ކުރާ ޚިދުމަތް އެކަކު ބަލައިނުގަތަސް ދެރަނުވާށެވެ! ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކުރާ ޚިދުމަތް އެކަކު ބަލައިނުގަތަސް ދެރަނުވާށެވެ! ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ!

ތިމާ ކިތަންމެ ވަރަކަށް، ކިތަންމެ ބުރަކޮށް އަދި ކިތަންމެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރި ނަމަވެސް މީސްތަކުން ތިމާ ކުރާ މަސައްކަތްތައް ނުވަތަ ކޮށްދޭ ޚިދުމަތް ބަލައި ނުގަންނަ ކަމުގެ އިޙްޞާޞް ކުރެވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ.  

މިފަދަ މައްސަލަތައް ވަރަށް ގިނަ ޢާއިލާތަކުގައިވެސް ކުރިމަތިވެއެވެ. ޚާއްޞަކޮށް މައިދައިތައިންނަށާއި ފަހަރިންނަށެވެ. އެކަން އެގޮތަށް އޮވެވެސްދާނެއެވެ. އޮތަސްވެސް އެކަމަށް ނުވިސްނާށެވެ. ތިބާ ކުރާ ކަންކަން ކުރަނީ އިޚްލާޞްތެރިކަމާއިއެކުގައިކަމަށްވާނަމަ ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވެއެވެ. އެހިސާބުން އެކަން އެއޮތީ އެކަން ނިމިފައެވެ.  

މިފަދަ ޙަޤީޤީ މައްސަލަތައް ހުރި ނަމަވެސް މިފަދަ އިޙްޞާޞްތައް އެންމެ ގިނައިން ކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާއަކީ މީސްތަކުންގެ ސިކުނޑިއަށް ސަވާރުވުމުގެ ގޮތްތައް އެންމެ މޮޅަށް ދަންނަ އެކަމުގެ އެންމެ ބޮޑު އެކްސްޕާޓެވެ. (ތަޖުރިބާކާރެވެ.) އާދަމްގެފާނު އުފައްދަވައި ސުވަރުގޭގައި ލެއްވެވީންސުރެ އޭތިކުރާ ހަމައެކަނި މަސައްކަތަކީ އެއީކަމަށްވާތީއެވެ.   

މިފަދަ އިޙްޞާޞްތައް ސިކުނޑިއަށް އެވައްދުވަނީ ތިބާ މާޔޫސްކުރުވާށެވެ! މީހަކު މާޔޫސްވުމުން އެންމެ ގިނައިން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެކަމަށް ވިސްނަމުން ގޮސް ނަމާދުގައި ޚުޝޫޢަތްތެރިވެސް ނުވެވުމެވެ. އެކަމާއިމެދު ވިސްނަން ގިނަ ވަގުތު ހޭދަކުރެވުމެވެ. އަދި އެކަންކަމަށް ވިސްނަން ހަދައިގެން ރަނގަޅަށް ކުރަން މަސައްކަތްކުރާ ކަންކަންވެސް ގޯސްކޮށް ކުރެވޭތަން އައުދެއެވެ. ތިމާއަށް ރައްދުވާން ނުޖެހޭ ބަސްތައް ރައްދުވާތަންވެސް އައުދެއެވެ. 

ވީމާ ފަށަމުން މިބުނި ފަދަ އިޙްޞާޞްތައް ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އަދި ކޮންމެ ގޮތެއް މެދުވެރިވެގެން ނަމަވެސް އެއްވެސް ވަރަކަށް އިޙްޞާޞް ކުރެވޭނަމަ އަހަރެންގެ ނަޞޭހަތަކީ ނަމާދުކުރުން ގިނަކުރުމެވެ. ނަމާދުކުރުން ގިނަ ކުރުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އެންމެ ވަރުގަދައަށް ބަދަހިވެގެންދާ ސަބަބެވެ.  

އެހެންކަމުން ފަރުޟު ނަމާދުތަކުގެ އިތުރުން ރަވާތިބު ސުންނަތް ކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ދަމުނަމާދަށް ސަމާލުކަން ދޭށެވެ! ހުރިހާ މައްސަލަތައް ޙައްލުވެ ސިކުނޑިއަށް ލުއިކަން ލިބޭނެއެވެ! މީގެ އިތުރުން މީހަކު އެފަދަ ބަހެއް ބުނި ނަމަވެސް އެއްވެސް ކަމަކަށް ނުހަދައި ހިނިތުންވުމަކުން ނިންމައިލުމުގެ ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން