މިސްކިތްތަކަށް ސަމާލުކަންދޭފަދައިން މިސްކިތްތަކުގެ ހަރިންމަ ނުވަތަ ގޯތިތެރެއަށްވެސް ސަމާލުކަންދީ ސާފުތާހިރުކަން ދަމަހައްޓަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
މިސްކިތްތަކަށް ސަމާލުކަންދޭފަދައިން މިސްކިތްތަކުގެ ހަރިންމަ ނުވަތަ ގޯތިތެރެއަށްވެސް ސަމާލުކަންދީ ސާފުތާހިރުކަން ދަމަހައްޓަންވާނެ!

އެންމެންހެން މިސްކިތްތަކުގެ ސާފުތާހިރުކަން ދަމަހައްޓަން މަސައްކަތްކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު ބައެއް މީހުން މިސްކިތްތަކުގެ ގޯތިތެރެއަށް ސަމާލުކަން ކުޑަކުރެއެވެ. ކުނިއަޅައި ހަޑިވާނެ ފަދަ ކަންކަން ކުރެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މިސްކިތާ ސީދާ އެއްދަރަޖަ ނުދިނަސް މިސްކިތްތަކުގެ ގޯތިތެރޭގެ ސާފުތާހިރުކަމަށްވެސް ލޯބިކުރަންވާނެއެވެ. އެތަނުގެ ޙުރުމަތް ކެނޑޭފަދަ ކަންކަން ކޮށްގެން ނުވާނެއެވެ.   

ހުޅުމާލޭގައި ބިނާކުރި މަސްޖިދް ޙަސަން އާދަމް ހުޅުވައިދެއްވުމަށްފަހު އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކުރައްވައި މިސްކިތްތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެންވެސް މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.  

ޑރ. ޝަހީމްގެ ވާހަކަފުޅު:  

އައްސަލާމް ޢާލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. 

މިއަދަކީ އަޅުގަނޑުމެންނަށް ވަރަށްވެސް އުފާވެރި ދުވަހެއް. ހުޅުމާލޭ ފޭސް 2 ގަ ދާއިމީ މިސްކިތެއް އިފްތިތާޙް ކުރެވިގެންދާ ދުވަސް މިއަދުމީ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދިޔަ މި މަޝްރޫއަކީ މީ މިހާތަނަށް ހުޅުމާލޭގަ ޤާއިމް ކުރެވޭ އެންމެ ރީތި މަޝްރޫއު، މިސްކިތް. އަޅުގަނޑު މި ފުރުސަތުގަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މުނިހޯމް ކުންފުންޏަށް، އެބޭފުޅުންގެ އިސްބޭފުޅުންނަށް، މުވައްޒަފުންނަށް. މިހާ ފުރިހަމަކޮށް މިހާ ތަރުތީބުކޮށް، މިހާ ބޮޑު މިސްކިތެއް، މިހާ އަގުބޮޑު މިސްކިތެއް ޤާއިމް ކޮށްދެއްވި ކަމަށްޓަކާ.  

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވޭ:

"މާތް ﷲ އަށްޓަކާ އެކަލާންގެއަށް އަޅުކަން ކުރުމަށްޓަކާ ބިންމަތީގަ މިސްކިތެއް ޤާއިމް ކޮށްފި މީހާޔަށް ސުވަރުގޭގަ މާތް ﷲ ގަނޑުވަރެއް ބިނާ ކޮށްދެއްވާނޭ." 

އެހެންވީމާ އެހާވެސް މާތް މަތިވެރި ކަމެއް މިސްކިތް ބިނާކުރުމަކީ. މި މިމިސްކިތަކީ މީ މި މިސްކިތައް ބަލާލުމުންވެސް ވަރަށް އަގުބޮޑުކޮށް ބިނާކޮށްފައިވާ މިސްކިތެއްކަން އިނގޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ދުޢާ އަކީ މި މިސްކިތް ބިނާކުރެއްވި ފަރާތުގެ މުދަލުގައި މާތް ﷲ ބަރަކާތް ލެއްވުން. 

އަދި މި މިސްކިތައް ބަލާލުމުން މި މިސްކިތަކީ ވަރަށް ރީތިކޮށް ބިނާ ކުރެވިފައިވާ މިސްކިތެއްކަން އިނގޭނެ. އެހެންކަމުން މި މިސްކިތަށް ނަމާދަށް އަންނަ ހުރިހާ ފަރާތްތަކުން ސާފުތާހިރުކަމާ އެކުގާ މި މިސްކިތް ބެލެހެއްޓުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއް...  

އަޅުގަނޑުމެން އަމިއްލަ މަސްއޫލިއްޔަތު އުފުލަންވާނެ. މިސްކިތްތަކުގެ ސާފުތާހިރު ކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކާ މިސްކިތްތަކަކީ ވަރަށް މާތް މަތިވެރި ތަންތަން. ﷲ މަތިން ހަނދުމަ ކުރެވޭ ތަންތަން. ﷲ ގެ މަތިވެރި ގެކޮޅު. އެހެންވީމާ މިސްކިތްތައް ދެކެ ލޯބިވުމާ މިސްކިތް ބިނާކުރުމާ މިސްކިތްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާ މި ހުރިހާ ކަމަކީވެސް މީ ހަމަ ﷲ ލޯބިވެވޮޑިގަންނަވާ  ހެޔޮ ޢަމަލުތައް.  

އަސްލުގަ މިއަދުގެ މި މިސްކިތް އިފްތިތާޙް ކުރުމަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް އޮތީ. އެހެންނަމަވެސް. ކަންތައްތައް ދިމާވިގޮތުން ރަށުން ބޭރުގަ އުޅުއްވަން ޖެހިވަޑައިގަތުމާ އެކުގާ އަޅުގަނޑު މިއަދު މި މސްއޫލިއްޔަތު މި އުފުލަނީ. އަޅުގަނޑަށް ލިބޭ ވަރަށް މތިވެރި އުފަލެއް މި މިސްކިތް އިފްތިތާޙް ކުރުމަކީ. އަދި ރަމަޟާންމަސް ފެށެންވާއިރަށް މި މިސްކިތް އިފްތިތާޙް ކުރެވިގެން ދިޔަ ދިއުމަކީ މި ސަރަޙައްދުގަ ހިޔާގަ އުޅެމުންދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ލުއިފސޭހަ ކަމެއް.

އެހެންކަމުން އަދިވެސް ޝުކުރު ތަކުރާރުކުރަމުން އަޅުގނޑު ވާހަކަ ކޮޅު ނިންމާލަން.. ﷲ  އިރާދުކުރެއްވިއްޔާ  މި މިސްކިތް ވެގެންދާނީނއެންމެހާ ލޮބުވެތި އަޚުންނާ އުޚްތުންނަށް ވަރަށް ބޮޑު ލުއި ހެޔޮ ފަސޭހައަކަށް.

މި މިސްކިތް އިފްތިތާޙް ކުރުމުގެ ޝަރަފް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

 

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު

 

މިއަދު އޮންލައިން