މަރްޔަމް ސާޖިދާ
މުސްލިމުންނަކީ ކަނޑި ބަޑިން ބަލިކުރެވޭނެ ބައެއް ނޫންކަން ދީނުގެ ދުޝްމަނުންނަށް ވިސްނުނު ހިސާބުން އެމީހުންގެ ފެށުނީ، މުސްލިމުންގެ ފިކުރާއި ވިސްނުމާއި ކުޅެލުމުގެ މަސައްކަތެވެ. އާދެ! ފިކުރީ ހަނގުރާމައިގެ މަސައްކަތެވެ.
އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވުމުން، ފަސޭހައިން ބަލިތައް ޖެހުމަށް މަގުފަހިވާ އުސޫލުން އަހަރަމެންގެ ދަރިންނަށް ރަގަޅު އިސްލާމީ ތަރބިއްޔަތެއް ނުދެވި، ރަގަޅު އަޤީދާ އެއްގެ މަތީގައި އެކުދިން ތަރުބިއްޔަތު ނުކުރެވުމަކީ، ފިކުރީ ދިފާއީ ނިޒާމް ބަލިކަށިކޮށް ފުނޑުފުނޑު ކޮށްލާ ކަމެކެވެ. ބޭރުން އަންނަ ކޮންމެ ފިކުރަކަށް ފުރުޞަތު ހުޅުވިގެންދާ ކަމެކެވެ.
ފިކުރީ ހަނގުރާމައިގެ މައިގަނޑު އަމާޒަކީ މީހާގެ ފިކުރާއި އަޤީދާއާއި ކުޅެލުމެވެ. ނަމަވެސް އިސްލާމީ ތަރުބިއްޔަތަކީ އެ އަޤީދާ ވަރުގަދަކޮށްދޭ "ފާރު" ކަމުގައި ވީހިނދު ، އަހަރަމެންގެ ދަރިންނަކީ އިސްލާމީ ރަގަޅު ތަރުބިއްޔަތެއް ދެވިފައިވާ ދަރިންތަކެއްކަމުގައިވާނަމަ، ބޭރުން އަންނަ އެފަދަ ކޮންމެ ބާޠިލް ފިކުރަކާއި، އިސްލާމްދީނާއި ޚިލާފު ބާޠިލް ގޮވާލުންތައް ވަކިކުރަން އެނގޭނެއެވެ.
އިސްލާމީ ތަރުބިއްޔަތެއް ނެތުމަކީ، ފިކުރީ ހަނގުރާމައަށް ދެވޭ ދަޢުވަތެކެވެ. އެހެނީ، އިސްލާމީ ތަރުބިއްޔަތެއް ލިބިފައިނުވާނަމަ، އެކަމުގެ ސަބަބުން ހިތުގައި އުފެދޭ "ހުސްކަން" ފުރައިދެނީ، ސޯޝަލް މީޑިއާއާއި، އެހެންވެސް ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ އެހީގައި ލިއްބައިދޭ ބޭރުގެ ތަފާތު ފިކުރުތަކުންނެވެ. ހައި-ސްޕީޑް އިންޓަރނެޓާއި، އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، މުޅި ދުނިޔެ، އިންސާނާގެ އިނގިލިތަކުގެ ކުރިއަށް ޖަމާވެފައިވާ މި ޑިޖިޓަލް ޒަމާނުގައި، ފިކުރީ ހަނގުރާމައިން އަހަރަމެންގެ ދަރިން ސަލާމަތް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ޝައްކެއްވެސްނެތް ފަދައިން މި ޓެކްނޮލޮޖީގެ ވަޞީލަތްތަކެވެ.
ފިކުރީ ހަގުރާމައިގައި ބޭނުންކުރާ އަނެއް ހަތިޔާރަކީ"ޝައްކު އުފެއްދުވުމެވެ." ދީނާއި އަޤީދާ އާއި ގުޅޭގޮތުން ކުދިންގެ ހިތުގައި ޝައްކު އުފައްދާ، އީމާންތެރިކަން ބަލިކަށިކުރުމަށް މަސައްކަތްކުރި ނަމަވެސް، ރަގަޅު އިސްލާމީ ތަރުބިއްޔަތެއްގެ ސަބަބުން، ޤުރުއާނާއި ސުންނަތުގެ އަލީގައި އެކުއްޖަކަށް ލިބިފައިވާ ދީނީ ޢިލްމުގެ އެހީގައި އެފަދަ ޝައްކުތަކާއި މެދު ފުންކޮށް ވިސްނާ، ކަމުގެ ޙަޤީޤަތާއި ހަމައަށް ވާޞިލުވުމަށް މަގުފަހިވެގެންދެއެވެ.
ރަގަޅު އިސްލާމީ ތަރުބިއްޔަތެއްގެ ފެށުންކަމުގައި ވާންޖެހޭނީ ކުދިންގެ އަޤީދާ ވަރުގަދަ ކުރުމުގެ ތެރެއިންނެވެ. ސޫރަތުލް ލުޤްމާންގައި، ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތް ބަޔާންކުރައްވަވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13)"
މި އާޔަތުން އެނގިގެންދާ އެންމެ މުހިންމު ކަމަކީ، ފިކުރީ ހަގުރާމައިން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނަ އަކީ އަދި އިސްލާމީ ތަރުބިއްޔަތުގެ ބިންގަލަކީ ވެސް ޞައްޙަ ރަގަޅު އަޤީދާ އެއްކަމެވެ.
ފިކުރީ ހަނގުރާމައިގެ ތީރުތައް މިއަދު އަހަރަމެންގެ ގޭގެ ފާރުތައް ފޫއަޅުވާލައި އަހަރަމެންގެ އަތުގައިވާ ފޯނުތަކާއި ހަމައަށް ފޯރާފައިވާއިރު، ދަރިންގެ ތަރުބިއްޔަތާއި މެދު ނުހަނު ސަމާލުކަންދޭންޖެހެއެވެ. އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކަކީ މާތްﷲ އަށް އޮންނަން ޖެހޭ ބިރުވެތިކަމާއި ލޯބިން ފުރިފައިވާ ހިތްތަކެއްކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރަމާތޯއެވެ. އޭރުން އެފަދަ ހިތްތައް ވެގެންދާނީ ބޭރުން އަންނަ ނުރަގަޅު އެއްވެސް ނުފޫޒަކަށް ގުޑުވައިނުލެވޭނެފަދަ ވަރުގަދަ ހިތްތަކެއް ކަމުގައެވެ.
އަޅުގަނޑުމެންގެ ދަރިންނާއި މި މުޖުތަމަޢަކީ ފިކުރީ ހަނގުރާމައިގެ ފިތުނައިގެ އެންމެހާ ވިހަ ތަކުން ސަލާމަތްވެފައިވާ އަމާން މުޖުތަމަޢެއް ކަމުގައި ލައްވާށި. އާމީން.