އަހުރެން މިވާހަކަ ދެއްކީމާ ގިނަ އަންހެނުންނަށް ކަމަކު ނުދާނެއެވެ. އަހުރެންދެކެ ރުޅި އަންނާނެއެވެ. އެކަމަކު މިބުނަނީ ކަންތައްތައް މެދުވެރިވާ ގޮތެވެ. ޤަބޫލުކޮށްފި މީހަކަށް ފައިދާކުރާނެއެވެ.
ކައިވެނިކޮށްގެން ތިބެ ގިނަ ފިރިހެނުން ހިލޭ އަންހެނުންނާއިއެކު ގުޅުން ހިންގަނީ އޭނާދެކެ ލޯބޮވެގެނެއް ނޫނެވެ. އަނބިމީހާ ކަމުނުގޮސްގެނެއްވެސް ނޫނެވެ. އިތުރުމީހަކާއެކު ގުޅުން ހިންގާލަން ބޭނުންވާތީއެވެ.
ނަމަވެސް އަންހެނުންނަށް އެކަން މެދުވެރިވަނީ އެގޮތަކަށް ނޫނެވެ. ހިލޭ ފިރިހެނުންނާއިއެކު ގުޅުން ހިންގެނީ ލޯބިވެވިގެންނެވެ. އެގުޅުން ކޮންޓްރޯލެއްވެސް ނުކުރެވެއެވެ. އިސާހިތަކު އޮންނަނީ ފިރިމީހާ އާއި ވަކިވާން ބޭނުންވެވިފައެވެ. އެހިސާބުން ދިރިއުޅުން އެދަނީ ހަލާކުވެގެންނެވެ.
ވީމާ އަހުރެން އަންހެނުންނަށް ބުނެލަން އޮތީ ކައިވެނިކޮށްގެން ތިބޭނަމަ ހެޔޮލަފާއަނބިންގެ ގޮތުގައި ތިބުމަށެވެ. އިތުރު ހަމަ އެއްވެސް ފިރިހެނަކާއިމެދު ނުވެސް ވިސްނުމަށެވެ. ވިސްނާނަމަ މިބުނި ދެރަ ލިބުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.
މިވާހަތައް ދެއްކީމާ ދެން ކުރާނެ ސުވާލަކީ ހިލޭ އަންހެނުންނާއިއެކު ގުޅުން ހިންގުން ފިރިހެނުންނަށް ހުއްދައީ ހެއްޔެވެ؟ ނޫނީ އެކަން ކުށަކަށް ނުވަނީ ހެއްޔެވެ؟ އަދި މިއީ އެފަދަ ކަންކަން ކުރަން ފިރިހެނުންނަށް ހިތްވަރުދިނުންކަމަށްވެސް ބުނެއެވެ.
ނަމަވެސް މިއީ އެއްވެސް ޙާލެއްގައި އެކަމަށް ތާއީދުކުރުން ނުވަތަ ހިތްވަރުދިނުމެއްވެސް ނޫނެވެ. އެއީ ކުށެއް ނޫންކަމަށް ބުނުމެއްވެސް ނޫނެވެ. އަހުރެން މިކިޔައިދެނީ އެކަންކަން މެދުވެރިވާ ގޮތެވެ. އެކަމުގައި އަންހެނުންނާއި ފިރިހެނުންގެ ހުންނަ ތަފާތެވެ. އަހުރެންގެ ބޭނުމަކީ ހުރިހާ އަނބިންނަކީވެސް ކާމިޔާބު ޒަވާޖީ ޙަޔާތެއްގައި ދިރިއުޅޭ ބައަކަށްވުމެވެ. އެކަން ޙާޞިލުކުރެވޭނީ މިކިޔައިދިން ކަންކަމަށް ވިސްނައިގެން އުޅުނީމައެވެ. ފރިމީހާއަށް ތެދުވެރިވީ ވަރަކުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން