ގިނަ ބައަކު މަގުފުރެދި ހަލާކުވެގެންދަނީ އެކުވެރިންގެ ސަބަބުންނެވެ! ނަރަކައަށް ލެވޭ ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރާނީ އެފަދަ އެކުވެރިންނާއިއެކު ގުޅުން ބޭއްވުނީތީކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ.
ހަމައެފަދައިން އެކުވެރިންގެ ސަބަބުން ދުނިޔެއާއި އާޚިރަތް ލިބިގަންނަ ބައަކުވެސް އުޅެއެވެ. އެމީހުންގެ ސަބަބުން ދުނިޔޭގައިވެސް އުފާވެރިކަން ލިބި އަދި ޤިޔާމަްތ ދުވަހު ސުވަރުގެ ލިބުމަށްވެސް މަގުފަހިވާތީއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
މުޞީބާތުގެ ވަގުތުތަކުގައިވެސް ހެޔޮ އެދޭ މިތުރުން ތިބާ ގާތު ބުނާނީ ތެދު ބަހެވެ. ދޭނީ ހެޔޮ ނަޞޭޙަތެވެ. ތިބާއަށް އުފާވެރިކަމެއް ލިބިއްޖެ ނަމަ އެކަން ފާހަގަކުރުމުގައިވެސް މިތުރުން ބައިވެރިވާނެއެވެ. އަދި ހިތާމައިގެ ވަގުތުތަކުގައި މިތުރުން ތިބޭނީ ތިބާ އާއި އެކުގައެވެ.
މިތުރުންގެ ތެރެއިންވެސް އެންމެ ހެޔޮކަންބޮޑު މިތުރުންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ނަމާދުކުރުވން ބާރުއަޅާ މީހުންނެވެ. ރިވެތި އަޚްލާޤް ހަނދުމަކޮށްދޭ މީހުންނެވެ. ފާފަތަކަށް ބިރުވެތިކުރުވައި ފާފަކުރުމުން ސަލާމަތްކޮށްދޭން ގަދައަޅައި މަސައްކަތް ކުރާ މީހާއެވެ.
މިފަދަ ހެޔޮ ލަފާ މިތުރުން މިއަދު ވަރަށް މަދެވެ. އެހެންކަމުން އެފަދަ މިތުރަކު ލިބެނީ ވެސް ވަރަށް މަދުންނެވެ. ވަރަށް މަދު މީހަކަށެވެ. މިފަދަ ހެޔޮލަފާ މިތުރަކު ލިބިއްޖެ ނަމަ އެމީހަކާއި ވަކިނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
އެފަދަ މިތުރުން ދޭ ނަޞޭޙަތް ބަލައިގަންނާށެވެ! ބަލައިގަންނަން އުނދަގޫވި ނަމަވެސް ދޫނުކުރާށެވެ! އެއީ ދުނިޔެއާއި އާޚިރަތް ލިބިގަންނަން އޮތް މަގެކެވެ.
ބަލިވުމުން ޑޮކްޓަރު ދޭ ބޭހަކީވެސް މީރު އެއްޗެއް ނޫނެއް ނޫން ހެއްޔެވެ؟ އެހެންކަމާއިއެކުވެސް ބަލި ފަސޭހަވަނީ ގަދަކަމުން ނަމަވެސް ބޭސް ބުއިމުން ނޫން ހެއްޔެވެ؟ އެ މިސާލުން ހިތްވަރު ހޯދާށެވެ! އެހެނީ ތިބާއަށް ގެއްލުންހުރި ކަމެއް ކުރެވެން އުޅޭނަމަ އެކަމަށް އެމީހުން ހުރަސްއަޅާނެއެވެ. އެކަން ޤަބޫލުކުރުމުން ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން