އަހުރެންނަށްވެސް ފުރަތަމަ ކައިވެނިކުރެވުނީ އެމީހަކު ދެކެ އަހުރެން އެންމެ ލޯބިވީ މީހާއާއިއެވެ. ކައިވެނިކުރަން އެންމެ ބޭނުންވި މީހާއާއިއެވެ. އެކަމަކު ކައިވެނީގައި އުޅެވުނީ އެންމެ 2 އަހަރުއެވެ. އޭނާ އަހުރެން ދޫކޮށްލައިފިއެވެ.
ލިބުނު ހިތާމައިގައި ދެއަހަރު ކެތްތެރިވުމަށްފަހު ދެވަނަ ކައިވެންޏާއިމެދު ވިސްނީމެވެ. ސުވާލަކީ އިތުބާރުކުރެވޭނީ ކާކަށް ހެއްޔެވެ؟ އެއިރު 3 މީހަކު ދިއައީ އަހުރެންގެ ކައިވެންޏަށް އެދެމުންނެވެ. ޖަވާބު ނުދެވިގެން އުޅެނީ އަހުރެންދެކެ ޙަޤީޤީ ލޯބިވާ މީހަކު ޔަޤީން ނުކުރެވޭތީއެވެ. އެހެންވެ ރަނގަޅު ވިސްނުން ދެއްވެވުން އެދިގެން އައީ ދުޢާކުރަމުންނެވެ.
އެއްދުވަހެއްގެ ފަތިހެވެ. ކަސްރަތަށް ދުވަމުން ދަނިކޮށް ނޭވާކުރުވާން ފެށިއެވެ. ބަލައިލިއިރު އިންހޭލަރ ނުގެނެވެއެވެ. ވީދެރައިން އިށީނދެވުނެވެ. ތެދުވެވޭވަރެއްވެސް ނޫނެވެ. އެވަޤުތު ކައިރިއަށް މީހަކު ހުއްޓުމުން ބަލައިލިއިރު އިކްރާމެވެ. އިށީން ސަބަބާއި ބެހޭގޮތުން ސުވާލުކުރުމުން ކިޔައިދިނީމެވެ. އޭނާ ދުވެފައި ގޮސް އޭނާގެ ކާރު ގެނެސްފައި ބުނީ ކާރަށް އެރުމަށެވެ. ކާރުގައި އޭނާ ގެއަށް ގެނެސްދިނެވެ. އަހުރެން އަތުލަފިކޮށްގެން ގެއަށް ވައްދައި ސޯފާގައި ބައިންދާފައި އިންހޭލަރު ގެނެސްދިނެވެ.
އޭނާ ދިއައީ އަހުރެންގެ ކަންކަން ހަމައަކަށް އެޅުމުންނެވެ. އޭނާ ދިއުމުން ވިސްނައިލިއެވެ. މިއީ އަހުރެން ކުރަމުން ކިއަންނަ ދުޢާތަކުގެ ޖަވާބު ހެއްޔެވެ؟ ނޫންނަމަ އިކްރާމަށް އެވަޤުތު އެތަނަށް އައުދެވޭނީ ކިހިނަކުން ހެއްޔެވެ؟ ވިސްނަމުން ގޮސް އިކްރާމަކީ ކައިވެނިކުރަންވި މީހާކަމަށް ޤަބޫލުކުރެވުނެވެ.
އެއިގެ ފަހުން އިކްރާމް ވަރަށް ގިނައިން ގުޅައެވެ. އަހަނީ ޙާލުގެ ވާހަކައެވެ. އެގޮތަށް ވާހަކަދައްކަމުންގޮސް އިކްރާމްގެ ހުށަހެޅުން ޤަބޫލުކުރާކަމަށް ބުނާއިރަށް ލޯބީގެ ކުޅިގަނޑުތައް ކުޅެން ނުހަދައި އަވަހަށް ކައިވެނިކޮށްފިއެވެ. ހީވަނީ މެތްމަދުވެފައި ހުރިހެންނެވެ.
ކޮންމެއަކަސް ދެވަނަ ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. ފިރިމީހާގެ ކިބައިން ލިބޭ ލޯބިއިތުރުވުން ނޫން ކަމެއް ނުވެއެވެ. ދުވަހަކުވެސް އެންމެ ކުޑަމިނުން ކަންބޮޑުވެގެން މޫނަށް ރުލެއް އަރުވާލަންވެސް ނުޖެހެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ކައިވެނިކުރަން ބޭނުންވެގެން ޢަބުރުނަގައިނުލާށެވެ! ދުޢާކުރާށެވެ! ކެތްތެރިވެލާށެވެ! އެންމެ ރަނގަޅު ގޮތުގައި ހިންމަވައިދެއްވަވާނެއެވެ. އަހުރެން މިހުރީ އެކަން ތަޖުރިބާކޮށްގެންނެވެ. އިން ޝާ ﷲ
- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