ޝައިޠޯނާ އެންމެ ދެރަވާނެ އެއްކަމަކީ ޒުވާނުން ކައިވެނިކުރުން! ކައިވެނިނުކޮށް ތިބޭނަމަ އުފަލުން ނަށާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޝައިޠޯނާ އެންމެ ދެރަވާނެ އެއްކަމަކީ ޒުވާނުން ކައިވެނިކުރުން! ކައިވެނިނުކޮށް ތިބޭނަމަ އުފަލުން ނަށާނެ!

ކައިވެނިކުރަން ޝަރުޠުހަމަވާ ޙާލުގައިވެސް ކައިވެނިނުކޮށް ތިބޭ ޒުވާނުން ވިސްނަންވީ އެކަނިހުރުމުން ތިމާއަށް ކަންކަން ކުރެވޭ ގޮތާއި އުޅެވޭ ގޮތާއިމެދުގައެވެ. ލިބޭ ފައިސާ ޚަރަދުކުރެވޭގޮތާއިމެދުގައެވެ. ތިމާގެ މައްޗަށް ޝައިޠޯނާގެ ނުފޫޒު ހިންގާވަރާއިމެދުގައެވެ.  

ބައެއް ރިވާޔަތްތަކުގައި ވަނީ ޒުވާނަކު ކައިވެނިކުރުމުން އިބިލީސް ކަރުނައަޅައި ރޯނެކަމަށެވެ. އެއީ ޒަވާޖީ ޙަޔާތެއް ފެށުމުން އޭނާ ލައްވައި ޝައިޠޯނާ ކުރުވަން ބޭނުންވާ ފާފަތައް ނުކުރުވޭނެތީ ނުވަތަ ކުރުވަން އުނދަގޫވާނެތީއެވެ. ޝައިޠޯނާ ބުނާނެއެވެ. "އޭނާ (ވަކިމިންވަރަކަށް) އަހަރެންގެ ކިބައިން ސަލާމަތްކަން ހޯދައިފިއެވެ. ދެން އޮތް ބައިވެސް އަހަރެންގެ ކިބައިން ސަލާމަތް ކުރަން އޭނާ ގަދައަޅައި މަސައްކަތްކުރާނެއެވެ."  

އިސްލާމް ދީނުގައި އޮތީ ތިމާ ޙާޞިލްކުރަން ބޭނުންވާ ވަކި ކަންތައްތަކެއް ޙާޞިލްކުރެވެންދެން ކައިވެނިކުރުން ލަސްކުރުމެއް ނޫނެވެ. ކައިވެނިކުރަން ތަޝައްރަފް ފުދިއްޖެނަމަ ވީހައި އަވަހަކަށް ކައިވެނިކުރުމަށެވެ.  

ހެޔޮލަފާ އަންތބަކާއި ކައިވެނިކުރެވިއްޖެނަމަ ދީނުގެ އެއްބައި ފުރިހަމަ ކުރެވުނީ ކަމަށާއި ދެން އޮތީ އަނެއް ބައާއިމެދު ބިރުވެތިވުން ކަމަށް އޮތް ޙަދީޘް ބަސްފުޅަށް ވިސްނައިލާށެވެ. އެނގިގެންދަނީ ދީނުގައި ސާބިތުވެ ހުރުމަށްވެސް ކައިވެނިކުރުން އަވަސްކުރުމުގެ މުހިންމުކަމެވެ.  

ކައިވެނި ކުރާޢުމުރަށް އެޅުމުން ކައިވެނިނުކޮށް ތިބޭނަމަ އެމީހުން ލައްވައި ފާހިޝް ޢަމަލުތައް ކުރުވަން ޝައިޠޯނާއަށް އެތައް ތަނަކުން ފަސޭހަވެގެންދެއެވެ. ކައިވެނިކުރުން ފަސްކުރުން ބާރުއަޅާ ފަރާތްތަކަކީ ޝައިޠޯނާގެ މަގަށް މީސްތަކުން ގެންދިއުމަށް ބާރުއަޅާ ފަރާތްތަކެވެ. އެފަދަ ނުބައިކަން ފަތުރާ މީހުންގެ މަސައްކަތުން ކައިވެނި ކުރުމަކީ ބޭނުން ކަމެއް ނޫންކަމަށްވެސް މީސްތަކުންނަށް މިއަދުވަނީ ދަސްކޮށްދީފައެވެ. ދުނިޔޭގެ މަޝްހޫރު ބައެއް މީހުން (އެމީހުންގެ ދީނުގައިވެސް ކައިވެނިކުރަންޖެހޭއިރުވެސް، ޒިނޭކުރުން ޙަރާމްއިރުވެސް) ކައިވެނިކުރަނީ 2،3 ދަރިން ލިބޭފަހުންނެވެ. އެގޮތް ކޮޕީކުރުންވެސް ދަނީ އިތުރުވަމުންނެވެ.

މުސްލިމް ފިރިހެނުންނަށް އޮތީ އަނބިމީހާ ބެލެހެއްޓޭނެ ޤާބިލުކަން ލިބިއްޖެނަމަ އަވަހަށް ކައިވެނިކުރުމެވެ. މުސްލިމް އަންހެނުންނަށް އޮތީ ދީންވެރި، ތަޤްވާވެރި، އަންތބަކު ބެލެހެއްޓޭނެ ފެންވަރުގެ ފިރިހެނަކު ކައިވެންޏަށް އެދިއްޖެނަމަ އެކަން ޤަބޫލުކުރުމެވެ. މައިންބަފައިންނަށް އޮތީ އެފަދަ ފިރިހެނަކު ދަރިފުޅުގެ ކައިވެންޏަށް އެދިއްޖެނަމަ އަވަހަށް ކައިވެނިކޮށްދިނުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް:  

https://islamqa.info/en/answers/11586/is-marriage-half-of-religion

 

މިއަދު އޮންލައިން