ވަރަށް ހިތާމައާއިއެކުވެސް ބުނަން މިޖެހެނީ ކޮންމެވެސް ގޮތަކުން ހިތް ދަތިކަމެއް ލިބިގެން ނޫނީ ތަކްލީފްތަކެއް އުފުލަން ޖެހިގެން ނުވަތަ އަތްމަތި ދަތިވުން ފަދަ ކަމެއް ކުރިމަތިނުވާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވޭ މީހުން އަންނަނީ މަދުވަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބައެއް މީހުންނަށް ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަން ފެށެނީ ޢުމުރުން ދުވަސްވެ ނުވަތަ ބައްޔެއް ޖެހި ދެއަތް ތުރުތުރުއަޅަން ފެށުމުންނެވެ. މިއީ ވަރަށް ދެރަކަމެކެވެ. މުސްލިމުން ވާންޖެހޭނީ ހުރިހާ އުމުރެއްގައިވެސް ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރާ ބައަކަށެވެ.
ދުނިޔަވީ ކުޑަކުޑަ މިސާލެއްވެސް ބުނެލާނަމެވެ. ބައެއް މީހުން، ބާރުގަދަ، ނުފޫޒުގަދަ މަޤާމުތަކުގައި ތިބޭއިރު ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ނުހިތައެވެ. އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެ ކަމެކެވެ. ނަމަވެސް މަޤާމު ގެއްލި ނުފޫޒުކެނޑިގެން ދިއުމުން ޤާނޫނުތަކަށް ޢަމަލުކުރަން މަޖުބޫރުވުމުން ޤާނޫނުތަކަށް ޢަމަލުކުރެއެވެ.
ނިކަން ބުނެބަލާށެވެ! އެމީހުންނަކީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތި ބައަކަށްވާނެ ހެއްޔެވެ؟
އަޅުކަންކުރުމާއި ދުޢާކުރުމުގައިވެސް އޮތީ ހަމަމިފަދަ ގޮތެކެވެ. ފުދިގެން ހުންނައިރު ﷲ ތަޢާލާގެ އެންގެވުންތައް މަތިން ހަނދާންވެސް ނުހުރެއެވެ. ކިރިޔާވެސް ހަނދާންވާން ފަށަނީ އެމީހަކަށް ބޮޑު ތަކްލީފެއް އުފުލަންޖެހުމުން ނުވަތަ ހިތްދަތިކަމެއް ލިބުމުންނެވެ. ލިބިފައިވާ ބާރާއި ތަނަވަސްކަން ގެއްލި ދިއުމުންނެވެ.
އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ކުރާމީހަކަށް ނުވާށެވެ! ހުރިހާ އުމުރެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ، އަޅުކަންކޮށް ދުޢާކުރާ މީހަކަށްވާށެވެ. މުސްކުޅި އުމުރުގައި ބޭނުންކުރަން ޕެންޝަންފަންޑަށް ފައިސާ ޖަމާކުރާ އުޞޫލުން މުސްކުޅިވާއިރަށް ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށް ހެޔޮކަމުގެ ފަތް ވީހައި ބުރަކޮށްލެވޭތޯ ބަލާށެވެ!
ކޮންމެ ގޮތެއްވިޔަސް މުސްކުޅިވެ ގައިބާރު ދެރަވުމުން އަޅުކަންކުރަން، ޚާއްޞަކޮށް ނަމާދުކުރަން އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ގިނގިނައިން ކުރަން ހިތް އެދުނަސް ސުންނަތް ނަމާދުތައް ކުރަން އުނދަގޫވާނެއެވެ. ނަމާދުގައި ގިނައިރު ކޮޅަށް ހުންނަން އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެހައިގިނައިން ހަނޑާންކޮށްދެވެނީ މިބުނި ފަދަ ސަބަބުތަކަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން