަށުން ބޮޑުފުޅުވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ކާފާކަލުންނަކީ، އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ.
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވެދުމަކަށް ހާރުކޮޅެއް އެރުވުނެވެ. އެ ހާރުކޮޅު ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. [އަހަރެން މިހާރު ދޭނީ އަހަރެން އެންމެ ލޯބިވާ ފަރާތަށެވެ.] އެހެން ޙަދީޘު ކުރެއްވުމުން އެކަލޭގެފާނުގެ އަހުލުބައިތުން ހީފުޅުކުރެއްވީ އެ ހާރުކޮޅު ދެއްވާނީ أمّ المؤمنين السّيدة عائِشة رضى الله عنها އަށް ކަމަށެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم، السّيدة أمامة ބަލައިފޮނުއްވައިގެން ގެންނަވައި އެކަމަނާގެ ކަރުފުޅުގައި އެ ހާރުކޮޅު ތުރުކޮށް ދެއްވިއެވެ.
{ ابن حجر العسقلاني، الإصابة، 8 ވަނަ ޖިލްދު، ޞަފްޙާ 25}
ހަމައެފަދައިން އެއްފަހަރަކު ޙަބަޝާގެ ރަސްގެފާނު ނަޖާޝީ ވަރަށް ގިނަވެދުންތަކެއް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ފޮނުއްވިއެވެ. އެ ހަދިޔާތަކުގެ ތެރެއިން މާތް ރަސޫލާ صلّى اللّـه عليه وسلّم، އަނގޮޓިއެއް ނަންގަވައި، އެ އަނގޮއްޓި السّيدة أمامة بنت أبي العاص رضى الله عنها އަށް ދެއްވިއެވެ.
ކޮންމެއަކަސް السّيدة أمامة رضى الله عنها އަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ލޯބިފުޅު އިންތިހާއަށްވަނީ ލިބިވަޑައިގެންފައެވެ. އެކަމަނާގެ މައިކަނބަލުން السّيدة زينب رضى الله عنها އަވަހާރަވީ، ހިޖުރައިން އަށްވަނަ އަހަރުގެ ތެރޭގައެވެ. ބައްޕާފުޅު أبو العاص بن الرّبيع އަވަހާރަވީ ހިޖުރައިން ބާރަވަނަ އަހަރުގެ ތެރޭގައެވެ. އޭނާ އަވަހާރަވުމުގެ ކުރިން السّيدة أمامة ބެލެހެއްޓެވުން الزُّبَيْرُ بن العَوَّام رضى اللّـه عنه އާ ޙަވާލު ކުރެއްވިއެވެ.
ކައިވެނިފުޅު:
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތްތާ މާގިނަ ދުވަސްތަކެއްނުވެ، އެކަލޭގެފާނުގެ ދަރިކަނބަލުން އަދި السّيدة أمامة ގެ މައިފުށުގެ ބޮޑުދައިތާފުޅު السّيدة فَاطِمَة ٱلزَّهْرَاء رضى الله عنها ވެސް އަވަހާރަވެއްޖެއެވެ. السّيدة فَاطِمَة އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި، علي بن أبي طالب رضى اللّـه عنه އަށް ވަޞިޔަތްކުރައްވައިފައިވަނީ، އެކަމަނާ އަވަހާރަވުމުން އެކަލޭގެފާނު السّيدة أمامة رضى الله عنها އާއި ކައިވެނި ބެއްލެވުމަށެވެ.
އެހެންކަމުން فَاطِمَة ٱلزَّهْرَاء رضى الله عنها ގެ އެދިވަޑައިގަތުމުގެ މަތީން علي بن أبي طالب رضى اللّـه عنه، السّيدة أمامة رضى الله عنها އާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ.
السّيدة أمامة رضى الله عنها އާއި علي بن أبي طالب رضى اللّـه عنه ގެ ޒަވާޖީ ޙަޔާތްޕުޅަކީ ވަރަށް އޮމާންއަމާން ޒަވާޖީ ޙަޔާތްޕުޅެކެވެ. ދެކަނބަލުންގެ ކައިވެނިފުޅަށް ފިރިހެންބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަކީ، محمد އެވެ. އެދަރިކަލުންގެ ނަންފުޅު މަޝްހޫރުވެފައިވަނީ محمد الأوسط ގެ ނަންފުޅުންނެވެ.
{البلاذري، كتاب أنساب الأشراف، އެއްވަނަ ޖިލްދު، ޞަފްޙާ 177}
علي بن أبي طالب رضى اللّـه عنه ޝަހީދުވުމަށްފަހު، السّيدة أمامة رضى الله عنها ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ المغيرة بن نوفل بن الحارث بن عبد المطّلب އާއެވެ. المغيرة بن نوفل އަށް السّيدة أمامة ފިރިހެންބޭފުޅަކު ރައްކައުވެވަޑައިގެންނެވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ، يحيى އެވެ. السّيدة أمامة رضى الله عنها އަވަހާރަވީ المغيرة بن نوفل ގެ އަނބިކަނބަލަކަށް އިންނަވަނިކޮށެވެ.
{ابن حجر العسقلاني، الإصابة، އަށްވަނަ ޖިލްދު ޞަފްޙާ 26}
ބައެއް ތާރީޚު ލިޔުންތެރިން ލިޔުއްވައިފައިވަނީ السّيدة أُمَامَةُ بنت أبي العاص رضى الله عنها އަށް އެއްވެސް ދަރިކަލަކު އަދި ދަރިކަނބަލަކުވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް