ދުނިޔެއަށް އާދެވުމަށްފަހު އެންމެ ޔަޤީންކަން ބޮޑު ކަމަކީ މަރުވާނެކަން ނަމަވެސް އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ މީހުން ވަރަށްގިނައެވެ. ހަމައެކަނި ވަރަށް ގިނައީ އަކީއެއް ވެސް ނޫނެވެ. މަރުވުމުގެ ވާހަކަތައް ދައްކަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ. ދައްކަނީ ވަރަށް މަދު މީހެކެވެ.
މިހެން މިކަން މެދުވެރިވާ ފުރަތަމަ ސަބަބަކީ ދުނިޔެއާއިމެދު ޣާފިލުވެވިފައި ތިބޭވަރު ބޮޑުކަމުންނެވެ. އަވަހަކަށް މަރުނުވާނެ ކަމަށް އޮންނަ ޔަޤީންކަން ބޮޑުކަމުންނެވެ. ދެވަނަ ސަބަބަކީ ތިމާއަށް ދިރިއުޅެވެމުން މިގެންދެވެނީ މަރަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ނުކުރެވިކަން ތިމާއަށް ޤަބޫލުކުރެވޭތީއެވެ. އަމަލުތައް އިޞްލާޙް ކުރުމަށްފަހު ދައްކަން މަޑުކުރެވޭތީއެވެ.
ތިންވަނަ ސަބަބެއްވެސް އޮވެއެވެ. އެއީ މަރުގެ ވާހަކަ ދެއްކުމުން އަނެކާގެ ހިތަށް ބިރުވެރިކަން ވަދެ އެމީހާގެ ކިބައިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ޙާޞިލު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. މާނައަކީ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންތައްތަކެއް އަނެކާގެ ކިބައިން ޙާޞިލުކުރުމަށް އެދެވޭތީއެވެ. މި މައްސަލަ ނުވަތަ މި ދަހިވެތިކަން އެންމެ ބޮޑަށް އޮންނަނީ ކައިވެންޏާއި ނުލައި ލޯބިވެރިންގެ ނަމުގައި އެކުގައި އުޅޭ ޒުވާނުންގެ މެދުގައެވެ.
މި 3 ސަބަބަށް ބަލައިފިނަމަ އެންމެ ނުރައްކައުތެރި ސަބަބަކީ 3 ވަނަ ސަބަބެވެ. އެސަބަބު އިތުރަށް ތަފްޞީލްކޮށްލައި ދޭނަމެވެ. ޒިނޭކުރަން ބޭނުންވެގެން ހުންނަ މީހަކު އެންމެ ކުޑަމިނުން ޒިނޭކުރުމުން ބޮޑެތި ބަލިތައް ޖެހޭ ވާހަކަވެސް ނުދައްކާނެއެވެ. އެއީ އަނެކާ ޒިނޭނުކޮށްފާނެތީއެވެ.
ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަ ދެއްކުމުގައިވެސް ވަނީ މިފަދަ ގޮތެކެވެ. އަނެކާ ލައްވައި ފާފަކުރުވަން ބޭނުންވެގެން ހުންނަ މީހަކު "ފާފަކުރާ މީހުންނަށް ހުރީ ނަރަކަ" ކަން ހަނދާންކޮށްދޭން މަސައްކަތެއް ނުކުރާނެއެވެ. ވީމާ އަޅުކަންކުރަން ހަނދުމަކޮށްނުދޭ އަދި ނަރަކައިން ސަލާމްވެތިބުމަށް ހިތްވަރުނުދޭ ހަމައެކަކާއިވެސް ގުޅުން ނުބާއްވާށެވެ! އޭނާގެ ސަބަބުން ތިބާގެ އާޚިރަތް ގެއލިގެން ހިނގައިދާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން