އަހުރެން ފަށަމުން މިކުރީ ސުވާލެކެވެ. އަހުރެމެންގެ އުންމަތް މަތިވެރިކުރަން ތިމާކުރަންޖެހޭ ކަންކަން ނުކޮށް ޢީސާގެފާނު ފައިބާވަޑައިގަންނަވަންދެން މަޑުކޮށްގެން ތިބިމީހުން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވެވުން އެދި ދުޢާކުރުން މަޑުޖައްސައިނުލަނީ ކީއްވެގެން ހެއްޔެވެ؟
ތިމާއަށް ބޭނުންވާ ކަންކަން ފުދެން އެބަޖެހެއެވެ. އެކަމަކު ތިމާގެ އުންމަތަށްޓަކައި ނުވަތަ އިސްލާމްދީން މަތިވެރިކުރަން، އިސްލާމް ދީނަށް ނަޞްރުދޭން ކަމެއްކުރަނީ ހާދަ މަދު މީހެކެވެ.
ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވަވާށފައިވާ ވަޤުތުޖެހެންދެން އިސްލާމްދީން މަތިވެރިކުރައްވަވާނެއެވެ. ހަމައެކަކު އެއްކަމެއް ނުކުރިޔަސްމެއެވެ. އިސްލާމް ދީނުގައި ޘާބިތުވެ ދީނަށް ނަޞްރުދޭންވީ އެކަމުން ތިމާއަށް ލިބޭނެ ފައިދާއަށް އެދިގެންނެވެ. ސުވަރުގެ އެދިގެންނެވެ. ސުވަރުގެއިން މަތިވެރި ދަރަޖަ އެދިގެންނެވެ. ކުރުކޮށްލާފައި ބުނާނަމަ ހަމަ ތިމާއަށްޓަކައެވެ.
އެއީ މީސްތަކުންގެ ސަމާލުކަން ހޯއްދަވަން ވަރަށް ކުޅަދާނަ ޢިލްމުވެރިއެކެވެ. އެއްރޭ ދަރުސް ފަށްޓަވަމުން ވިދާޅުވިއެވެ.
"އަހަރެމެން އެންމެން (ހުރިހާ މުސްލިމުން) އެންމެ ލޯބިވާ، އެންމެންގެވެސް މަންމަ މިވަގުތު އޮތީ ވަރަށް ބަލިޙާލުގައި އެނދުމަތިވެފައެވެ. އޭނާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާކުރާށެވެ! މަތިން ފައިބާ ޑޮކްޓަރަކު ފަރުވާދީ މަންމަ ގަދަކުރައްވަވާނެ ދުވަހާއި ހަމައަށް އަޅާނުލައި ނުތިބޭށެވެ. ތިއަބައިމީހުން ރުހުނަސް ނުރުހުނަސް އެދުވަހު މަންމަ ގަދަވެގެން ތެދުވާނެއެވެ."
އެހިސާބަށްދާއިރަށް އަޑުއަހަން ތިބި މީސްތަކުން ގޮވަން ފަށައިފިއެވެ. "ކޮން ހޮސްޕިޓަލެއްގައި ހެއްޔެވެ؟ ކޮން ވޯޑެއްގައި ހެއްޔެވެ؟"
އިމާމްގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.
މިބުނަނީ އަހަރެމެން ހުރިހާ މުސްލިމުންގެ މަންމަ ކަމުގައިވާ އިސްލާމީ އުންމަތް އޮތް ޙާލުގެ ވާހަކައެވެ. އުންމަތަށްޓަކައި ހެޔޮ ދުޢާކުރުމުގެ ވާހަކައެވެ. އަދި ކަންކަން ރަނގަޅުވާނޭ، ޢީޞާގެފާނު ފައިބާ ވަޑައިގެން ދައްޖާލު ޤަތުކުރައްވަވައި މުޅި ދުނިޔެ އިސލާމްކުރައްވވާނެއޭ ކިޔައި އެދުވަހާއި ހަމައަށް އިންތިޒާރުގައި ތިބެގެން ވާން ނެތްކަމުގެ ވާހަކައެވެ.
އެމީހަކަށް ކުރެވުނު ކޮންމެ މަސައްކަތެއްވެސް ކުރާށެވެ! ފުރަތަމަ ކަމަކަށް ތިމާގެ އަނބިދަރިންނަށް ޙަލާލްތަކެތި ކާންދީ ރަނގަޅު ގޮތުގައި ބޮޑުކުރާށެވެ! އެކަން އެހެން ނުކުރާތީ އެދަރިން މިއަދުވެސް އެދުވަނީ މިހާރު ފައުޅުވެފައި ތިބި ކުދިކުދި ދައްޖާލުތަކުގެ ފަހަތުންނެވެ. މާދަމާ ބޮޑު ދައްޖާލުއަރާއިރަށް އެއެތީގެ ފަހުން ދުވެ ތާއީދުނުކުރާނީ އެއިރުންނެވެ.
އެމީހެއްގެ މަންމަ ބަލިވެ ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހޭ ޙާލަތަށް ހިނގައްޖެނަމަ ފަރުވާކޮށް ގަދަކުރެވޭތޯ ކުރެވެން ހުރި މަސައްކަތް ނުކޮށެއް ނުހުންނާނެއެވެ. ޑޮކްޓަރުން މަތިން ފައިބައި ފަރުދޭނެ ކަމަށް ބަލައި އެކަމަކަށް އިންތިޒާރެއްވެސް ނުކުރާނެއެވެ. ނަމަވެސް މިއަދު ދުނިޔެ މިވަނީ އެޙާލަތަށް ގޮސްފައެވެ.
ގިނަ ބައަކު އިސްލާމީ އުންމަތުގެ ކަންކަން އިޞްލާޙްކުރުން މިއޮތީ މަހުދީގެފާނު ފައުޅުވެ އަދި ޢީސާގެފާނު އުޑުން ފައިބައިވަޑައިގަންނަވަންދެން ދޫކޮށްލައިފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އުފުލާށެވެ! ނޫންނަމަ ހިތާމަކޮށް ކަރުނައަލަންޖެހޭ ދުވަސް އޮތީ ކުރިއަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން