ސުވަރުގެ ލިބިވަޑައިގަންނަވާނެ ޞަޙާބީންގެ ތެރެއިން ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު!

ކިޔުމަށް ހޭދަވާނީ 4މ 48ސ
ސުވަރުގެ ލިބިވަޑައިގަންނަވާނެ ޞަޙާބީންގެ ތެރެއިން ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު!

ޢަލީ އިޙްޞާން ފިރާޤް

 

އެކަލޭގެފާނަކީ ނައްޖާރު ވަންހައިގެ ބޭކަލެކެވެ. ފުރިހަމަ ނަންފުޅަކީ ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ ޞަޙާބީންގެ ތެރެއިން ދަރަޖަ މަތިވެރި މާތް ޞަޙާބީއެކެވެ. އެކަލޭގެފާނުވަނީ ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމަ އާއި ޚަންދަޤު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެހެނިހެން މުހިންމު ޣަޒުވާތަކާއި ސަރިއްޔާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ދެ ފަހަރެއްގެ މަތިން ޖިބްރީލުގެފާނު ފެނިވަޑައިގެންނެވި ކަމަށް ރިވާވެގެން އައިސްފައިވެއެވެ. ފުރަތަމައީ ޚައިބަރު ހަނގުރާމައިގެ ދުވަސްވަރުގައެވެ. ދެވަނައީ بني قريظة ގެ ހަނގުރާމައިގެ ދުވަހުގައެވެ. އެފަހަރު ޖިބްރީލުގެފާނު ހުންނެވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސިފަފުޅުގައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވުމުން އެންމެ ފުރަތަމަ އެކަލޭގެފާނަށް ބިމަކާއި، ގެކޮޅެއް ހަދިޔާ ކުރެއްވި ފަރާތަކީ ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހުއެވެ. މާތް ރަސޫލާ އެގެކޮޅު ޚާއްޞަ ކުރެއްވީ އެކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިން އަންހެން ބޭފުޅުންނަށެވެ. އެގެކޮޅުގައި ތިއްބެވި އަންހެން ބޭފުޅުންގެ ތެރޭގައި މާތް ރަސޫލާގެ ދެ އަނބިކަނބަލުން ކަމުގައިވާ ޢާއިޝަތުގެފާނާއި، ސައުދަތުގެފާނާއި، ދެ ދަރިކަނބަލުންކަމުގައިވާ ފާޠިމަތުގެފާނާއި، އުއްމު ކުލްޘޫމުގެފާނު ހިމެނިވަޑައިގަންނަވައެވެ. 

ހިޖްރައިން 2 ވަނަ އަހަރު ޢަލީގެފާނު، ފާޠިމަތުގެފާނާ ކާވެނި ބައްލަވައިގެންނެވިއެވެ. ކާވެނިފުޅަށްފަހު އެދެކަނބަލުން ދިރިއުޅުއްވަން ހަމަޖެހިފައިވާ ގެކޮޅު ހުރީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ގެކޮޅާ ވަރަށް ދުރުގައެވެ. މާތް ރަސޫލާ، ފާޠިމަތުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [ބައްޕަ، ދަރިފުޅު ބައްޕަގެ ގެއާ ކައިރިއަށް ގެންނަށް ބޭނުމެވެ.] ފާޠިމަތުގެފާނު ވިދާޅުވިއެވެ. [ބައްޕަ، ޙާރިޘަތު ބިން ނުޢުމާންއާ ވާހަކަފުޅު ދައްކަވައިގެން ގެއެއް ހުސްކުރައްވަން ވީ ނޫންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [އޭނާ މިހާރުވެސް ވަނީ އޭނާގެ ގެކޮޅުތައް ބައްޕަމެންނަށްޓަކައި ހުސްކޮށްދެއްވައިފައެވެ. ދެން އޭނާގެ ގާތުގައި ކަމަކު ކިޔަން ބައްޕަ ލަދުގަނެއެވެ.] 

މި ވާހަކައިގެ ޚަބަރު ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހުއަށް އެނގިވަޑައިގެން ވަގުތުން އެކަލޭގެފާނުގެ ގެކޮޅު ހުސްކުރެއްވިއެވެ. އަދި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [ފާޠިމާ ކަލޭގެފާނުގެ ގެކޮޅާ ކައިރިއަށް ގެންނަވާށެވެ. އަޅުގަނޑުގެ ގެތަކަކީ  ބަނޫ ނައްޖާރުގެ ގެތަކަށްވުރެ ކަލޭގެފާނާ ކައިރި ގެތަކެވެ. އަޅުގަނޑާއި އަޅުގަނޑުގެ މުދަލަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާގެ މިލްކެކެވެ. މާތްﷲ ގަންދީ ދަންނަވަމެވެ. އަޅުގަނޑުގެ ފަރާތުން ކަލޭގެފާނު ޤަބޫލުކުރާ އެއްޗަކީ ކަލޭގެފާނު ޤަބޫލުނުކުރާ އެއްޗަކަށްވުރެ އަޅުގަނޑަށް މާ ލޮބުވެތިކަން ބޮޑު އެއްޗެކެވެ.] 

