ޔާ ﷲ! މިއަޅާއަށްޓަކައި ޢަމަލީ ގޮތުން ގިނަގުނަ ޚިދުމަތްތައް ކޮށްދިން މަންމަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އަދި މިއަޅާއަށް ޚަރަދުކުރާނެ ފައިސާ ހޯދަން ރެއާ ދުވާލު ބުރަކޮށް މަސައްކަތްކުރި ބައްޕައަށްވެސް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ކިޔެވުމަށާއި އެހެން ކަންކަމަށް ބައްޕަ ހޭދަކުރީ ކިހާގިނަ ފައިސާކަން މޮޅަށް ދެނެވޮޑިގެންވަނީވެސް އިނބަ ﷲ އެވެ. އެފައިސާ ހޯދަން ބައްޕަކުރި ބުރަ މަސައްކަތްވެސް މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ. މިއަޅާއަށް އެނގޭ ކަމަކީ އިނބަ ﷲ ގެ ވާގިފުޅާއިއެކު މިހިސާބަށް މިއަޅާއަށް އައުދެވިފައި މިހުރީ ބައްޕަކުރި ހޭދައިން ކަމެވެ.
ޔާ ﷲ! ބުރަކޮށް މަސައްކަތްކުރަމުންވެސް ވީވަރަކުން މިއަޅާ މިސްކިތުގެ ޖަމާއަތަށް ބައްޕަ ގެންގޮސްދިނެވެ. މިއަޅާއަށް ޖަމާޢަތުގައި ނަމާދުކުރަން އާދަވެފައި މިހުރީ މިއަޅާގެ ބައްޕަގެ ސަބަބުންނެވެ. ނުބައި އެކުވެރިންނާއިއެކު ނުއުޅެވުނީ ބައްޕައަށް ބިރުންނެވެ. މިއަޅާގެ އަނބިމީހާއަށް ލޯބިދީގެން ގެންގުޅެން ދަސްވެފައިމިހުރީ ބައްޕަ މަންމައަށް ލޯބިދިނީތީއެވެ.
ޔާ ﷲ! މިއަޅާގެ ބައްޕައަށް ހެޔޮ ރަޙްމަތް ލައްވަވައި ރަނގަޅު ނިމުމެއް ދެއްވަވާނދޭވެ! މިއަޅާގެ ބައްޕައަށް ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްކަމުގައި ލައްވަވާނދޭވެ! ބައްޕަގެ ފާފަތައް ފުއްސަވައި ދެއްވަވައި ޖަންނަތުލްފިރުދައުސްގައި ބައްޕަގެ ފުރާނަ ލައްވަވާނދޭވެ! އާމީން
ބައްޕަ ނިޔާވެފައިވާނަމަ " ޔާ ﷲ! މިއަޅާގެ ބައްޕައަށް ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއެއްކަމުގައި ލައްވަވާނދޭވެ! މިއަޅާގެ ބައްޕަގެ ފާފަތައް ފުއްސަވައި ދެއްވަވައި ޖަންނަތުލްފިރުދައުސްގައި ބައްޕަގެ ފުރާނަ ލައްވަވާނދޭވެ! އާމީން
ދަރިންނަށް ބުނެލަން އޮތީ ކޮންމެ ދަރިއަކުވެސް ބައްޕައަށްޓަކައި މިފަދައިން ދުޢާކުރުން ހުއްޓައިނުލާށެވެ! ބައްޕައިންނަށް ބުނެލަން އޮތީ ތިމާއަކީ ދަރިންގެ ފަރާތުން މިފަދަ ދުޢާއެއް ލިބުން ޙައްޤުވާ މީހަކަށްވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން