ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ މީހަކު ނުރަނގަޅު ކަމެއް ކުރާނަމަ އޭނާއަށް ހެޔޮއެދިގެން އެކަމުގެ ވާހަކަ ދައްކަންވީ އޭނާގެ ގާތުގައެވެ. ނުވަތަ އޭނާގެ ކަންކަން އިޞްލާޙްކުރުވޭނެ މީހެއްގެ ގާތުގައެވެ. އެއީ އެންމެންގެ ގާތުގައި ދައްކަންޖެހޭނެ ވާހަކައެއް ނޫނެވެ.
ވިސްނާށެވެ! އެހެން މީހަކު ކުރިކަންކަމާއި އަދި އޭނާގެ ފޯނު ބޭނުންކުރިގޮތާއި ތިބާއާއި ސުވާލެއް ނުކުރައްވަވާނެތެވެ. އެހެން މީހަކު އޭނާގެ ވަޤުތުތައް ހޭދަކުރި ގޮތާއި ބެހޭ ގޮތަކުންވެސް ތިބާއަކާއި ސުވާލެއް ނުކުރައްވަވާނެއެވެ. ސުވާލުކުރައްވަވާނީ ހަމަ ތިބާ ކުރި ކަންކަމާއިބެހޭ ގޮތުންނެވެ!
ކަން އޮތީ މިފަދައިން ނަމަވެސް މިއަދު ގިނަ ބައަކު ކަންބޮޑުވަނީ އެހެން މީހަކު ނުވަތަ އެހެން ބައަކު ކުރާ ކަންކަމަށެވެ. ދައްކަނީ އެވެނި މީހަކު މިވެނިކަމެއްކުރި ވާހަކައެވެ. އެކަންކަމަށްވެސް ކަންބޮޑުވާށެވެ. އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! ރަނގަޅު ގޮތް ބުނެދީ ހަނދާންވެސް ކޮށްލައިދޭށެވެ.
އެހެންކަމާއިއެކުވެސް ބޮޑަށް ބިރުގަންނަންވީ ތިމާގެ ޙާލާއިމެދުގައެވެ. ތިމާއަށް ކުރެވޭ ކަންކަމާއިމެދުގައެވެ. އެހެން މީހަކު ކުރިކަމަކާއިބެހޭ ގޮތުން ތިބާއަކާއި ސުވާލެއް ނުކުރައްވަވާނެތެވެ. ތިބާ އާއި ސުވާލުކުރައްވަވާނީ ތިބާ ކުރި ކަންކަމާއިބެހޭގޮތުންނެވެ. ތިބާކުރަންޖެހޭ ކަންކަމުގެ ތެރެއިން ނުކޮށް ދޫކޮށްލި ކަންކަމާއިބެހޭގޮތުންނެވެ.
މިއާޔަތަށް ވިސްނާށެވެ!
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތައް ރައްކާތެރިކޮށް، އިޞްލާޙްކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭހުށްޓެވެ. ތިޔަބައިމީހުން އެންމެން އެނބުރިދިއުންއޮތީ، ﷲ ގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ." (އަލް މާއިދާ: 105)
- މުފްތީ މެންކުގެ ދަރުސަކުން