ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓި ބަނޑަށްޖެހުމާދިމާއަށްދާއިރު އެކަމުގެ ސަބަބުތަކަށް އެބަވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 18ސ
ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓި ބަނޑަށްޖެހުމާދިމާއަށްދާއިރު އެކަމުގެ ސަބަބުތަކަށް އެބަވިސްނާލަމުތަ؟

މިހާރު އެންމެންވެސް ކަންބޮޑުވެގެން މިއުޅެނީ ފެށިގެންއުޅޭ ހަނގުރާމައާއިމެދުގައެވެ. ހަނގުރާމަދިގުލައިދާނެ މުއްދަތެއް ނުއެނގޭތީއެވެ. މާލީ ގޮތުން ކުރިމަތިލާންޖެހޭ ދަތިކަމުގެ ބޮޑުކަން ވަޒަންކުރަންވެސް ނުއެނގޭތީއެވެ. މިހުރިހާ ކަންކަން ވަށައި ވިސްނައިލުމުން ކަންބޮޑުވެވެނީ އެއްކަމަކަށެވެ. އެއީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ކާބޯތަކެތި ނުލިބުމުގެ މައްސަލައެވެ.  

ހަނގުރާމަ އެއްފަރާތެއްގައި ބާއްވާފައި ދުނިޔޭގެ ޚަބަރުތަކަށް ބެލިނަމަވެސް ކޮންމެ ދުވަހަކުހެން ފެންނާނީ ކޮންމެވެސް ބާވަތެއްގެ ކާރިސާތަކެއް ކޮންމެވެސް ޤައުމުތަކަކަށް ކުރިމަތިވެގެން އުޅޭކަމުގެ ޚަބަރުތަކެވެ. އުދައަރަނީއެވެ. އުދަނާރާނަމަ ޖަންގަލިތަކަށް ގެއްލުން ލިބެނީއެވެ.

އެއްބައި ޤައުމުތަކަށް ވާރޭ ނުވެހިގެން ދަނޑުބިންތައް ހަނަފަސްވެ ކާބޯތަކެތި ނުހެއްދެނީއެވެ. އަނެއްބައި ޤައުމުތަކަށް ވިއްސާރަވެ ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތައް ލިބެނީއެވެ.

މިއިން ކޮންމެ ކަމަކަށް ބެލިނަމަވެސް މިފެންނަނީ އެއްކަމެކެވެ. އިންސާނުން ދިރިތިބެން ބޭނުންވާ ކާބޯތަކެތި ހެއްދޭމިންވަރު ދަށަށްގޮސް ކާބޯތަކެތި ލިބުން މަދުވާކަމެވެ. ބާޒާރަށް ނެރެވޭ ޢަދަދު މަދުވެ އަގުއުފުލޭތަނެވެ. ކާބޯތަކެތީގެ އަގުތައް އުފުލުމުން ފަޤީރުން އިތުރަށް ފަޤީރުވެ ދަތިޙާލުގައި ޖެހޭމީހުންގެ ޢަދަދު ގިނަވަނީއެވެ.  

ވިސްނާލަންވީ މިކަންކަން ކުރިމަތިވާ ސަބަބުތަކަށެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ގިނަ ކަންތައްތަކެއް އެނގިލައްވާނެއެވެ. އަދި ކުރިއަށްދާން މަސައްކަތްކުރަންވީ މިޞްރާބްވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين 

މިދުވަސްވަރަކީ ޤުދުރަތީ އެކިއެކި ލޮޅުންތައް ރާއްޖެއަށާއި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ދުވަސްވަރެކެވެ. މިގޮތުން ރާއްޖޭގެ ބައެއް ރަށްރަށުން ނަގޫރޯޅީގެ އަޘަރުފެނިފައިވެއެވެ. އަދި އާދަޔާ ޚިލާފަށް ހޫނުގަދަވެ ކަންބޮޑުވާންޖެހޭ މިންވަރަށް ކަނޑުގެ މަސްތައް މަރުވަމުންދެއެވެ. އަދި ހަމައެފަދައިން ދުނިޔެއަށް އަންނަ ބޮޑެތި ބިންހެލުންތަކުގެ އަޘަރު ރާއްޖެއަށް ކުރަމުންދެއެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި އައި ސުނާމީއަކީ ދިވެހިންގެ ހަނދާނުން ފޮހެލަން ދަތި އެއްޗަކަށްވަނީ ވެފައެވެ. 

މިފަދަ ކޮންމެކަމެއް ފާޅުވާހިނދު މޫސުން ލަފާކުރާ ފަރާތްތަކުން އެކަން މެދުވެރިވީ ސަބަބުތައް އަންދާޒާކުރެއެވެ. “ޕްލޭޓް ޓެކްޓޮނިސްކް ” އާއި ގުޅުންހުރި ކަމެއްތޯ ނުވަތަ “ލޯ ޕްރެޝަރ ޒޯނެއް” އުފެދިގެން އުޅެނީތޯއެވެ. ނުވަތަ “އަލްގޭ” ގިނަވަނީތޯއެވެ. ޤުދުރަތީ ކާރިޘާތައް މެދުވެރިވަނީ ސަބަބުތައް މެދުވެރިވެގެންނެވެ. ނަމަވެސް މިއެންމެހާ ސަބަބުތައް މެދުވެރިކުރައްވާ ފަރާތް މިބައިމީހުން ހަނދާންނެއްނުހުރެއެވެ. 

ކުރީގެ އުންމަތްތަކުގެ މީހުންވެސް ޙައްދުފަހަނައަޅާ ދިޔުމުން އެބައިމީހުންގެ މައްޗަށް ގަދަކީރިތިވަންތަ ﷲ ތަޢާލާގެ ޢުޤޫބާތާއި ޢަޛާބު ޙައްޤުވެގެން ދިޔަކަން ޤުރުއާނުގެ އާޔަތްތަކުން އިނގެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.  

 ﴿ فَكُلًّا أَخَذْنَا بِذَنبِهِ ۖفَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّـهُ لِيَظْلِمَهُمْ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴾  (سورة العنكبوت ٤٠) 

މާނައީ: "އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވިއެވެ. އަދި ޢަޛާބުގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އަދި ޣަރަޤު ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވިއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް الله އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ ނަފްސުތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ." 

މިއާޔަތުން އެނގިގެންދާގޮތުގައި ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބު މީސްތަކުންގެ މައްޗަށް ޙައްޤުވެގެންދަނީ މީސްތަކުންގެ ފާފަތަކުގެ ސަބަބުންނެވެ. މިގޮތުން ޢަޛާބުން ދުރުހެލިކުރުވާ މައިގަނޑު އެއްސަބަބަކީ ފާފަފުއްސެވުމަށް އެދިދެންނެވުމާއި އެކު ކޮންމެ މީހަކުވެސް ކުރަމުންދާ ފާފަތައް ވަގުތުން ހުއްޓާލުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  

﴿ وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴾ (سورة الأنفال ٣٣) 

މާނައީ: "އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، الله އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެއެވެ. އަދި އެއުރެން ފާފަފުއްސެވުމަށް އެދިދަންނަވަނިކޮށް الله އެއުރެންނަކަށް ޢަޛާބެއް ނުދެއްވާނެއެވެ."  

އަޅުގަނޑުމެންގެ މުޖުތަޢުގައިވެސް ފާޅުކޮށްކުރެވޭ ފާފަތައް ގިނަގުނައެވެ. ކުފުރުގެ ބަސްތައްބުނުމާއި، ދީނަށާއި ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުމާއި، ނަމާދު އެޅުމާއި، ޒަކާތްނުދިނުމާއި، ރޯދަ ގަސްތުގައި ޢުޛުރެއްނެތި ދޫކުރުމާއި، ވައްކަންކުރުމާއި، މާރާމާރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ބަދުއަޚުލާޤީ ޢަމަލުތައް ޢާންމުކުރުމެވެ. މިފަދަ ފާފަތަކާއި ފާފަކުރާމީހުން އިތުރުވެއްޖެނަމަ ޢަޛާބެއް އައުން އެއީ ނުހަނު ގާތުގައި ވާކަމެކެވެ. މިގޮތުން ފިރުޢައުނާއި އޭނާއަށް ތަބާވީ މީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.  

﴿ فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ ﴾ (سورة الزخرف ٥٥)  

މާނައީ: 'ފަހެ ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން އިންތިޤާމު ހިއްޕެވީމެވެ. ފަހެ ތިމަންރަސްކަލާނގެ އެއުރެން އެންމެން ޣަރަޤު ކުރެއްވީމެވެ." 

ފިރުޢައުނާއި އޭނާއަށް ތަބާވީމީހުންނަކީ ބިމުގައި ގަދަކަންދައްކާ އުޅުނު ބަޔެކެވެ. އަދި އެބައިމީހުންގެ ގާތަށް ފޮނުވުނު ރަސޫލާ މޫސާ عليله السلام އަށް ފާޅުކޮށް ހަޖޫޖަހާ، ފުރައްސާރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން ބަސްބުނެ އަދި ﷲ ގެ ޝަރީޢަތާއި ދެކޮޅަށް މަސައްކަތްކުރިއެވެ. މިގޮތުން އެބައިމީހުންނަށް އެކިއެކި އިންޛާރުތައް ﷲ ތަޢާލާ ދެއްވިއެވެ. އިންޛާރަކަށް ފަހު އިންޛާރެކެވެ. ﴿  

وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِّنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ ﴾ (سورة الأعراف ١٣٠)

މާނައީ: "ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ފިރުޢައުނުގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ." 

ނަމަވެސް މިކަންކަމަށް މާބޮޑުފަރުވާއެއް މިބައިމީހުން ނުބެހެއްޓުމުން  އާޚިރުނަތީޖާއަކަށްވީ އެބައިމީހުން ޣަރަޤުވެ ހަލާކުވުމެވެ. 

އަޅުގަނޑުމެންނަކީ ޢަޛާބުން ރައްކާތެރިކުރުވަނިވި ޙަޤީޤީފިޔަވަޅުތަކެއް އަޅަންބޭނުން ބަޔަކުނަމަ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވަމާ ހިނގާށެވެ. އަދި ދީނުގެ ކަންކަމުގެ ތެރެއިން ފަރުވާކުޑަކުރެވޭ އަދި ފަސްކުރެވިފައިވާ ކަންކަމަށް ތައުބާވެ އާފެށުމަކުން ފަށަމާ ހިނގާށެވެ. އަދި ނުރައްކާތެރިވަބާތަކުން އަޅުގަނޑުމެން އެއްކިބާކޮށްދެއްވުމަށް ރޮއި އާދޭސްކޮށް ﷲގެ ޙަޟްރަތަށް ދަންނަވަމާ ހިނގާށެވެ. ވަޤުތުފާއިތުވުމުގެ ކުރިންނެވެ. އެހެނީ އެއްވެސް ފަރުވާލެއްނެތި ފާފަތަކުގައި ޣަރަޤުވެގެންތިއްބާ ބޮޑު ޢުޤޫބާތެއް ޙައްޤުވެދާނެއެވެ.  

﴿ أَفَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ *  أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ * أَفَأَمِنُوا مَكْرَ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ اللَّـهِ إِلَّا الْقَوْمُ الْخَاسِرُونَ ﴾  (سورة الأعراف ٩٧- ٩٩)

 މާނައީ: "ފަހެ، ރަށްތަކުގެ އަހުލުވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ޢަޛާބު އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ، الله ގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ الله ގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެތެވެ."

އެންމެހާ މީސްތަކުންނޭވެ! ތެދުވެރި ތައުބާއަކުން ﷲއަށް ތައުބާވަމާ ހިނގާށެވެ. މީސްތަކުންކުރާ ފާފަތައް ﷲތަޢާލާއަށް ވަންހަނާވެވޮޑިގެންނުވެއެވެ. ނަމަވެސް އެކަލާނގެ އޯގާވަންތަކަމުން މީސްތަކުންނަށް މުހުލަތުދެއްވައެވެ.  

﴿ نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ * وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ ﴾ (سورة الحجر ٤٩ – ٥٠)

މާނާއި: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރުދެއްވާށެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު އެއީ، ވޭންދެނިވި ޢަޛާބެއް ކަމަށްވެސްމެއެވެ." 

ﷲ ތަޢާލާގެ ޢަޛާބު އަޅުގަނޑުމެންގެ މައްޗަށް ޙައްޤުވެއްޖެނަމަ ދެން ފަހެ " ވޯނިންގް ސިސްޓަމަކުން" ކުރާނޭ ފައިދާއެއްނެތެވެ. އެއިލާހީ ހިއްޕެވުމުގައި އެންމެ ގަދަފަދަ ވަންތަ އިލާހެވެ. 

އޭ ﷲ! އަޅަމެންނަށް ސިއްރުގައި އަދި ފާޅުގައި ކުރެވޭ އެންމެހާ ފާފަތައް ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ހެޔޮމަގަށް މަގުދައްކަވާނދޭވެ! އަދި އަޅަމެންގެ ތެރޭގައިތިބި ތަންދޮރު ނުފިލާ މީހުން ކުރާކަންކަމުގެ ސަބަބުން އަޅަމެންގެ މައްޗަށް ޢާންމުވެގެންވާފަދަ ޢުޤޫބާތެއް ނުފޮނުއްވާނދޭވެ!

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން