އަންހެނުން މޫނުބުރުގާ އެޅުމުން، ފިރިހެނުން ތުނބުޅި ދިގުކުރުމުން އެމީހުންނަށް ފުރައްސާރަކުރާ ބައަކު އުޅޭކަން އެއީ ވަރަށް ދެރަކޮށް ކުރެވޭކަމެކެވެ. އެއީ ކުރެވޭ ނުބައި ކަމެކެވެ.
މިބާވަތުގެ ކަންކަން ކުރެވެނީ ބޭކާރު ވާހަކަތައް ގިނަކުރެވޭތީއެވެ. މީހުންގެ ވާހަކަދެއްކޭތީއެވެ. ޣީބަ ބުނެވޭތީއެވެ. ވީމާ އެބާވަތުގެ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ! ޚާއްޞަކޮށް އެވާހަކައެއް ދެއްކުމުން ތިމާ ފާފަވެރިވާނެ އެއްވެސް ވާހަކައެއް ދެއްކުމުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ދޫރައްކައުތެރިކުރުމަކީ އެއީއެވެ.
ސުންނަތަށް ޢަމަލުކުރާ މީހުންނަށް ފުރައްސާރަކުރުމުގެ ހުރިނުބައިކަން ބޮޑުކަން:
އިސްލާމްދީނުގެ ކަމަކަށް މީހަކު ޙުރުމަތްތެރިކޮށްހިތާ ހިނދުގައި އެކަންތައްކުރާ މީހުނަށް ނުވަތަ އެކަންތަކަށް ފުރައްސާރަ ކުރުމަކީ އެއީ އިސްލާމުން ނަށް رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އަށް ފުރައްސާރަ ކުރުން ކަމަށް ވެގެންދާނެއެވެ.
ސަބަބީ އެއީ އެމީހަކު އެކަންތައް އެކުރަނީ އެއީ މިދެންނެވި، ތުނބުޅި ދިގުކޮށްފައި ހުންނަމީހަކު ތުނބުޅި ދިގުކޮށްފައި ހުންނަނީ ނުވަތަ ފައިކުރި ކުރުކޮށްފައި ހުންނަނީ އެއީ رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އެކަމަށް އިރުޝާދު ދެއްވާފައިވާތީ ނުވަތަ އެކަލޭގެފާނު އެކަމަށް އަމުރު ކުރައްވާފައިވާތީ އެ އަމުރުފުޅަށް ކިޔަމަންތެރި ވުމުގެ ގޮތުން އެމީހަކު ކުރާ ކަންކަމެވެ.
އެހެންވީމާ އެގޮތަށް ކަންތައް ކުރަމުން ދާއިރުގައި އެމީހާއަށް އެކަންކުރަން ހުރަސް އެޅޭފަދަ ގޮތަކަށް އޭނާއަށްމަލާމާތްކޮށް ފުރައްސާރަކޮށް ކަންތައް ކުރާކަމަށް ވަނީވިއްޔާ އޭގެ މާނައަކީ އެކަން ކުރާމީހަކު، މާނައަކީ ފުރައްސާރަ ކުރާމީހަކު އެ ފުރައްސާރަ ކުރަނީ ޙަޤީޤަތުގައި ތުނބުޅި ދިގުކޮށްފައިހުރި ނުވަތަ ފައިކުރި ކުރުކޮށްފައިހުރި މީހާއަކަށް ނޫނޭ، އޭނާއަށް ޙަޤީޤަތުގައި ފުރައްސާރަ އެކުރެވެނީ رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އަށޭ.
- ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(މިމޭރުމުން ކޮށްފައިހުންނަ ސުވާލުގެ ޖަވާބު މީގެކުރިންވެސް ގެނެސްދެވިފައިވާނެއެވެ. ތަކުރާރުކޮށްވެސް ގެނެސްދެނީ މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ނޭނގިތިބެ ނަމަވެސް ދޫރައްކައުތެރިނުކުރެވޭ މީހުން ގިނަކަމުންނެވެ.)