މި އަޑު އައްސަވާ މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. މާތްﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.] އޭގެފަހުން ޢަލީގެފާނާއި ފާޠިމަތުގެފާނު އެގެކޮޅުގައި ދިރިއުޅުއްވަން ފައްޓަވައިފިއެވެ.

{އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 132} 

ޚައިބަރު ހަނގުރާމައަށްފަހު މާތް ރަސޫލާ، އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނާ ކާވެނިބައްލަވައިގެން މަދީނާއަށް އެކަމަނާ ގެންނަވައިފައި އެންމެ ފުރަތަމަ ބެހެއްޓެވީ ވެސް ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހުގެ ގެކޮޅުގައެވެ. 

ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު ޙަޔާތްޕުޅުގެ ފަހުކޮޅުގައި އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުވަނީ ގެއްލިފައެވެ. އެކަލޭގެފާނު ފަހަކަށް އައިސް ހިންގަނަވާ އުޅުއްވީ، ނަމާދު ކުރައްވާ ކޮޓަރިކޮޅާއި ގޭގެ މައިދޮރާ ދެމެދުގައި ވާގަނޑެއް ދަންމަވައިގެން އޭގެ އެހީފުޅުގައެވެ. ގެކޮޅަށް މިސްކީނަކު އަތުވެއްޖެނަމަ އެކަލޭގެފާނު އެ ވާގަނޑުގައި ހިއްޕަވައިގެން ވަޑައިގެން ކަދުރު ދެއްވައެވެ. އެކަލޭގެފާނު އެ ބުރަ އުފުއްލަވާ މަންޒަރު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަހުލުވެރިން ވިދާޅުވިއެވެ. [ކަލޭގެފާނު ތިޔަ ބުރަ ނުއުފުއްލަވާށެވެ. އަޅުގަނޑުމެން ތިޔަ ކަންތައްކޮށްލަފާނަމެވެ.] އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. [މާތް ރަސޫލާ ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. [މިސްކީނުންނަށް އެހީތެރިވުމަކީ ނުބައިމަރަކުން މީހާ ރައްކާތެރިކޮށްދޭ ކަމެވެ.] {އިމާމު ޛަހަބީ، ސިޔަރު އަޢުލާމު އައްނުބަލާ، ވޮލޮޔުމް 2، ޞަފްޙާ  379}

ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު އަކީ އެކަލޭގެފާނުގެ މައިކަނބަލުންނަށް އިންތިހާއަށް ހެޔޮފުޅުކޮށް ކަންތައް ކުރެއްވި ބޭކަލެކެވެ. އެކަމަނާއަށް ކާންދެއްވަނީވެސް ޚުދު އެކަލޭގެފާނުގެ އަތްޕުޅުންނެވެ. އެކަމަނާ ކަމަކަށް އެދިވަޑައިގެންފިނަމަ އެއްވެސް ފަސްޖެހިވަޑައިގެންނެވުމަކާ ނުލައި އެކަމެއް ކުރައްވައެވެ. 

ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު އަށްވަނީ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުވެސް ލިބިވަޑައިގެންފައެވެ. އެއްފަހަރަކު މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. [ތިމަންކަލޭގެފާނު ސުވަރުގެއަށް ވެދެވަޑައިގެންނެވީމުއެވެ. އެތަނުން މީހަކު ޤުރްއާން ކިޔަވާ އަޑު އެއްސެވީމުއެވެ. އެއީ ކާކުތޯ އެއްސެވުމުން ތިމަންކަލޭގެފާނަށް ދެންނެވުނެވެ. އެއީ ޙާރިޘަތު ބުނުއް ނުޢުމާން ގެ އަޑުފުޅެވެ.]

{ الألباني (ت ١٤٢٠)، صحيح الجامع ٣٣٧١ • صحيح • أخرجه أحمد (٢٤١٢٦)} 

ޙާރިޘަތު ބިން އައްނުޢުމާން ރަޟިޔަﷲ ޢަންހު އަވަހާރަވީ އަމީރު މުއާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖްރައިން 51 ވަނަ އަހަރުގެ ތެރޭގައެވެ.

 

މިއަދު އޮންލައިން