ހަނދުމަކޮށްދިނުމެއް! ވާނެ ކަންކަން ލިޔުއްވަވާފައިވީނަމަވެސް ދުޢާކުރުމުން ބަދަލުކޮށްދެއްވަވާނެ ކަންތައްތަކެއް އެބަހުރި! ބަދަލުކޮށް ނުދެއްވަވާނެ ކަންތައްތަކެއްވެސް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހަނދުމަކޮށްދިނުމެއް! ވާނެ ކަންކަން ލިޔުއްވަވާފައިވީނަމަވެސް ދުޢާކުރުމުން ބަދަލުކޮށްދެއްވަވާނެ ކަންތައްތަކެއް އެބަހުރި! ބަދަލުކޮށް ނުދެއްވަވާނެ ކަންތައްތަކެއްވެސް އެބަހުރި!

ބައެއް މީހުން ބުނެއެވެ. "އަހުރެން ދުޢާކުރަންވީ ކީއްކުރަން ހެއްޔެވެ؟ ދުޢާކުރިޔަސް ކަންތައްތައް ވާނީ އެންމެ ކުރިންވެސް ތިމަންނާ އާއިމެދު ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ ގޮތަކަށެވެ."

އަދިވެސް ބުނެއެވެ. "ﷲ ތަޢާލާ މާކުރިން އަހުރެންނާއިމެދު ވަކި ގޮތްކަށް ކަންކަން ލިޔުއްވަވާފައިވާއިރު އަހުރެންނަށް ދުޢާކުރަން އެއަންގަވަނީ ކީއްވެގެން ހެއްޔެވެ؟ ދުޢާކުރި ނަމަވެސް ކަންކަން ނިންމަވާނީ ލިޔުއްވަވާފައިވާ ގޮތަށް ނޫންހެއްޔެވެ؟"  

ނަޢޫޛްބިﷲ. މިހުރީ ހައިދަހައިވާ ނުބައިކަން ބޮޑު ވިސްނުމެވެ. ހައުދަހައިވާ ނުބައިކަން ބޮޑު ވިސްނުމެވެ.  

މީސްތަކުންނޭވެ! ދުޢާކުރުމަކީ ޙާލަތު ބަދަލުކުރައްވަވާކަމެކެވެ. ލިޔުއްވަވާފައިވާ ގޮތްވެސް ބަދަލުކޮށްދެއްވަވާ ކަމެކެވެ. ދުޢާކުރުމުން ޢުމުރުވެސް ދިގުކޮށް ދެއްވަވަތެވެ.

ނަމަވެސް ދުޢާކުރަންވާނީ އިންތަކުގެ ތެރެއިންނެވެ. ދުޢާކުރިޔަސް ބަދަލުކުރައްވަވައި ނުދެއްވަވާނެ ކަންތައްތަކެއްވެއެވެ. އަދި ލިޔުއްވަވާފައިވީނަމަވެސް ދުޢާކުރުމުން ބަދަލުކުރައްވަވައި ދެއްވަވާނެ ކަންތައްތަކެއް ވެއެވެ. މިޘާލަކަށް ތިމަންނާ އަލުން އެހެން މައެއްގެ ބަނޑަށް ލައްވަވައި އެހެން މީހެއްގެ ދަރިއެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވަވައިދެއްވެވުން އެދި ދުޢާކުރިޔަސް ޢިޖާބައެއް ނުކުރައްވަވާނެއެވެ. އަލުން މައިމީހާގެ ބަނޑަށް ލައްވަވައި (މިހާރު ފިރިހެނެއްނަމަ) އަންހެނެއްގެ ގޮތުގައި އުފަންކޮށްދެއްވެވުން އެދިގެން ދުޢާކުރިޔަސް އެދުޢާއެއްވެސް ޢިޖާބަ ނުކުރައްވަވާނެތެވެ. ދޫނި ފަދައިން އުދުހެވޭނެ ގޮތް ހައްދަވައި ދެއްވެވުންއެދި ދުޢާކުރިޔަސް އެކަންވެސް ޢިޖާބަ ނުކުރައްވަވާނެތެވެ. 

މިހެން މިބުނަނީ އެކަންކަންވެސް ހިންމަވައި ދެއްވެވުމަށް ﷲ ތަޢާލާއަށް ކުލަދުންވަންތަކަން ލިބިވޮޑިގެން ނުވާތީއެއް ނޫނެވެ. އެކަންކަމަކީ ދުނިޔޭގައި މީސްތަކުން ލައްވަވައި ދުނިޔޭގައި އުޅުމަށް ލައްވަވާފައިވާ ނިޒާމުން ބޭރުގައިވާ ކަންކަން ކަމުގައިވާތީއެވެ. ދުޢާކުރުން އޮތީ ނިޒާމުގެ ތެރެއިންނެވެ. ނިޒާމުގެތެރެއިން ޝަރުޠުހަމަވާ ގޮތަށް ދުޢާކުރުމުން ޢިޖާބަ ނުކުރައްވަވާނެ ދުޢާއެއް ނެތެވެ.

ހަމަ އެއާއިއެކު ﷲ ތަޢާލާގެ އެންގެވުންތަކެއްވެސް އެބަހުއްޓެވެ. މިޘާލަކަށް ޢުމުރު ދިގުކޮށްދެއްވެވުމަށާއި ތަނަވަސްކަމަށް އެދޭމީހާއަށް ވަނީ ރަޙިމުގެ ގުޅުން ދަމަހައްޓަން އަންގަވައިފައެވެ.

ތިބާ ބޭނުންވާ ގޮތަށް ނުވަތަ އެދޭގޮތަށް ކަންކަން ބަދަލުވުމަށް އެދޭ މީހާ ފުރަތަމަކަމަކަށްވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އެއަށްފަހު ދުޢާކުރާށެވެ! އެއިރުން އެމީހަކަށްޓަކައި ކުރިން ލިޔުއްވަވާފައިވާ ގޮތް ބަދަލުކޮށްދެއްވަވައި އެކަން މަލާއިކަތުންނަށްވެސް އަންގަވާނެތެވެ. މިކަންކަމަށް ޝައްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކުރިން ލިޔުއްވިގެންވަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. އިރާދަކުރައްވަވައިފި ކޮންމެ ވަޤުތަކު ބޭނުންފުޅުވެވޮޑިގެންވާ ކޮންމެ ބަދަލެއް ގެންނެވުމުގެ ފުރިހަމަ އިޚްތިޔާރު ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ. "ޤަދްރް" ގެ މިލްކްވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން