ކެއުން ނުވަތަ ބުއިމުގެ ކުރިން ބިސްމިﷲ ކިޔަން ބުނުމުން ގިނަބއަކަށް މާނަކުރެވެނީ އެއީ ބޮޑެތި ކެއުންތަކާއި ތަށިފުރާ ހުންނަ ފެންފަދަ އެއްޗެއް ބުއިމުގެ ކުރިން ކުރަން އޮތް ކަމެއް ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ކިތަންމެ އަވަސްކުރަން ބޭނުންވިނަމަވެސް ކިތަންމެ ކުޑަ އެއްޗެއްނަމަވެސް ކެއުމުގެ ކުރިންވެސް އަދި ކިތަންމެ މަދު މިންވަރަކަށް އެއްޗެއް ބުއިމުގެ ކުރިންވެސް ކުރަން އޮތް ފުރަތަމަ ކަމަކީ ބިސްމިﷲ ކިޔުމެވެ. ނޫންނަމަ އެއިން ޝައިޠޯނާ ކައިބޮއިހަދާނެއެވެ.
ހަމަ އެގޮތަށް ބޭސްގުޅައެއް ކެއިނަމަވެސް އަދި ބޭސް ސަމުސަލެއް ބުއިނަމަވެސް ބިސްމިﷲ ކިޔަންވާނެއެވެ. އަދި އެއިގެ އިތުރުން އެއިން ޝިފާ ދެއްވެވުން އެދިގެން ދުޢާކުރަންވެސްވާނެއެވެ.
މިފަދަ ކަންކަމަކީ ސަމާލުކަންދީފިނަމަ އެމީހަކަށް މާބޮޑު މަސައްކަތަކާއިނުލައިވެސް ބައިވަރު ޘަވާބު ޖަމާކުރެވެންހުރި ކަންކަމެވެ. ސުންނަތުގައި އޮތީ އެގޮތްކަމަށްވާތީއެވެ. އެކަމުން އެމީހަކަށް ބަރަކާތް ލެއްވެވުން އޮތީވެސް ބިސްމިﷲ ކިޔުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން