ރޯދަމަސް އައުމުން ރޯދަހިފަން ބުނުމުގެ ބަދަލުގަ ރޯދަ ހިފުމުން ކުރާނެ ފައިދާތައް ކުރިއާލައި ކިޔައިދެމުންދާނަމަ ރޯދަހިފަން ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރޯދަމަސް އައުމުން ރޯދަހިފަން ބުނުމުގެ ބަދަލުގަ ރޯދަ ހިފުމުން ކުރާނެ ފައިދާތައް ކުރިއާލައި ކިޔައިދެމުންދާނަމަ ރޯދަހިފަން ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެ!

އަޅުގަނޑުގެ ދެކުދިން ތިބެއެވެ. ރޯދަމަސް އައުމުން ރޯދަހިފަން ބުނިނަމަވެސް ވަރަށް ގިނަ ސުވާލުތައް ކުރެއެވެ. ރޯދަ ހިއްޕުވަންޖެހެނީ ވަރަށް ބޮޑަށް ބާރުއަޅައިގެންނެވެ. އެހެންވެ އަޅުގަނޑު ބޭނުންވަނީ އަންނަ ރޯދަމަސް އައިސް ބައްދަލުކުރަންވާއިރަށް އެކުދިންގެ ހިތުގައި ރޯދަ ހިފަން ޝައުޤުވެރިކަން އުފައްދުވަން މަސައްކަތްކުރާށެވެ. އެކަމަށް ކުރާނެ ކަމެއް ބުނެދީފާނަންތަ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމަކީ ތިއަ ކަންތަކަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ބޮޑެތި މީހުންނަށްވެސް ކޮންމެ ކަމެއްވެސް ކުރަން ފަސޭހަވާނީ އެކަމަކުން (އެކަމެއް ކުރުމުން) ތިމާއަށް ކުރާނެ ފައިދާ އެނގުނީމައެވެ. އެކަން ބުއްދިއަށް ޤަބޫލުކުރެވުނީމައެވެ. ވީމާ ކުޑަކުދިން ރޯދައަށް ތިބޭއިރު އެކަމަށް ހިތްވަރުދޭންޖެހޭނެއެވެ. އަދި ރޯދަ ހިފަން ކުދިން ޝައުޤްވެރިކުރުވަން މަސައްކަތްކުރަންވާނެއެވެ.  

އެގޮތުން ބުނެދޭންވީ ބައެއް ކަންކަން:  

- ރޯދައަށް ﷲ ތަޢާލާ ޘަވާބު ދެއްވަވަނީ އެއްވެސް އިމެއް ނެތިކަން ބުނެދޭށެވެ!

- ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުންނަކަމާއި އެދޮރުކޮޅުން ވައްދަވާނީ ހަމައެކަނި ރޯދަހިފި މީހުންކަން ވިސްނައިދޭށެވެ!

- ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ވަސްކަން އަނގައިދޭށެވެ.

- ރޯދަ ހިފުމަކީ ޞިއްހަތަށްވެސް ވަރަށް ފައިދާހުރި، ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދުނިޔޭގެ ހުރިހާ ޑޮކްޓަރުން އެއްބަސްވާކަންވެސް ބުނެދޭށެވެ!

- ރޯދަވީއްލާ ވަގުތު އެއީ ދަރިފުޅު އެންމެ ބޮޑަށް ބޭނުންވާ ކަންތަކަށް އެދި ދުޢާކުރަން އެންމެ ރަނގަޅު ވަގުތުކަމާއި އެވަގުތުކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެކަން ވެސް ބުނެދޭށެވެ.  

މިފަދަ އެތައް ކަމެއް ބުނެދެވިދާނެއެވެ. މިފަދަވާހަކަތައް ކިޔައިދޭންޖެހޭނީ ވަރަށް ލޯބިންނެވެ. ކުދިންގެ ސަމާލުކަން ހޯދައި އެކުދިން ޝައުޤުވެރިވާނެ ގޮތަށެވެ.  

މިޘާލަކަށް ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅުގެ ވާހަކަ ބުނެދޭން: 

"ދަރިފުޅާއެވެ. ސުވަރުގޭގައި 8 ދޮރުކޮޅުހުރެއެވެ. އެތަނުން އެއްދޮރުކޮޅަކީ ރޯދަހިފާ މީހުން ސުވަރުގެ ވަންނަން ޚާއްޞަކުރައްވަވާފައިވާ ދޮރުކޮޅެކެވެ. އެދޮރުކޮޅުން ވައްދަވާނީ ރޯދަހިފި މީހުންނެވެ. އެދޮރުކޮޅުން ވަންނަން ދަރިފުޅު ބޭނުންހެއްޔެވެ؟" ފަދަ ގޮތަކަށް ވިސްނައިދޭން މަސައްކަތްކުރާށެވެ!  

ރޯދަވީއްލާ ވަޤުތުތުގައާ އެހެން ވަޤުތުތަކުގައިވެސް ދުޢާކުރަން ޝައުޤުވެރިކަން އުފައްދުވަން ނަމަ:  

"ދަރިފުޅާއެވެ! ދަރިފުޅު ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ! މަންމަމެން، ބައްޕަމެން ގާތު ނުބުނި ނަމަވެސް އެވަގުތު ﷲ ތަޢާލާއަށް ދަންނަވާށެވެ! ކުޑަކޮށް ލަސްވެލި ނަމަވެސް އަކަމެއް ހިންމަވައިދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. ވީމާ ރޯދަވީއްލާ ވަގުތު ލިބޭ އެ އަގުހުރި ފުރުޞަތުގެ ބޭނުން ހިފޭނީވެސް ރޯދައަށް ހުރެގެން ނޫން ހެއްޔެވެ؟ މަންމަމެން ބައްޕަމެންނަށް ކޮށްނުދެވިދާނެ ބައިވަރު ކަންކަންވެސް ދަރިފުޅު ބޭނުންވާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ހިންމަވައި ނުދެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިރާދަކުރައްވަވާއިރަށް އެކަމެއް އޮންނާނީ ވެފައެވެ. އެކަލާނގެއީ ކޮންމެ ކަމެއް ކޮށްދެއްވެވުމަށްވެސް ކުޅަދުންވަންތަ ދީލަތިވަންތަ  ރަސްކަލާނގެއެވެ."  

މިފަދަ ޢިބާރާތްތަކުން ކުދިންނާއި މުޢާމަލާތުކުރާށެވެ. އެއިރުން ރޯދަހިފަން ޝައުޤުވެރިވުމުގެ އިތުރުން އެކުދިންގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ލޯބިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން