ވަޤުތުގައި ބަރަކާތް ލެއްވުމަށް އެދޭނަމަ، މި ވަޤުތުކޮޅު ނަގައިނުލަމާ!

ކިޔުމަށް ހޭދަވާނީ 2މ 37ސ
ވަޤުތުގައި ބަރަކާތް ލެއްވުމަށް އެދޭނަމަ، މި ވަޤުތުކޮޅު ނަގައިނުލަމާ!

މަރްޔަމް ސާޖިދާ

 

އަހަރަމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް 24 ގަޑިއިރު ހަމައަށް ލިބޭ މީހެކެވެ. ނަމެވެސް މި 24 ގަޑިއިރު ތެރޭގައި އެއްބަޔަކު ކާމިޔާބު ކަމާއިއެކު އަޅުކަމާއި ދުނިޔެވީ އެތައް މަސައްކަތެއް ނިންމާލާއިރު، އަނެއްބަޔަކަށް އިޙުސާސް ވެގެންދަނީ އެކަށީގެންވާ ވަރަށް ވަޤުތު ނުލިބި، ވަޤުތު އަތުން ބީވެގެންދާ ފަދައިންނެވެ. މިއީ ވަޤުތުގައި "ބަރަކާތް" ހުރުމާއި ނެތުމުގެ ތަފާތެވެ. 

ބަރަކާތަކީ މާއްދީގޮތުން ފެންނަން ހުންނަ މިންވަރަށްވުރެ ބޮޑަށް އެ އެއްޗެއްގައި ނުވަތަ ކަމެއްގައި އިލާހީ ހެޔޮކަން ލެއްވުމެވެ.  

ފަތިސް ވަޤުތުގެ ބޭނުން ހިފުން: 

މި އުންމަތުގެ މީހުނަށް ފަތިސް ވަޤުތުގައި ބަރަކާތް ލެއްވުން އެދި ރަސޫލާ ﷺ ވަނީ ދުޢާކޮށްދެއްވާފައެވެ.

 " اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا. وَكَانَ إِذَا بَعَثَ سَرِيَّةً أَوْ جَيْشًا بَعَثَهُمْ فِي أَوَّلِ النَّهَارِ."" މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ އުންމަތުގެ މީހުންނަށް، އެބައިމީހުންގެ ހެނދުނުގެ ވަގުތުތަކުގައި (ފަތިސް ވަގުތުގައި) ބަރަކާތް ލައްވާފާނދޭވެ! އަދި ކީރިތި ރަސޫލާ ﷺ ސިފައިންގެ ލަޝްކަރެއް ފޮނުއްވާނަމަ، ފޮނުއްވަނީ ދުވަހުގެ ކުރީކޮޅުގައެވެ." (އަބޫ ދާއޫދު އަދި ތިރްމިޛީ). 

ހަމައެހެންމެ މި ޙަދީޘް ރިވާކުރެއްވި ޞަޙާބީ، ޞަޚްރުލް ޣާމިދީ رضي الله عنه  މަޝްހޫރުވެވަޑައިގެންފައިވަނީ މި ޙަދީޘަށް ޢަމަލުކުރައްވާ، އެކަލޭގެފާނުގެ ޤާފިލާތައް ހެނދުނުގެ ކުރީކޮޅު ވިޔަފާރިއަށް ފޮނުއްވާ، އެކަމުގެ ސަބަބުން ފައިދާ އިތުރުވެ މުދާތައް އިތުރުވެގެން ދިޔަ ބޭކަލެއްގެ ގޮތުގައެވެ. 

އެހެންކަމުން އަހަރެމެންގެ ވަޤުތުގައި ބަރަކާތް ލެއްވުމަށް އެދޭނަމަ އަހަރަމެން އެންމެ އިސްކަމެއް ދޭންވި ކަމަކީ،ދުވަހުގެ ބަރަކާތް ކަމުގައިވާ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. އަދި އެއަށްފަހު، ރޫޙާނީ ހަކަތަ ލިބިގިތުމަށްޓަކައި ޤުރުއާނުގެ މިންވަރެއް ކިޔަވާލާ، ހެނދުނުގެ ޛިކުރުތައް ކިޔާލާށެވެ. ދެން އެއަށްފަހު، ލިޔުންތެރިކަން، ކިޔެވުން، ކަންކަން ރޭވުން ފަދަ ސިކުނޑި ބޭނުންކުރަންޖެހޭ ކަންކަން މިވަޤުތުގައި ކުރާށެވެ. އަދި ދުވަހުގެ ތާވަލު ކުރިއަށް ގެންދާނެ ގޮތް ރާވާލާށެވެ.  ހަމައެހެންމެ، ނަމާދުތައް އޭގެ ވަޤުތުގައި އަދާކުރަމުން ދުވަހުގެ މަސައްކަތައިގެން ކުރިއަށްދާށެވެ. އެހެނީ ނަމާދަކީ، ވަޤުތު ތަރުތީބުކޮށްދޭ އެންމެ ބޮޑު ވަޞީލަތެވެ.  

ފަތިސް ވަޤުތަކީ ދުވަހުގެ ބިންގާ ކަމުން، އެވަޤުތު ކާމިޔާބު ކޮށްފި މީހާ، މުޅި ދުވަހުގެ "ބަރަކާތުގެ ތަޅުދަނޑި" ހާޞިލްކޮށްފިކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ކޮންމެ ދުވަހަކީވެސް ފަތިހުގެ ނޫރުން ބަރަކާތްތެރިވެފައިވާ ދުވަހެއް ކަމުގައި ލައްވާށި! އާމީން.

މިއަދު އޮންލައިން