މޫނުބުރުގާ އަޅާހިތްވުމަކީވެސް އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަހްމަތެއް! މީހުން ކިޔައިފާނެ އެއްޗަކަށް ބަލައިގެން ނުއަޅާހުންނަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
މޫނުބުރުގާ އަޅާހިތްވުމަކީވެސް އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަހްމަތެއް! މީހުން ކިޔައިފާނެ އެއްޗަކަށް ބަލައިގެން ނުއަޅާހުންނަން ހެޔޮނުވާނެ!

މޫނު ބުރުގާއެޅުމުން އެކަމަށް ފުރައްސާރަކުރާ ބައަކު އުޅޫކަން އެއީ ވަރަށް ދެރަކަމެކެވެ. ފުރަތަމަ ކަމަކީ އެމީހުން ތިބެން ބޭނުންވާ ސިފައަކަށް ތިބުމާ ލާން ބޭނުންވާ ފޭރާމެއް ލުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވާ ފަދައިން ހަމަ އެޙައްޤުތައް އެހެން މީހުންނަށްވެސް ލިބިގެންވާނެކަންވެސް ޤަބޫލުކުރަންޖެހޭނެ ކަމެވެ.   

ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ފޭރާންލައި އަޢުރަނިވާނުކޮށް ހުއްޓައި ތިމާއަށް ބަހެއް ބުނެވިއްޖެނަމަ އެކަމާ ޝަކުވާކުރާއިރު ﷲ ތަޢާލާ އަންގަވާފައިވާ މަގުން ފޭރާންލުމުން އެމީހަކަށް ބަސްބުނެ ފުރައްސާރަކޮށް ޖެއްސުންކުރީމާ އެވަނީ ކިހިނެއް ހެއްޔެވެ؟  

ފިރިހެނުންނަށް ބުނެލަން އޮތީ ތިމާ ބޭނުންވާ ގޮތަކަށް ތިމާގެ އަނބިދަރިން ފޭރާ ލައްވައިގެން ގެންގުޅޭފަދައިން އެޙައްޤު އެންމެންނަށްވެސް ދޭށެވެ. މޫނުބުރުގާ އެޅުމާ ނުއެޅުމުގެ ޙައްޤު ކޮންމެ އަންހެނަކަށްވެސް ލިބިގެންވާކަންވެސް ޤަބޫލުކުރާށެވެ!  

ރާއްޖެއަކީ ވަކިގޮތަކަށް ފޭރާންލުން މަޖުބޫރުކުރާ ޤައުމެއް ނޫނެވެ. ކޮންމެ މީހަކުވެސް ފޭރާންލަނީ އެމީހަކު ބޭނުންވާ ގޮތަކަށެވެ. ހަމަޤައިމުވެސް އެނގޭ ކަމަކީ ފޭރާންލުމަށް ﷲ ތަޢާލާ އިންތަކެއް ކަނޑައަޅުއްވަވާފައިވާ ކަމެވެ. އެއިންތަކަށް އިންކާރުކުރުމަކީ ﷲ ތަޢާލާގެ އަޅުންނަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

رسول الله ﷺ ގެ ސުންނަތެއް ދިރުވަން މަސައްކަތް ކުރުމަކީ އެއީ މީސްތަކުންގެ ފުރައްސާރައާ ކަންތައްތައް ހަމަ ލިބިދާނެ ކަމެއް. އަޅުގަނޑުމެން އެކަލޭގެފާނަށާ އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ސިޔަރަތަށް ބެލީމަވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ.  

رسول الله ﷺ ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިއެއްގެ ގޮތުގައި މަޝްހޫރު ވެގެން ގޮސްފައިވާ ބޭފުޅެއް. އެކަމަކު ރަސޫލު ކަމައިގެން ފޮނުއްވުމަށް ފަހުގައި އެމީހުންގެ ތެރޭގައި ވަރަށް ނުބައި ނުލަފާ މީހެއްގެ ގޮތުގައި އެމީހުން ސިފަކުރަމުން އައީ. (އަޢޫޛްބިﷲ)

އެމީހުންގެ ޑިކްޝަނަރީގައި އެކަލޭގެފާނަށް ނުކިޔާކަށް ހަޑި ހުތުރުއެއްޗެއް ނެތް. ނުކުރާކަށް އަނިޔާއެއްނެތް. އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުންނަށް ނުކުރާކަ ދުއްތުރާއެއް ނެތް. އެންމެ ފަހުން އެކަންކަމަށް ކެތްނުކުރެވޭ ހިސާބަށް ދިޔައިމަ ﷲ سبحانه وتعالى އެބޭކަލުންނަށް މައްކާދޫކުރައްވާ ހިޖްރައަށް ވަޑައިގަތުމުގެ ހުއްދަ ދެއްވާފައިވަނީ،  

އެހެންވީމާ، މީހުންގެ ފުރައްސާރަ ކުރުމާ މީހުންގެ އުނދަގުލާ މިކަންތައްތަކަކީ  އެއީ އަޅުގަނޑުމެނަށް ފިލައިގެން ދާނެކަންތައްތަކެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ކުރާކަމެއް ކުރަނީ ﷲ އަށްޓަކައި ކަމަށް ހިތުގައި ބާއްވާ ﷲ سبحانه وتعالى އޭގެ ބަދަލު އަޅުގަނޑުމެނަށް ދެއްވާނެ ކަމުގެ ޔަޤީންކަން ހިތުގައި ބާއްވައިގެން އެކަމައިގެން ކުރިއަށް ދާނީ. އެއްގޮތަކަށްވެސް މީހުން ކުރާ ފުރައްސާރައަކަށް ބިރުން އޭނާ ހެޔޮ ޢަމަލު ކުރުމުން ފަސްޖެހިގެން ނުވާނެ.  

ސުވާލު: މުޖްތަމަޢުގައި ކުރުހެދުން ލާފައިހުންނަމީހުންނަށްވުރެވެސް، އެމީހުން ސިފަކުރާގޮތުން ކުރު ހެދުންލާފައި ތިބޭމީހުނަށް ކުރާ ރެސްޕެކްޓަށްވުރެ އެމީހުންނަށް ލިބޭ ރެސްޕެކްޓް ކުޑައޭ ދަންނަވާނީ. ސްކޫލް ތަކުގައިވެސް އެމީހުން މޫނު ބުރުގާ އަޅާތީ ވަކިކޮށްލަނީ އަސްލު އެހެންވެ އަޅުގަނޑު އެސުވާލު ކޮށްލީ . 

ޖަވާބު: ރެސްޕެކްޓަކީ އެއީ ﷲގެ حضرة ން ލިބޭ ރެސްޕެކްޓް އިނގޭތޯ! އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. މީހުންގެ ފަރާތުން އަދި ކޮންމެ އެއްޗެއް ކީކަމުގައި ވީނަމަވެސް މީހުން ކިތަންމެ ރެސްޕެކްޓެއް ކުރިއަސް ﷲގެ حضرة ގައި ރެސްޕެކްޓް ނެތްކަމުގައި ވަނީނަމަ އެއީ އެމީހަކަށްލިބޭނޭ ގެއްލުމަކަށްވާނެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން