ފިރިމީހާޢަކީ ތަނަވަސް މީހެކެވެ. ދެމަފރިން ދިރިއުޅެމުން އަންނަނީވެސް ވަރަށް ލޯބިންނެވެ. އަނބިމީހާއަކީވެސް ވަރަށް ހެޔޮލަފާ ކިޔަމަންތެރި އަންހެނެކެވެ. އަނބިމީހާގެ އެންމެ ގާތް އެކުވެރިން ދިއައީ ދެމަފިރިންގެ ގުޅުން "ފަނިކޮށްލެވޭނެ" ގޮތެއް ހޯދަމުންނެވެ.
މިގޮތުން ކުރި މަސައްކަތުގެ ތެރެއިން އަންހެނެއްގެ އުފަންދުވަހުގެ ޕާޓީއަކަށް އަނބިމިހާ ގެމންދަން ރޭވިއެވެ. އެކަމަސް އެއްބަސްކުރުވިއެވެ. ފިރިމީހާވެސް އެކަމަށް ހުރަހެއް ނާޅައެވެ. އެހެންވެ އަނބިމީހާ އައީ ކުރިއާލައި ޕާޓީއަށްދާން ތައްޔާރުވަމުންނެވެ.
ޕާޓީއަށްދާން ނުކުންނަމުން އަނބިމީހާ ބުނީ ދެންމެ އެކުވެރިން ގުޅާފައި ޕްރޮގްރާމް ބަދަލުކޮށްފިކަމަށެވެ. މިރޭ އެންމެން އެގޭގައި ތިބެން ހަމަޖައްސައިފިކަމަށެވެ. ފިރިމީހާ ވަގުތުން ރުހުން އަނބުރައި ގެނައެވެ. ބުނީ ނުދެވޭނެކަމަށެވެ. ތިއައޮތީ މިހާރު ކަންކަން ގޯސްވެފައިކަމަށެވެ. އަދި މީގެ ފަހުން ތިއައެކުވެރިންނާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށެވެ.
އަނބިމީހާ ވަރަށް ދެރަވިއެވެ. ނުގޮސްފިނަމަ އެކުވެރިން މަލާމާތްކުރާނެއެވެ. ގޮސްފިނަމަ ފިރިމީހާ ކަންތައްކުރާނެ ގޮތެއް ނުއެނގެއެވެ. އެހެންވެ އިރުކޮޅަކު ވިސްނާލަން ހުރެފައި ނިންމީ ނުދާށެވެ. ފިރިމީހާއަށް ކިޔަމަންތެރިވާށެވެ. ކުރިއަށް އޮތްތަނުގައި އެމީހުންނާއިއެކު އުޅެވެންވެސް ނެތުމުންނެވެ.
އެހެންވެ ފިރިމީހާއަށް ބުންޏެވެ. "އަހުރެން ދުވަހަކުވެސް ތިބާއަށް ނުކިޔަމަންތެރިއެއް ނުވާނަމެވެ. ތިބާ ނުރުހޭ އެއްވެސް ކަމެއް ނުކުރާނަމެވެ. ނުދެވުނީތީ އަހުރެން ދެރައެއްވެސް ނުވަމެވެ. އަހުރެންނަށް ވިސްނެނީ މިއީ ކުރިމަތިވާން އޮތް ބޮޑު ނުރައްކަލަކުން ސަލާމަތްވެވުން ކަމަށެވެ."
ފިރިމީހާ ބުންޏެވެ. "ވަރަށް އުފާވެއްޖެއެވެ. ދާން ތިއައުޅުނީ އެންމެ ރެއަކަށް ނޫން ހެއްޔެވެ؟ އެއިގެ ބަދަލުގައި ތިބާއަށް މާބޮޑު އުފާވެރިކަމެއް ދޭނަމެވެ. ދާން ބޭނުންވާ ޤައުމެއް ބުނާށެވެ. މަސައްކަތްތައް ބަހައްޓާފައިވެސް އެއް ހަފްތާގެ ދަތުރަކު ގެންދާނަމެވެ. ބޭނުންވަރަކަށް ބާޒާރުވެސްކޮށްދޭނަމެވެ."
ޖެހިގެން އައިދުވަހު އެކުވެރިންގެ މަކަރުވެރި ރޭވުން އެނގުނެވެ. އެމީހުން ރާވާފައި އޮތީ އޭނާގެ ފުރަތަމަ ލޯބިވެރިޔާވެސް ގެންގޮސް ދެމީހުން ބައްދަލުކުރުވާފައި ފޮޓޯނަގައި ދެމަފިރިންގެ މެދުގައި މައްސަލަ ޖެއްސުވުމަށެވެ. އެވާހަކަ ކިޔައިދިން އެކުވެރިޔާއަށް ޝުކުރުވެރިވެފައި ބުންޏެވެ. "ތިއަހުރީ އެންމެ ގާތް އެކުވެރިން ކަމަށް ހެދިގެން ގެއަށް އައިސް އަހުރެންގެ ކިބައިން ބޭނުންތައް ފުއްދަމުންދާ މީހުންގެ ޙާލުހުރި ގޮތެވެ. ސިއްރެއް ބުނަން ހެއްޔެވެ؟ އަހުރެންނަކީ ތަނަވަސް އަދި ލޯބިދޭ ފިރިއަކު ލިބުމުން ފަރުވާކުޑަކޮށްލައިގެން ހުންނަ މީހަކީމެއް ނޫނެވެ. ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތަކުގެ އިތުރުން ބޯނަސް ހޯދަންވެސް މަސައްކަތްކުރަމެވެ. ކޮންމެ ރެއަކު 3.30 ގައި ހޭލަމެވެ. ތިބާވެސް އަހުރެން ފަދައިން ވާށެވެ. އިން ޝާ ﷲ މަކަރުވެރިންގެ ރޭވުންތަކުން ސަލާމަތްކުރައްވަވާނެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އެމަކަރުވެރި ރޭވުމުން އަހުރެން ސަލާމަތްކޮށްދިނީ އަހުރެންނާ ﷲ އާއި އޮތް ގުޅުމެވެ."
އެއިގެ ފަހުން އެނގުނީ މާހެޔޮއެދޭކަމަށް ހެދިގެން މިވާހަކަތައް ކިޔައިދިނީ އެކަން ރޭވި މޭސްތެރިޔާ ކަމެވެ. އެއީ ގުޅުން ކަނޑާލުމުން އެކުވެރިޔާގެ ފަރާތުން ކުރިން ކުރަމުން އައި ފައިދާތައް ލިބުން ހުއްޓޭނެތީ އެގޮތް މެދުވެރިވިޔަނުދިނުމަށެވެ.
މިއީ އެކުވެރިންގެ ޙާލު މިއަދުހުރި ގޮތެވެ. އަޅުގަނޑުގެ ނަޞީޙަތަކީ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިދާނެ އެއްވެސް ކަމެއް ނުކުރުމެވެ. މައްސަލަ ޖެހި ދެރަ ނިކަމެތިކަމެއް ލިބިއްޖެނަމަ އެކުވެރިއަކު ލޮލަށްވެސް ނުފެންނާނެތީއެވެ.
- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް