މިއަހަރުގެ ރަމަޟާންމަސް ނިމިއްޖެއެވެ. ދެން އޮތީ ސުންނަތް ރޯދަތައް ހިފުމެވެ. ރޯދަތައް ހިފަމުން ދެވޭނީ ރޯދައަކީ ކޮބައިކަން އެނގިގެންނެވެ.
ރޯދައިގެ އިޞްޠިލާޙީ މާނަ:
ﷲ އަށް އަޅުކަމެއް އަދާކުރުމުގެ ގޮތުން، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި، ރޯދަ ގެއްލޭ އެންމެހައި ކަންކަމުން ދުރުވެހުރުމެވެ.
ރޯދައިގެ ލުޣަވީ މާނަ:
ރޯދައަށް ޢަރަބި ބަހުގައި ކިޔަނީ "الْصِّيَامُ" އެވެ. މިބަހުގެ މާނައަކީ ކަމަކުން މަނާވެގަތުމެވެ، ނުވަތަ ކަމަކުން ދުރުހެލިވުމެވެ.
ރޯދައިގެ ޙުކުމް:
ރަމަޟާންމަހުގެ ރޯދަހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަހިފުމުގެ ކުޅަދާނަކަން ލިބިގެންވާ މުސްލިމެއްގެ މައްޗަށް ރަމަޟާންމަހު ރޯދަހިފުމަކީ ވާޖިބެއްކަމަށް ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ.
- ޝައިޚް އަޙްމަދު ރިމާޒް