ދުޢާކުރަން އަންގަވާފަދައިން ދުޢާކުރަމުން ގެންދާ މީހާ، އޭނާކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ނުވަތަ ޢިޖާބަ ކުރެއްވެވުން ލަސްވެގެން ކަންބޮޑުވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. އެއީ އެއްވެސް މީހަކުކުރާ އެއްވެސް ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތީއެވެ.
އެދޭ ކަންކަން ޙާޞިލު ނުކުރެވިގެން ކަންބޮޑުވާ މީހުންނާއި ސުވާލުކުރުމުން އެމީހުން އެކަމަށް އެދި އެކަށީގެންވާ ގޮތުގައި ދުޢާކުރި ކަމަކަށް ނުވެއެވެ. ދުޢާކުރަން ހަނދާންވާ ކަމަކަށްވެސް ނުވެއެވެ. ނުވަތަ ދުޢާކުރުމަށް ދޭންޖެހޭ ސަމާލުކަން ދެވުނު ކަމަކަށްވެސް ނުވެއެވެ.
ހިތާމަކުރަންވީ މިފަދަ މީހުންނެވެ. އެއީ ދުޢާކުރުމުގެ ވިސްނުން އެމީހަކަށް ﷲ ތަޢާލާ ނުދެއްވެވިކަމަށްޓަކައެވެ! އެއީ އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ކަންތަކެވެ.
ތިބާގެ ހިތާއި ދުލުން އިޚްލާޞްތެރިކަމާއިއެކު ކުރާ އެންމެ ދުޢާއެއްވެސް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އެއީ ހަމަ ސައްތައިން ސައްތަ ޔަޤީންކަމެކެވެ. އެކަމަށް ﷲ ތަޢާލާ ވަނީ ވަޢުދުވެވޮޑިގެންފައެވެ. ހަމައެއާއިއެކު ޔަޤީންކުރަންވީ ކަމަކީ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ނަމަ ދުޢާކުރަން ފުރުޞަތު ނުދެއްވަވާނެ ކަމެވެ. އެކަމަށް ވިސްނުން ނުދެއްވަވާނެ ކަމެވެ.
ވީމާ ފަހު ބަހަކަށްވެސް ބުނެލަން އޮތީ ހިތާމަކޮށް ކަންބޮޑުވާންވީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާތީއެއް ނޫނެވެ. ދުޢާ ނުކުރެވިއްޖެ ނަމައެވެ.
- ބިލާލް އަސްއަދުގެ ދަރުސަކުން