މުސްލިމުން އަބަދުވެސް ތިބެންވާނީ އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެހެން މީހުންނަށް ހެޔޮފޯރުކޮސްދިނުންމަތީގައެވެ. ކަންކަން ކޮށްދިނުންމަތީގައެވެ. އެހެންކަމާއިއެކުވެސް މިބަޔާންކުރަނީ ކަންކަން ކޮށްދިނުމަށްފަހު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ތިމާގެ ބެލުމުގެދަށުގައި ތިބި، ތިމާ ބަލަހައްޓަން ޖެހޭ، އަނބިދަރިންނަށް ނަމަވެސް އަދި ފިރިމީހާއަށް ނަމަވެސް އަދި އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދިނުމަށްފަހުގައި އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށް ވެސް އެމީހާގެ ކިބައިން ނުއެދޭށެވެ! އެކަން އެމީހަކަށް ދޫކޮށްލާށެވެ! ތިމާ ބުނަންވާނީ ﷲ އަށް ޙަމްދުކުރުމަށެވެ. މިއީ ﷲ ގެ ޙަޟްރަތުން ތިބާއަށް މިންވަރުކުރެއްވެވި ކަމެއް ކަމަށެވެ.
ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިން ނަމަވެސް ކޮށްދޭންވީ ﷲ ތަޢާލާގެ ވަޖުހަފުޅަށްޓަކައެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ސަވާބަށް އެދިގެންނެވެ. އެއީ ދުނިޔޭގެ އެންމެންގެ ތަޢްރީފާއި ޝުކުރަށްވުރެ މާ އަގު ބޮޑު އެއްޗެކެވެ. މާ ފައިދާކުރާނެ އެއްޗެކެވެ.
ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވެ ކަންކަން ކޮށްދޭންވީ އެމީހަކަށްޓަކައެއް ނޫނެވެ. އެމީހެއްގެ ކިބައިން ލިބިދާނެ މަންފާއަކަށް ބަލައިގެނެއްވެސް ނޫނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. "މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތަން" ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ.
ހިތާމައަކީ ކަންކަން ކޮށްދިނުމަށްފަހު "ތިއައީ އެންމެ ކުޑަމިނުން ޝުކުރުވެރިވާނަ ވެސް ދަންނަ މީހެއް ނޫން" ކަމަށް ބުނެލާއަޑު އިވޭތީއެވެ.
"(ބުނަމުންނެވެ.) ތިމަންމެން ތިއަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަ ފުޅަށްޓަކައެވެ. ތިއަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ." (އައްނިސާ: 9)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން