ޝައިޠޯނާ ނަންތައް ބަދަލުކުރީއެވެ. ހިލޭ ފިރިހެނުންނާ މަސްހުނިވަނީއެއް ނޫނެވެ. ކޮފީއަށް ދަނީއެވެ. ޒިނޭކުރަނީއެއް ނޫނެވެ. ޑޭޓިންކުރަނީއެވެ. މާތް ﷲ ގެ ޢަޛާބާއި ޘަވާބު ޙައްޤުވަނީ ކިޔާ ނަމަކުން ނޫނެވެ. ކުރާ ޢަމަލުންނެވެ. ގިނަބައަކަށް ނުވިސްނިގެން މިއުޅެނީ އެކަމެވެ.
ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅޭނަމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ ކަމަށް ބުނެފިނަމަ ދައްކާނީ ތަފާތު ވާހަކަތަކެވެ. ހިލޭ ފިރިހެނުން ދޭ ދަޢުވަތުތަކަށް ނުގޮސް ގޭގައި އިނަސް ރަނގަޅު ބައިވެރިއަކު ލިބޭނެކަމަށް ބުނެފިނަމަ ބުނާނީ ތިއައީ މިޒަމާނުގައި ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟
މިފަދަ ވާހަކަތައް ދައްކާ އަންހެނުންނަށް ބުނެލަން އޮތީ ކޮންމެ ޒަމާނެއްގައިވެސް އުފާވެރިކަމާއި ކާމިޔާބު ލިބެން އޮތީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ރަނގަޅު ބައިވެރިއެއް، އުފާވެރިކަން، ކާމިޔާބު ޒަވާޖީ ޙަޔާތެއް މިހެން ގޮސް ކޮންމެ ނިޢުމަތެއްވެސް ދެއްވެވުން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
ތިރީގައި އެވާ ވާހަކައަކީ ޒަމާނީ ވިސްނުމުގައި އުޅޭ ކޮންމެ މީހަކަށްވެސް ޢިބްރަތަކަށް ފުދޭބެ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ!
އަޅުގަނޑާއިއެކު ކޮލެޖުގައި އުޅުނު އެކުވެރިން ކައިވެނިކޮށް ނިމުނުއިރުވެސް އަޅުގަނޑު ހަމަ ހުރީއެވެ. އެއީ ކައިވެންޏަށް އަވަސްވެގަތުމަށް އެކުވެރިން އުޅުނުގޮތް އަޅުގަނޑަށް ކަމުނުދާތީއެވެ. އަޅުގަނޑު ނިންމައިގެން ހުރީ ކައިވެނި ކުރެވުން ލަސްވިނަމަވެސް މިޒަމާނުގައި ގިނަކުދިން މިއުޅޭފަދައިން ފިރިހެނުންގެ ފަހަތުން ނުދުވެ ހުންނާށެވެ. ގޭގައި އިންނާށެވެ! ﷲ އަންގަވާފައިވާ ގޮތުގައި ހުއްޓައި ހެޔޮލަފާ ތަޤްވާވެރިއަކު ލިބުނު ދުވަހަކުން ކައިވެނިކުރާށެވެ.
އަޅުގަނޑުގެ އެކުވެރިން ރޭގަނޑު ގެއިން ކައިނުމާއިއެކު ކޮންމެވެސް ފިރިހެނަކާއިއެކުކޮފީއަށް ދިއައެވެ. އަޅުގަނޑު ބެލީ އަވަހަށް ނިދާފައި ދަމުނަމާދަށް ހޭލެވޭތޯއެވެ. ނިދި ހަމަކޮށްގެން އޮފީހަށް ދެވޭތޯއެވެ. އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރެވޭތޯއެވެ.
އެކަމުގެ ނަތީޖާ ފެނުނެވެ. ފުރަތަމަ އޮފީހަށް ވަނީ ސެކެޓްރީއެއްގެ ފެންވަރުގައެވެ. 4 އަހަރު ފުރުނުއިރު އަޅުގަނޑަށްވަނީ ސެކްޝަންހެޑަކަށް ވެވިފައެވެ. ހަމައެކަނި މަދުވަނީ ފިރިއެކެވެ.
ހެޔޮލަފާ ފިރިއަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުއްޓައި އަޅުގަނޑަށް ފުރަތަމަވެސް ލޯބި ހުށަހެޅީ އަޅުގަނޑުގެދަށުން މަސައްކަތްކުރާ މުވައްޒިފެކެވެ. އޭނާއަކީ 5 ވަގުތު ނަމާދުކުރާ ހެޔޮލަފާ ޒުވާނެކެވެ. އަޅުގަނޑާއި ހަމަ އެއް އުމުރުގެ ޒުވާނެކެވެ. އެހެންވެ އެކަމާއިމެދު ކުޑަކޮށް ވިސްނައިލީމެވެ. އެއީ ގިނަ ފަހަރު އަންހެނުން އަވަހަށް މުސްކުޅިވެ ފަހުން މައްސަލަތައް ޖެހޭތީއެވެ. ނަމަވެސް އެކަން އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ. އޭނާގެ މަޤާމަށް ނުބަލައި އަޅުގަނޑު އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ.
ކައިވެނިކުރީވެސް ވަރަށް އާދައިގެ ގޮތަކަށެވެ. ވަލީމާއަކަށް ބޭއްވީ އާދައިގެ ސައެކެވެ. ގިޑިގެ ހަދައި ބޮޑު ހަފްލާއެއް ނުބާއްވަމެވެ. އަގުބޮޑު ވެޑިންގ ޑްރެސް ހޯދައިގެން ނުލައި އެދުވަސް ހެދީ މޫނުބުރުގާ އަޅަންފެށި ދުވަހަށެވެ.
ދެމީހުން ދިރިއުޅެމުން އައީ ވަރަށް އކުވެރިކަމާއިއެކުގައެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި ޙައްޤުތައް އަދާކޮށްގެންނެވެ. ރެސްޓޯރަންޓްތަކަށް ވަދެ މާގިނައިން ކައިނުހެދިނަމަވެސް ފިނިބުރު ވަރަށްގިނައިން ޖަހަމެވެ. ލޯބިތާޒާކުރަން މަސައްކަތްކުރަމެވެ.
ކައިވެންޏަށް 10 އަހަރުވީއެވެ. ފުރަތަމަ ދުވަހެކޭ އެއްފަދައިން ދިރިއުޅުން އެބަ ކުރިއަށްދެއެވެ. 2 ދަރިން ލިބި ބޮޑެތިވަމުން އަންނަނީއެވެ. ފިރިމީހާވެސް އަޅުގަނޑުވެސް އަދިވެސް ވަޒީފާ އަދާކުރަމެވެ.
ފިރިމީހާ ވަޒީފާއަދާކުރިނަމަވެސް ދެ ރަށެއްގައި އޭނާގެ ދެ ދޯނި ބޮޑުކަންނެލި މަސްވެރިކަން ކުރެއެވެ. ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. އިން ޝާ ﷲ. އެހެންކަމުން މިހާރު އަޅުގަނޑުމެން ވަޒީފާއަކާކުރަނީ ހިތްހަމަޖައްސާލަން ކަމަށްވެސް ބުނެވިދާނެއެވެ. އަދި އަޅުގަނޑަށް ވަޒީފާއަށް ނުކުންނަންޖެހޭ ވަކި ގަޑިއެއް ނެތުމާ ބޭނުން އިރަކު ދަރިންގެ ކަންކަމުގައި ގެއަށް ދިއުމުގެ ފުރުޞަތުވެސް އޮތުމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތް އެންމެ މުހިންމު ބައަކީ އަޅުގަނޑާއިއެކުގައި އުޅުނު އެކުވވެރިންގެ ބައެވެ. އެމީހުންގެ ޙަޔާތުގައި ދިމާވި ކަންކަމެވެ. މިހައިތަނަށް އައިއިރު ބައެއް އެކުވެރިން ވަނީ 3 ކައިވެނި އަނެއްބައި އެކުވެރިން 2 ވަނަ ކައިވެނިކޮށްފައެވެ. ގިނަ އެކުވެރިން މިހާރުވެސް ދިރިއުޅެނީ ހިތްހަމަޖެހިގެނެއް ނޫނެވެ! ތެޅި ފޮޅެނީއެވެ!
ބުނެލަން ބޭނުމީ ކިތަންމެވަރަކަށް ބަލައިގެން ކައިވެނިކުރިނަމަވެސް މައްސަލައެއްވެސް ކުރިމަތިވެދާނެއެވެ. ނަމަވެސް އަންހެނުން އެމީހުންގެ މަޤާމުގައި ތިބެގެން ކެތްތެރިވެ ވިސްނުންތެރިކަމާއިއެކު ބައިވެރިއަކު އިޚްތިޔާރުކުރާނަމަ ކައިވެނި ކާމިޔާބުވުމުގެ ފުރުޞަތު ބޮޑުކަމެވެ.
ޙަޤީޤީ ލޯބިވާނަމަ ކޮންމެ ރެއަކު ހިލޭ ފިރިހެނުންތަކުގެ ތެރެއަށް ކޮފީއަކަށް ނުގެންދާނެއެވެ. ބަލާނީ ފޮރުވައިގެން ގެންގުޅެވޭތޯއެވެ! އެއީ އަޅުވެތިކުރުމެއް ނޫނެވެ. އެއީ ތިމާގެ ލޯބިވެރިޔާއަށް ހިލޭ ފިރިހެނަކު ބަލައިލަންވެސް ބޭނުންނުވާ ކަމުގެ ހެއްކެކެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެވެ. އެތަޖުރިބާއިން އަޅުގަނޑަށް ކަންކަން ވިސްނުނު ގޮތެވެ. ޚިޔާލާއި ވިސްނުމަކީ ތަފާތު އެއްޗެއްކަންވެސް ޤަބޫލުކުރަމެވެ.
- ނަޖުމާ / މިއަދުނޫހުގެ ކިޔުންތެރިއެއް