މިއީ އަނހެނަކަށްވެ ހުރެ އަހުރެން އަންހެނުންނަށްދޭ ނަޞީޙަތެކެވެ. ޤަބޫލުކޮށް ޢަމަލުކޮށްފިނަމަ ފައިދާކުރާނެއެވެ.
"ތަނަވަސްކަން ހުއްޓަސް، ރީތިނަމަވެސް، ޤަދަރުވެރި މަޤާމެއްގައި ހުރިނަމަވެސް އަދި އެހެން ޢިއްޒަތެއް ލިބިފައިވީނަމަވެސް" ފިރިމީހާއަށް ބޭވަފާތެރިނުވާށެވެ! އެކަން އެނގޭ ދުވަހު ކަރުނައަޅަންޖެހޭނެއެވެ. އަދި ޢުމުރަށްވެސް ކަރުނައަޅަންޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.
ފިރިން ބޭވަފާތެރިވީމާ ދެރަވެފައިވެސް ރުޅިއައިސްފައިވެސް އަނބިން މާފުކުރާ ނިޞްބަތް ވަރަށް މަތިވާނެއެވެ. އެކަން ހަނދާން ނައްތައި ނުލެވުނަސް ލޯބިން އެކުގައި އުޅެން ބޭނުންވާ އަންހެނުންވެސް ވަރަށް ގިނަވާނެއެވެ. ނަމަވެސް މިކަންކަން ފިރިހެނުންގެ ވަރަށް ތަފާތުވާނެއެވެ. ވަރަށް މަދު ފިރިހެނަކު ނޫނީ މާފުކުރިޔަސް ކުރިން ދިން ލޯތްބެއް ނުދޭނެއެވެ. ހުންނާނީވެސް ވަކިވާނެ ފުރުޞަތަކަށް ބަލަބަލައެވެ. އެއީ ފިރިހެނުންގެ ޠަބީޢަތުގައި އެކަން ހުންނަ ގޮތެވެ. ވީމާ ގިނަ ފިރިހެނުންގެ ޢަމަލުތައް ހުންނާނީ ކުރިން މިބުނި ގޮތަށެވެ.
އަހުރެން ބުނާނީ އަމިއްލައަށް ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓިގަންނަން ނޫނީ ފިރިމީހާއަށް ބޭވަފާތެރިނުވާށެވެ. އެންމެ ބޮޑު ސަބަބަކީ މިޖުތަމަޢުތައް އެކަން ބަލައިގަންނަ ގޮތެވެ. ފިރިހެނުން ޚިޔާނާތްތެރިވުމަކީ މައްސަލައެއް ކަމަކަށް ނުދެކެއެވެ. ނަމަވެސް އަންހެނަކު އެފަދަ ކަމެއް ކޮށްފިނަމަ އެކަމުގެ ލައްގަނޑު އޭނާގެ މުޅި ޢުމުރަށް ބައިންދައެވެ.
މިއީ އިންޞާފެއްކަމަށް ބުނަނީއެއްވެސް ނޫނެވެ. މިބުނަނީ މިއީ މިކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ. ވީމާ މިކަންކަމަށް އަންހެނުން ހޭލުންތެރިވާންޖެހޭ ވާހަކައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން