ފަތިހު ހުޅުވައި ކިޔަވަން ސޭޓް އިންނަތާ ފަނަރަ އަހަރުވީ ހޮޓަލަށް ސޭޓް ނުއަންނަން ފެށިތާ 6 މަސްތެރޭ ހޮޓާ ބަންދު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ފަތިހު ހުޅުވައި ކިޔަވަން ސޭޓް އިންނަތާ ފަނަރަ އަހަރުވީ ހޮޓަލަށް ސޭޓް ނުއަންނަން ފެށިތާ 6 މަސްތެރޭ ހޮޓާ ބަންދު!

އެއީ މާލޭގެ ހޮޓަލެކެވެ. މާބޮޑު ހޮޓަލެއް ނޫނެވެ.

އަޅުގަނޑުމެން ކުޑައިރު ފަތިހު ހޮޓަލަށްވަންއިރުވެސް ކިޔަވަން ސޭޓް އިންނާނެއެވެ. އެހެންވެ ނައެއް އެކުވެރިން އޭނާއަށް ކިޔަވާސޭޓުވެސް ކިޔައެވެ. ކޮންމެއަކަސް އަޅުގަނޑަށް އެކަން ފެންނަތާ 15 ވަރަކަށް އަހުރުފަހުން ސޭޓު ގެއްލިއްޖެއެވެ. ފަތިހަކު ނުފެނެއެވެ. އެކަމަކު ކަމެއްގައި އިނދެގެން ބަންގްލްދޭޝްމީހަކު ކިޔަވައެވެ. އެއީ އަގަށް ކިޔަވައިދޭ މީހެއްތޯ ސުވާލުކުރުމުން ބުނީ މުވައްޒިފެއް ކަމަށެވެ. ދުވާލުގެ ބައެއް ވަޤުތުތަކުގައި ސޭޓުފެންނާތީ ބަލިވެއުޅެނީ ނޫންކަން އެނގެއެވެ. ކޮންމެއަކަސް ސޭޓު ގެއްލުނުތަނާ ހައަކަ މަސްތެރޭ ހޮޓާ ބަންދުކޮށްފިއެވެ. ބުނީ ގެއްލުންވާތީ ބަންދުކުރީ ކަމަށެވެ.  

މިއީ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. އެދެނީ ތިރީގައިވާ ލިޔުންވެސް ވިދާޅުވެލެއްވުމެވެ. ޢަމަލުކުރައްވައިފިނަ ވިޔަފާރިން ކުރާ ނަފާ އިތުރުވާނެއެވެ. އިން ޝާ ﷲ  

އަތުގައި ފައިސާހުރިނަމަވެސް، ކުރާ ވިޔަފާރީގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ ކަންބޮޑުވާ މީހުން ވަރަށް ގިނައެވެ. ނަފާ އިތުރުކުރަން ކުރެވިދާނެ ކަމަކާއި ބެހޭ ގޮތުން ބައެއް މީހުން ސުވާލުވެސް ކުރެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ކިޔައިލާށެވެ! ފައިދާފެންނާނެއެވެ! އިން ޝާ ﷲ 

އަހަރެން ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލެސިސްޓަރ ސިޓީގައެވެ. އެއް ދުވަހަކު ފިހާރައަކަށް ނާނެއް ގަންނަން ދިއައިމެވެ. ގޮސް ފައިސާ ދިނުމުންވެސް ސޭޓު އަޅައެއް ނުލައެވެ. ކުނި މޫނު ދައްކައިގެން އިންނަނީ އެވެ.

އެކަމާއިމެދު ހިތްހަމަނުޖެހުމުން ސޭޓަށް ބުނީމެވެ. "ސޭޓު ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހި ކަންބޮޑުވެފައި އިންހެން ވަރަށް ހީވެއެވެ." ޖަވާބުގައި ސޭޓު ބުނީ ކަންބޮޑުވެފައި އިނީ ކައިރީ ފިހާރަތަކަށް ބައިވަރު ކަސްޓަމަރުން ދާއިރުވެސް އެފިހާރައަށް ކަސްޓަމަރުން ނުލިބޭތީ ކަމަށެވެ. ވިޔަފާރި ނުވި ނަމަވެސް ގެންގުޅޭ މުވައްޒިފުންނަށް މުސާރަ ދޭންޖެހޭނެތީ ކަމަށެވެ.

އަހަރެން ބުނީމެވެ. "ސޭޓާއެވެ. ވިޔަފާރި ރަނގަޅުވާނެކަމަށް އަހރެންނަށް ޤަބޫލުކުރެވޭ 5 ކަމެއް އަހަރެން ބުނެދީފާނަމެވެ. އަޅެ ނިކަން ތަޖުރިބާ ކޮށްލައި ބަލާށެވެ!  

ފުރަތަމަ ކަމަކީ ފިހާރަ ހުޅުވުމުގެ ކުރިން ފަތިސް ނަމާދުކުރުމެވެ.

ދެވަނަ ކަމަކީ ދޮރުހުޅުވަމުން ބިސްމިﷲ ކިޔުމެވެ.

 3 ވަނަ ކަމަކީ ފިހާރަ ހުޅުވައި ގޮނޑީގައި އިށީނުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކުރުން ގިނަކުރުމާއިއެކު ރަސޫލް (ﷺ)އަށް ޞަލަވާތް ކިޔެވުމެވެ.

 4 ވަނަ ކަމަކީ ކަސްޓަމަރުން ވަނުމުން ހިނިތުންވެލައި މުޢާމަލާތު ކުރުމެވެ.

 5 ވަނަ ކަމަކީ ކައިރީގައި ހުރި އެހެން ފިހާރަތަކުން މީހުން ވިޔަފާރިކުރާތީ ހަސަދަވެރިވުމުގެ ބަދަލުގައި އެ ފިހާރަތަކުގެ ވިޔަފާރިވެސް ރަނގަޅުވޭތޯ ދުޢާ ކުރުމެވެ."

އެއީ އަހަރެން ޗުއްޓީއެއްގައި ފުރަން އޮތް ދުވަހެކެވެ. އަހަރެން މިވާހަކަތައް ބުނެފައި ގެއަށް ގޮސް ފުރައިގެން ދިއައީއެވެ. މަހެއްހައި ދުވަސް ފަހުން އެނބުރި އައިސް އެ ފިހާރައަށް ދިއައިރު ކަސްޓަމަރުން ގިނަވެ ފިހާރަ އޮތީ ފުރިފައެވެ. އަހަރެން ހަމަ ފެނުމާއިއެކު ސޭޓު ބުނީ އަހަރެންގެ ބަސް ޤަބޫލުކުރުމުގެ ނަތީޖާ ފެނިއްޖެ ކަމަށާއި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަހަރެން ބުނީމެވެ. "މަރްޙަބާއެވެ! ޝުކުރު އަދާކުރަންޖެހޭނީ ﷲ ތަޢާލާއަށެވެ. ވިޔަފާރި އަދިވެސް އިތުރަށް ރަނގަޅުކުރަން ބޭނުންނަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ކުރެވޭތޯ ބަލާށެވެ! ތިމާއަށް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއިއެކު އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވާށެވެ."  

ވިޔަފާރިކުރާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ވިޔަފާރި އިތުރަށް ފުޅައުވެ ލިބޭ ނަފާ އިތުރުވުމެވެ. އެ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ.  

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވިޔަފާރި ކުރިއަރައި ލިބޭ ނަފާ އިތުރުވާނީ ވާދަކޮށްގެން ކަމަށެވެ. ވިޔަފާރި ކުރިއަރުވަން ވާދަ ކުރެވިދާނެ ކަންކަން ވެސް އެބަހުއްޓެވެ. އެއީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ ތަކެތި ވިއްކަން ބެހެއްޓުމާއި ތާޒާ ނުވަތަ އައު މުދާ ވިއްކުމާއި އެކަށީގެންވާ ހެޔޮ އަގުގައި ތަކެތި ވިއްކުން ފަދަ ކަންކަމެވެ.  

ހަމައެއާއިއެކު ވިޔަފާރީގައި މަކަރު ނުހަދާށެވެ. މުދައު ވިއްކުމަށްޓަކައި ގަތީ ބޮޑުއަގުގައިކަމަށްބުނެ ދޮގު ނުހަދާށެވެ. މުއްދަތުހަމަވެފައި ހުންނަ މުދައު ނުވިއްކާށެވެ. ފައިދާލުމުގައި މެދުމިންވަރެއް އިޚްތިޔާރުކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން