އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ- ޚަދީޖަތުގެފާނަށްފަހު ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ކަމަނާގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ- ޚަދީޖަތުގެފާނަށްފަހު ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ކަމަނާގެ ވާހަކަ

ޢަލީ އިޙްޞާން ފިރާޤް

 

އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ރިސާލަތަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވި އަންހެން ބޭފުޅަކީ އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާގެ އަސްލު ނަންފުޅަކީ ލުބާބާ ބިންތި އަލްޙާރިޘްއެވެ. އެކަމަނާއަކީ ޤުރައިޝްވަންހައިގެ ފަޞާޙާތްތެރި ބަލާޣާތްތެރި ބޭކަނބަލެކެވެ. 

އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނުގެ އަނބިކަނބަލުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން މައިމޫނާ ބިންތި އަލްޙާރިޘަކީ އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚުތެވެ. އިމާމުލް މުފައްސިރީން ނުވަތަ ތަރުޖަމާނުލް ޤުރްއާނުގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އަކީ އެކަމަނާގެ ދަރިކަލެކެވެ.

މާތް ރަސޫލާ މައްކާ ފަތަޙަ ކުރައްވައިފައި ވަޑައިގެންނެވިއިރު އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ ވެސް އެކަމަނާގެ އާއިލާއާއެކު މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއެވެ. 

އެއްފަހަރަކު އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ އަށް ވަރަށް އާދަޔާ ޚިލާފު ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެ ހުވަފެންފުޅުގެ ވާހަކަ އެކަމަނާ މާތް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގެ ބައެއް އަޅުގަނޑުގެ ގޭގައި ހުއްޓާ އަޅުގަނޑަށް ހުވަފެނުގައި ފެނިއްޖެއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ދައިތާފުޅަށް ތިޔަ ފެނިވަޑައިގެންނެވީ ވަރަށް ބަރަކާތްތެރި ހުވަފެންފުޅެކެވެ. ފާޠިމާ ފިރިހެން ކުއްޖަކު ވިހާނެއެވެ. އެ ދަރިފުޅަށް ކިރު ދެއްވާނީ ދައިތާފުޅެވެ. ދައިތާފުޅުގެ ދަރިކަލުން ޤުޘަމާއެކުގައެވެ.] ކޮންމެއަކަސް ފާޠިމަތުގެފާނަށް ޙުސައިންގެފާނު ލިބިވަޑައިގަތުމުން އެކަލޭގެފާނަށް ކިރުފޮދު އެރުވީ އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާއެވެ.

{އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 218} 

އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ އަކީ ޙަދީޘް ޢިލްމުގެ ފަންނުގައިވެސް ފާހަގަ ކުރެވޭ ބޭކަނބަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން 30 ޙަދީޘް އެކަމަނާ ރިވާކުރައްވައިފައިވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘް ދަސްފުޅު ކުރެއްވި ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސްގެފާނާއި، އަނަސުގެފާނާއި، ޢަބްދުﷲ ބިން ޙާރިޘް ހިމެނިވަޑައިގަންނަވައެވެ.

{އިމާމް ޛަހަބީ، ސިޔަރު ޢައުލާމުއް ނުބަލާއު، ވޮލިޔުމް 3، ޞަފްޙާ 543} 

ޙައްޖަތުލް ވަދާއުގެ ދަތުރުފުޅުގައި އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ ވެސް ބައިވެރިވެވަޑައިގަތެވެ. އެ ޙައްޖުގެ ޢަރަފާތް ދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ރޯދަފުޅަށްތޯ ނުވަތަ ނޫންތޯ މިކަމާމެދު މީސްތަކުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް ހިނގިއެވެ. ބައެއް ޞަޙާބީ ބޭކަލުން ވިދާޅުވަމުން ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ރޯދަފުޅަށް ކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު ރޯދަފުޅެއް ނޫންކަމުގައެވެ. މީސްތަކުންގެ މިވާހަކަތައް އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ އަށް އެނގިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނަށް އެކަމަނާ ކިރުތަށި ކޮޅެއް ފޮނުއްވިއެވެ. އެހިނދު އެކަލޭގެފާނު މީސްތަކުންނަށް ފެންނާނެހެން އެކަލޭގެފާނުގެ ޖަމަލުކޮޅު މަތީގައި އިންނަވައިގެން އެ ކިރުތަށިކޮޅު ހިއްޕެވިއެވެ.

{ޞަޙީޙު ބުޚާރީ، ވޮލިޔުމް 1، ޞަފްޙާ 555} 

އިސްލާމްދީނުގެ އެންމެ ކުރީކޮޅު އިސްލާމްވެވަޑައިގެންނެވުމަށް އިސްނެންގެވި ފަދައިން އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ ވެވަޑައިގެންނެވީ ތަޤުވާގެ މައިދާނުގައިވެސް ކުރިއަރާވަޑައިގެންނެވި ބޭކަނބަލަކަށެވެ. އެކަމަނާގެ ދަރިކަލުން ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އަހަރެންގެ ޙުރުމަތްތެރި މަންމަ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ރޯދަ ހިއްޕަވައެވެ.]

{އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 217} 

އުއްމުލް ފަޟުލު ރަޟިޔަﷲ ޢަންހާ އަވަހާރަވި ތާރީޚެއް މުއައްރިޚުން ބަޔާންކޮށްފައެއް ނުހުރެއެވެ. ނަމަވެސް އެކަމަނާ އަވަހާރަވީ ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ކަމަށް އެނގެން ހުރެއެވެ. އޭރު އެކަމަނާގެ ފިރިކަލުން ޢައްބާސްގެފާނުގެވެސް ދުނިޔޭގައި ހުންނެވިއެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ޢުޘްމާނުގެފާނެއެވެ.

މިއަދު އޮންލައިން