ބައެއް ބައްޕައިން ބުނެއެވެ. "އަހުރެންގެ ދަރިފުޅަށް އަނިޔާނުކުރާށެވެ! އެއީ އަހުރެންގެ ލެޔެވެ؟" ބައެއް ބައަޕްއިންނަށް ނުވިސްނޭކަމަކީ އެދަރިފުޅުވިހެއީ ހަމަ ތިމާގެ ހަށިގަނޑުންވެސް ބައެއް ލައްވަވައިގެން ﷲ ތަޢާލާ އުފަންކުރައްވަވާފައިވާ އަންހެނަކު ކަމެވެ. އަދި ދަރިއަކު ނުވިހެއި ނަމަވެސް ތިމާގެ އަނބިމީހާއަކީ ތިމާގެ ހަށިގަނޑުންވެސް ބައެއް ލައްވަވައިގެން ﷲ ތަޢާލާ އުފަންކުރައްވަވާފައިވާ އަންހެނަކު ކަމެވެ.
ހައްވާގެފާނު އުފެއްދެވީ އާދަމްގެފާނުގެ ކަށިގަނޑަކުންނެވެ. އެކަން ޤަބޫލުކޮށް ވަރަށް ގިނަ ފިރިހެނުން އަނބިންނަށް ކަންކަން ކުރަނީ ވަރަށް އޯގާތެރި ގޮތުގައެވެ. ނަމަވެސް އަނބިންނަށް އަނިޔާވެރިވާ ބައަކުވެސް އުޅެއެވެ. އެހެންކަމުން ސުވާލަކީ ތިބާހަށިގަނޑުގެ އެއްބައަށް ތިއަ އަނިޔާކުރަނީ ހަމަ ތިބާއަށް ތަދުނުވާތީހެއްޔެވެ؟
ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ.
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫން: 21)
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީމާ އަހަރެމެންގެ ނަފްސްތަކުން އަނބިން އުފެއްދެވި ސަބަބު މިއޮތީ އެނގޭށެވެ! "އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީއިރު އަނބިންނަށް އަނިޔާވެރިވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
"އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." ވީމާ ރަނގަޅަށް ވިސްނާށެވެ! މިއޮތީ އަނހެނުންނާއި ފިރިހެނުން ވެސް ވިސްނަންވީ ބައެވެ. ﷲ ތަޢާލާ ހަމައެކަނި އަނބިން އުފެއްދެވީއެއް ނޫނެވެ. "އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ." ވީއިރު ލޯތްބާއި ކުލުނާއި އޯގާތެރިކަން ދޫކޮށްލަން ފިރިމީހާވެސް އަދި އަނބިމިހާވެސް ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟
ކުރިއަށް އަންނަން އޮތީ މިފދަ އެންމެހައި ކަންކަމަށް ސުވާލުކުރެވޭނެ ދުވަހެވެ. ވީމާ އެންމެ މުހިންމީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭނެ ގޮތަށް އާޚިރަތަށް ދިއުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން