ޢާއިޝަތު ރަފާޙް ޢަލީ
އިންސާނާއަށް ފާފައެއް ކުރެވުމުން އޭގެ ސަބަބުން ލިބިދޭނެ އެންމެ އަގުހުރި އެއް ނަތީޖާއަކީ، އަމިއްލަ ނަފްސުގެ ޙަޤީޤީ ބަލިކަށިކަން ވަޒަންކުރަން އެނގުމެވެ. މިއީ އިންތިހާއަށް މުހިންމު ޙަޤީޤަތެކެވެ. އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) މި ނުކުތާގެ މައްޗަށް ވަރަށް ބޮޑަށް ސަމާލުކަންދެއްވާފައިވެއެވެ.
ބައެއް ހާލަތްތަކުގައި، މަގުއޮޅިފައި ހުންނަ މީހަކަށް ހެޔޮމަގުގެ ދޮރުތައް ހުޅުވި، ﷲ އަށް ކިޔަމަންތެރިވުމާއި، އަޅުކަން ކުރުމާއި، އެކަލާނގެއަށް ކުއްތަންވުމުގެ ތައުފީޤު ލިބެއެވެ. މިގޮތުން ރޭއަޅުކަން ކުރުމާއި، ދީނީ ޢިލްމު އުނގެނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ނަފްސު އިޞްލާޙުކުރުމަށް އޭނާ ނުހަނު ގަދައަޅާ މަސައްކަތް ކުރެއެވެ. ނަމަވެސް، މިފަދަ ހާލަތެއްގައި އޭނާގެ ހިތަށް އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވުމާއި، ބޮޑާކަމުގެ އިޙްސާސް ވަދެދާނެއެވެ. އަދި އެހެން މީހުންނަކީ ތިމާއަށްވުރެ ދަށް ބައެއް ކަމުގައި ދެކެން ފެށުމުގެ ނުރައްކާ އޮވެއެވެ.
މިއީ ގިނަ ފަހަރަށް ދިމާވާ، ނުހަނު ނުރައްކާތެރި ކަމެކެވެ. އަމިއްލަ ނަފްސާ މެދު ބޮޑާވެގަތުމަކީ އިންސާނާ ކުރާ ހެޔޮ ޢަމަލުތަކުގެ ސަވާބު ފަނާކޮށްލާ ކަމެކެވެ. ތިމާއަކީ ﷲ އަށް ކިޔަމަންތެރި، ފުރިހަމަ މީހެއް ކަމަށް ދެކެން ފެށުމުން، އެހެން މީހުންނަށް އިހާނެތިކޮށް ހިތައި، އެމީހުން ދަށްކޮށްލުމުގެ ނުބައި ސިފަ އުފެދެއެވެ.
މިފަދަ ބޮޑު މުޞީބާތަކުން ހިތް ސަލާމަތްވުމަށް މެދުވެރިވާ ސަބަބަކަށް ފާފައެއް ކުރެވުން ވެދެއެވެ. އެހެނީ، ބައެއް މީހުންނަށް ފާފައެއް ކުރެވުމުން އޭނާގެ ހިތުގައި ކުރިން އޮތް ބޮޑާކަމާއި ކިބުރުވެރިކަން ފިލައިދެއެވެ. މި ބަދަލު އަތުވެއްޖެ ނަމަ، އެ ފާފައަކީ އޭނާގެ މައްޗަށް ލެއްވި ރަޙްމަތެއް ކަމުގައި ބެލެވިދާނެއެވެ.
ހެޔޮވިސްނާ މީހުން ފާފަ ކުރުމުގެ ސަބަބުން، ފާފަ ކުރުމަށްފަހު އޭނާގެ ހާލަތު މާ ބޮޑަށްވެސް ރަނގަޅުވެގެންދެއެވެ. އެއީ ފާފަ ކުރުމުގެ ކުރިން އޭނާ ހުރީ އަމިއްލަ ނަފްސުގެ މޮޅުކަމަށް ހެއްލި، ބޮޑާވެފައެވެ. ނަމަވެސް، ކުރެވުނު ފާފައަށްފަހު ހިތަށް ލިބޭ ދެރަވުމާއި، އިޚްލާޞްތެރިކަމާއެކު ކުރެވޭ ތައުބާގެ ސަބަބުން، އިބްނުލް ޤައްޔިމް ވިދާޅުވި ފަދައިން، އޭނާގެ ހިތުގައި އުފެދިފައިވާ "ކިޔަމަންތެރިކަމުގެ ކިބުރުވެރިކަން" ފުނޑުފުނޑުވެގެންދެއެވެ.
ހެޔޮ ޢަމަލުތަކުގެ ސަބަބުން ހިތުގައި އުފެދުނު ބޮޑާކަން، ކުރެވުނު ކުށުގެ ސަބަބުން މުޅިން ފިލައިދެއެވެ. އެހިސާބުން އޭނާގެ ނަޒަރު އަމިއްލަ ނަފްސަށް އެނބުރި އަންނަނީ ތިމާއަކީ ކުށްވެރިއެއް ކަމާއި، ﷲ ގެ ޙައްޤުތަކުގައި އިހުމާލުވެވިފައިވާ މީހެއް ކަމުގެ އިޙްސާސާއެކުގައެވެ. އަޅަކު އޭނާގެ އަމިއްލަ ނަފްސަކީ ކުށްވެރި، ބަލިކަށި ނަފްސެއް ކަމަށް ދެކެން ފަށައިފި ނަމަ، އެއީ އޭނާގެ ދަރަޖަ އުފުލުމަށް ހުޅުވޭ ދޮރެކެވެ. މިއާ ޚިލާފަށް، ތިމާގެ އީމާންކަމަކީ ފުރިހަމަ އެއްޗެއް ކަމުގައި ދެކެން ފަށައިފި ނަމަ، އެއީ އޭނާގެ ހަލާކުގެ ފެށުމެވެ.