ފަށްކުކުރުމެއް: ޢަލީ ބިން އަބުލްޢާޞް: މާތް ރަސޫލާގެ ކާފަދަރިކަލެއް

ކިޔުމަށް ހޭދަވާނީ 4މ 7ސ
ފަށްކުކުރުމެއް: ޢަލީ ބިން އަބުލްޢާޞް: މާތް ރަސޫލާގެ ކާފަދަރިކަލެއް

ޢަލީ އިޙްޞާން ފިރާޤް  

علي بن أبي العاص بن الربيع 

علي بن أبي العاص رضى اللّـه عنه އަކީ السّيدة زينب رضى الله عنها އާއި أبو العاص بن الرّبيع ލިބިވަޑައިގެންނެވި ފިރިހެންދަރިކަލުންނެވެ. السّيدة أمامة رضى الله عنها ގެ ކޮއްކޯފުޅެވެ. ކާފާފުޅަކީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم އެވެ. މާމާފުޅަކީ އެންމެހައި މުއުމިނުތަކުގެ މައިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها  އެވެ. ބަފައިފުށުގެ މާމާފުޅަކީ هَالَةُ بنت خُوَيْلِد رضى الله عنها  އެވެ.

علي بن أبي العاص رضى اللّـه عنه ރައްކައުވުމުން އެކަލޭގެފާނަށް ކިރުފޮދު އެރުވުމަށްޓަކައި، ޙަވާލުކުރެވުނީ، بني غاضرة ގެ އަންހެނަކަށެވެ. السّيدة أمامة رضى الله عنها އެކޭ އެއްފަދައިން މާތް ރަސޫލާ صلّى اللّـه عليه وسلّم ޚާއްޞަ ލޯބިފުޅެއް علي بن أبي العاص رضى اللّـه عنه އަށްވެސް ވަނީ ލިބިވަޑައިގެންފައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަރަކު السّيدة زينب رضى الله عنها ގެ ގެކޮޅަށްވަޑައިގެންނެވިއެވެ. އެއަށްފަހު علي بن أبي العاص އުރުވަޑުވައިލައްވައި، އޮޅުލައިވަޑައިގެން ހުންނަވައި ޙަދީޘް ކުރެއްވެވިއެވެ.

 [އެހެން އެއްވެސް މީހަކަށް ޙައްޤުނުވާވަރަށް މިދަރިކަލުން އެންމެ ޙައްޤުކަން ބޮޑީ އަހަރެންނަށެވެ. މުސްލިމަކާއި ޣައިރު މުސްލިމަކު އެއްޗެއް ޙިއްޞާކުރާނަމަ، އޭގެ މައްޗަށް މުސްލިމު މީހާގެ ޙައްޤު މާބޮޑުވާނެއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم އެހެން ޙަދީޘުފުޅު ކުރެއްވީ އޭރު أبو العاص بن الرّبيع رضى اللّـه عنه އިސްލާމްވެވަޑައިނުގަންނަވާތީއެވެ. 

ތާރީޚު ލިޔުންތެރި ފާހަގަކުރާ ގޮތުގައި، މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާ ފަތަޙަކުރައްވަން ވަޑައިގެންނެވި ދަތުރުފުޅުގައި علي بن أبي العاص ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަހަތްޕުޅުގައެވެ. އެކަލޭފާނު އަވަހާރަވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައެވެ. އޭރު އަދި އެކަލޭގެފާނަކީ ތުއްޕުޅުބޭފުޅެކެވެ.  

{ ابن الأثير، أُسْد الغابة في معرفة الصحابة، ތިންވަނަ ޖިލްދު 306} 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން