ފުރަތަމަވެސް ބަލައިލަންވީ މިއާޔަތަށެވެ! "އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ. (އެއީ) ތިމަންރަސްކަލާނގެ، ކަލޭގެފާނަށް މި ޤުރުއާން ވަޙީ ކުރެއްވި ކުރެއްވުމުންނެވެ. އޭގެކުރިން، ކަލޭގެފާނު އެ ވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ." (ޔޫސުފް: 3)
މިއީ އެންމެ ރިވެތި ވާހަކަ ކަމަށް ﷲ ތަޢާލާ ވަޙީކުރެއްވެވުމުން އެނގިގެންދަނީ އެވާހަކައިން ލިބިދޭ ޢިބްރަތްތައް ފުރިހަމަކަމެވެ. ކޮންމެ މުސްލިމަކުވެސް ޤަބޫލުކޮށް ޢަމަލުކުރަންޖެހޭ ކަމެވެ. އަދި އެވާހަކައަކީ މީސްތަކުންނަށް އެންމެ ފައިދާހުރި ވާހަކަތައް ކަމެވެ.
މުޅި ޤުރްއާނަށް ބެލިނަމަވެސް އެއް ސޫރަތަކުން އެކަމެއްގެ ހުރިހާ ވާހަކަތަކެއް އެނގެން އޮތް ނުވަތަ ބާވައިލައްވަވާފައިވާ ސޫރަތަކީ ޔޫސުފް ސޫރަތެވެ. އެއީ ކީއްވެގެންކަން އަހުރެމެންނަށް އެނގެން އެބަޖެހެއެވެ. އެނގޭނީ ވިސްނައި ފިކުރުކުރުމުންނެވެ.
ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ. ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނު ގެއްލުވައިލަން ނުވަތަ ނެތިކޮށްލަން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނުހަނު ތުއްޕުޅުއިރު ގެންގޮސް ފުންވަޅަކަށް ވައްޓައިލީ ދެން ދުވަހަކުވެސް ސަލާމަތްވެވަޑައިނުގެންނެވޭނެކަމަށް ބަލައިގެން ނޫންހެއްޔެވެ؟
އެހެނަސް ﷲ ތަޢާލާ އެފުންވަޅުން އެކަލޭގެފާނު ސަލާމަތްކުރެއްވެވިއެވެ. އެހިސާބުން އަދި ސަލާމަތްވެވަޑައިގެންނެވުނީއެއް ނޫނެވެ. އަޅެއްގެ ގޮތުގައި ވިއްކައިލެވުނެވެ. ޢިއްފަތްތެރިކަމަށް އަރައިގަންނަން އުޅުނެވެ. އެކަމަށްވެސް ﷲ ތަޢާލާގެ މަގުގައި ކެތްތެރިވެވަޑައިގެން ޘާބިތުވެވަޑައިގަތުމުން އެބޮޑު ފާފަ ކުރެއްވެވުމުން ސަލާމަތްކުރެއްވެވިއެވެ.
އެވަރަކުންވެސް ސަލާމަތްކަން ލިބިވަޑައެއް ނުގެންނެވިއެވެ. ޖަލުގައި ބަންދުވިވެވަޑައިގެންނެވިއެވެ. ތުއްޕުޅު އިރުންސުރެ ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަންކަމަށް ކެތްތެރިވެވަޑައިގަތުމުން އެކަމަށް އިނާމު ލިބިވަޑައިގެންނެވިއެވެ. މިޞުރުގެ ޢަޒީޒުކަން ލިބިވަޑައިގެންނެވިއެވެ.
މިލިބުނީ ކޮން މެސެޖެއް ހެއްޔެވެ؟ ކެތްތެރިންނަށް ދެއްވަވާ ނިޢުމަތްތަކުގައި އިމެއް ނެތް ކަމެވެ.
ދެން ވިސްނައިލާށެވެ! ޔޫސުފްގެފާނަށް އެބޮޑު އަނިޔާދިން އަޚުންނަށް މާފުކުރެއްވެވީ ނުހަނު ދީ ލަތިކަމާއިއެކުގައެވެ. މިއީ އަހުރެމެންވެސް ލިބިގަންނަން އޮތް އެންމެ މުހިންމު އެއް ފިލާވަޅެވެ. ކިތަންމެ ބޮޑު އަނިޔާއެއް ކުރި މީހަކަށް ނުވަތަ ބައަކަށްނަމަވެސް ޙަސަދަވެރިނުވާށެވެ! ދީލަތިކަމާއިއެކު މާފުކުރާށެވެ! އެކަމުގެ ނަތީޖާ ވަރަށް ފޮނިވާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން