ޢާއިޝަތު ރަފާޙް ޢަލީ
ޝައްކެއްވެސްނެތް ގޮތުގައި، ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަކީ ބޮޑުވެގެންވާ ބަރަކާތެއް އެކުލެވިގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ގެތަކަކީ ކަށްވަޅުތަކެއް ކަމުގައި ނުހަދާށެވެ. ހަމަކަށަވަރުން، ސޫރަތުލް ބަޤަރާ ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެއެވެ."
އަދި އެހެން ރިވާޔަތެއްގައިވާ ގޮތުން، އެ ސޫރަތް ކިޔަވާ އަޑުއިވުމުން ޝައިޠާނާ އެ ތަނަކުން ފިލައިގެންދާނެއެވެ. މީގެ އިތުރުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: "ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާށެވެ. ފަހެ، އެ ސޫރަތް ކިޔެވުމުގައި ހިފެހެއްޓުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ސިހުރުވެރިންނަށް އެ ސޫރަތުގެ މައްޗަކަށް ނުވެވޭނެއެވެ (އެބަހީ: އެ ސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ސިހުރުގެ ނުފޫޒެއް ނުފޯރުވޭނެއެވެ)."
ސޫރަތުލް ބަޤަރާ ކިޔަވަންވީ މިންވަރާ މެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ބަސްތައް އެބަހުއްޓެވެ. އެއްފަހަރު ކިޔަވައިލުމުން ފުދޭނެތޯ ނުވަތަ ކޮންމެ ތިން ދުވަހަކުން ނުވަތަ ކޮންމެ ދުވަހަކު ކިޔަވަންވީތޯ މިއީ އުފެދޭ ސުވާލެކެވެ. މިކަމުގައި ކަނޑައެޅިގެން ވަކި މުއްދަތެއް ބަޔާންވެފައިވާ ނައްޞެއް (ދަލީލެއް) ނެތް ނަމަވެސް، ޢިލްމުވެރިންގެ ތަޖުރިބާގެ އަލީގައި ބައެއް އިރުޝާދުތައް ދެއްވާފައިވެއެވެ.
އާންމު އުސޫލެއްގެ ގޮތުން ފާހަގަކޮށްލަންޖެހޭ ދެ ކަމެއްވެއެވެ. ފުރަތަމަ ކަމަކީ، ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަކީ އޭގެ ޒާތުގައި ނުހަނު ބޮޑު ބަރަކާތެއް ހުރި ކަމެއް ކަމެވެ. ދެވަނަ ކަމަކީ، ގޭތެރޭގައި ތަފާތު މައްސަލަތަކާއި، ނުތަނަވަސްކަމާއި، ގޮތް ނޭނގޭ އުނދަގޫތައް ތަހައްމަލު ކުރަންޖެހިފައިވާ އާއިލާތަކުން ކޮންމެ ދުވަހަކު މި ސޫރަތް ކިޔެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމެވެ. ގޭގައި ބިރުވެރިކަމެއް ނުވަތަ ނުރައްކާތެރި އިހުސާސެއް ކުރެވޭނަމަ، ކޮންމެ ދުވަހަކު ކިޔެވުމަކީ އަމާންކަމާއި ހަމަޖެހުން ލިބިގެންދާނެ ކަމެކެވެ.
ގޭތެރޭގައި އެއްވެސް މައްސަލައެއް ނެތް އާންމު ހާލަތްތަކުގައިވެސް، މި ސޫރަތް ކިޔެވުމުން ގެއަށް ރައްކާތެރިކަން ލިބެއެވެ. އެންމެ އައުލާވެގެންވަނީ މީހާ އަމިއްލައަށް އެ ސޫރަތް ކިޔެވުމެވެ. ނަމަވެސް، ވަގުތުގެ ދަތިކަން ހުރިނަމަ، އާއިލާގެ އެހެން މެންބަރެއްގެ އެހީތެރިކަން ހޯދިދާނެއެވެ. މިސާލަކަށް ސޫރަތުގެ ބައެއް ކިޔަވާފައި، ބާކީބައި ފުރިހަމަކުރުމަށް ދަރިއަކަށް ނުވަތަ ބައިވެރިޔާއަށް ބުނެވިދާނެއެވެ. ކޮންމެ ދުވަހަކު ކިޔެވުން ލާޒިމް ނޫން ނަމަވެސް، އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ގަވާއިދުން ކޮންމެ ދުވަހަކުވެސް އެ ސޫރަތް ކިޔެވުމެވެ.
-- ފަޟީލަތުއްޝައިޚް ޢަޒީޒް ބިން ފަރްޙާން