ޙަސަދައިން މެދުވެރިނުވާނީ ކޮންކަމެއްކަން ބުނާކަށް ނުއެނގޭނެއެވެ. ކިތަންމެ ބޮޑުދެރައެއްވެސް ލިބިދާނެއެވެ. ލިބޭ އެންމެ ބޮޑު ދެރައަކީ ޖިންނި ޝައިޠޯނުން އަވަލުންކަމަށްވެސް ބެލެވެއެވެ. އެކަމަށް ވަކިޢުމުރެއްވެސް ނެތެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ނުއެނގުނު ނަމަވެސް އަދި ޤަބޫލުނުކުރެވުނު ނަމަވެސް ޖިންނި ޝައިޠޯނުން އެންމެ ގިނައިން އަވަލަނީ ކުޑައިރުއެވެ! އެއީ ކުޑައިރު އެހެންކުދިންނާއި ބޮޑެތި މީހުންވެސް ކުޑަކުދިންނަށް ޙަސަދަވެރިވާތީއެވެ.
މިސާލަކަށް ބުނާނަމަ އެކުއްޖަކީ ކިޔަވަން މޮޅު، ނުވަތަ ވަކި ޚާއްޞަ ހުނަރެއް ލިބިފައިވާ ކުއްޖަކަށްވެދާނެއެވެ. ލަވަކިޔުން. ޤުރްއާން ކިޔެވުން ފަންނަކުން އެހެން ކުދިންނަށްވުރެ ކުރިއަރާފައިވާ ކުއްޖަކަށްވެދާނެއެވެ. އެހެން ވެއްޖެނަމަ އެކުގައި އުޅޭ އެހެންކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހިތުގައި މޮޅު ކުއްޖާއަށް ޙަސަދަވެރިވެރިކަން އުފެދެއެވެ. ނުއެނގި ތިބެ ނަމަވެސް އެސްފީނާވެސް ލެވެއެވެ.
މިކަމުން ސަލާމަތްވާން ކުރެވެން އޮތް ކަމަކީ ކުދިން ލައްވައި ދެއިރުގެ ޛިކުރުތައް ކިޔުއްވުމެވެ. ގެއިން ނުކުންނަ ވަގުތުވެސް ޛިކުރްތައް ކިޔުއްވައި ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަން ހޯދުމެވެ. އަދި މައިންބަފައިންވެސް ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. އެސްފީނާއިން ސަލާމަތްކަން ދެއްވެވުން އެދި ދުޢާކުރުމެވެ.
ހިތާމައަކީ މިކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. އަޅައިވެސް ނުލެވޭކަމެވެ. ފަރުވާކުޑަކުރެވޭ ކަމެވެ. މިތަނަށް އެއްވެ މިތިބަ މީސްތަކުން ނިކަން ބުނެބަލާށެވެ! ތިއަބައިމީހުންގެ ތެރެއިން މިކަންކަމަށް ސަމާލުކަންދީ ޛިކުރުތައް ކިޔައި އަދި ކުދިން ލައްވައި ޛިކުރުތައް ކިޔުއްވަނީ ކިތައް މީހުންހެއްޔެވެ؟
އެކަން ނުކުރުމުގެ ނަތީޖާއަކަށްވަނީ ކުއްޖާ ކުޑައިރުންސުރެ ކުއްޖާ އާއި ޖިންނި ޝައިޠޯނުން އަވަލާފައިވުމެވެ. އެއެއްޗެތީގެ ބާރު ފޯރުވަން ފަށާނީ ކޮން އުމުރެއްގައި ކޮން ގޮތަކުން ކަމެއް ނުއެނގޭނެއެވެ. ބައެއް ކުދިން ކިޔަވަން ފޫހިވެދާނެއެވެ. ލިބިފައިވާ ހުނަރުގެ ފައިދާ ނުކޮށްފާނެއެވެ. އަދި ކީއްހެއްޔެވެ؟ ނަމާދުކުރަންވެސް ދެކޮޅު ހަދަން ފަށައިފާނެއެވެ. އަޚްލާޤްވެސް ގޯސްވެދާނެއެވެ. މަގުއޮޅި ފާފަކުރަން ދެވިހިފައިފާނެއެވެ.
މިބުނި ފަދައިން ސަމާލުކަން ނުދިނުމުން މިފަދަ އެތައް ކަންކަމެއް މެދުވެރިވެއެވެ. ކަންކަން މެދުވެރިވުމުން ގިނަ މީހުންނަށް އޮންނަނީ ކުދިން ދެކެ ރުޅިއާދެވިފައެވެ. ސަބަބާއިމެދު ވިސްނައިވެސް ނުލެވެއެވެ. ވީމާ މިތަނުން ގެއަށްދާ ވަގުތުން ފެށިގެން މިބުނި ކަންކަމަށް ސަމާލުކަންދޭން ފަށާނެ ކަމަށް އުންމީދުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން