ފާފަކުރާ މީހުން ހިމެނިގެންދާނީ އެފާފަ އުފެއްދި ޤައުމުގެ މީހުންގެ ތެރެއިން! އެއީ ވަރަށް ބޮޑު ނުރައްކަލެއް!: ޝައިޚްއަބްދުއްރައްޒާޤު

ކިޔުމަށް ހޭދަވާނީ 2މ 43ސ
ފާފަކުރާ މީހުން ހިމެނިގެންދާނީ އެފާފަ އުފެއްދި ޤައުމުގެ މީހުންގެ ތެރެއިން! އެއީ ވަރަށް ބޮޑު ނުރައްކަލެއް!: ޝައިޚްއަބްދުއްރައްޒާޤު

ޢާއިޝަތު ރަފާޙް ޢަލީ


ފާފަތަކުގެ އަސަރުތަކުގެ ތެރެއިންނާއި، ފާފަތަކުގެ ނުރައްކާތެރި ނަތީޖާތަކުގެ ތެރެއިން އެއްކަމަކީ، ފާފަވެރިޔާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޛާބާއި، އެކަލާނގެ ކޯފާއާއި، އެކަލާނގެ ރުޅިވެރިކަން އަދި އެކަލާނގެއަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ހަލާކުވި ކާފިރު ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކާ އެއްގޮތްކޮށްލާ ކަމެވެ. ފާފަވެރިޔާ ވެފައިވަނީ އެ ޤައުމުތަކުގެ ވާރިސަކަށެވެ. އެ ޤައުމުތަކުގެ ނުބައި ޢަމަލުތަކުގެ ބައެއް ފާފަވެރިޔާއަށް ލިބިފައިވާކަމެވެ. އެ ޢަމަލުތަކުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ކޯފާވެވޮޑިގަތެވެ. ހަމައެގޮތަށް، ކިޔަމަންތެރިކަމުގެ ތެރެއިން ވެސް، ﷲ ގެ ނަބިއްޔުންނަށް ކިޔަމަންތެރިވާ މީހުންގެ ވާރިސަން ވެސް ތިބެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ނަބީބޭކަލުން ދީނާރެއް ނުވަތަ ދިރުހަމެއް ވާރުތައެއް ނުކުރައްވައެވެ. އެހެނެއްކަމަކު އެބޭކަލުން ވާރުތަ ކުރައްވާފައިވަނީ ޢިލްމެވެ. ފަހެ، އެކަން ނެގި މީހާ ނެގީ ބޮޑު ނަޞީބެކެވެ."

ވީމާ، ފާފަތަކުގެ އަސަރުތަކުގެ ތެރެއިންނާއި، ފާފަތަކުގެ ނުރައްކާތެރި ނަތީޖާތަކުގެ ތެރެއިން އެއްކަމަކީ، ފާފަވެރިޔާ އެބައިމީހުންނާ ނުވަތަ އެ ޤައުމުތަކުގެ ބައެއް ޢަމަލުތަކުގައި އެއްގޮތްވާ ކަމެވެ. ފާފަވެރިޔާ ވެފައިވަނީ އެބައިމީހުންގެ ވާރިސަކަށެވެ. އެއީ އެބައިމީހުންގެ ބައެއް ސިފަތަކާއި ޚާއްސަ ކަންކަމުގެ ސަބަބުންނެވެ. އެކަންކަމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ކޯފާވެވޮޑިގަތެވެ. މިސާލަކަށް، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުތައް ކުރާ މީހާ، އެބަހީ ދެ އަންހެނުންގެ މެދުގައި ނުވަތަ ދެ ފިރިހެނުންގެ މެދުގައި ހިނގާ ނުބައި ޢަމަލުތައް ކުރާ މީހާ، ލޫޠުގެފާނުގެ ޤައުމުގެ ވާރިޘަކު ކަމުގައި ވެއެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންނަކީ ޤުރުއާނުގެ ބައެއް ތަންތަނުގައި ﷲ ތަޢާލާ އެބައިމީހުންގެ ވާހަކަ ގެންނަވާފައިވާ ބައެކެވެ. 

ﷲ ތަޢާލާ އެބައިމީހުން ސިފަކުރައްވާފައިވަނީ މަގުފުރެދުންތެރިކަމާއި، ހައްދުފަހަނަޅައިދިއުމާއި، ޖާހިލުކަމާއި، އެނޫންވެސް ސިފަތަކުންނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންގެ މައްޗަށް އެކަލާނގެ ޢަޛާބާއި ކޯފާ ފޮނުއްވިއެވެ. އަދި އެބައިމީހުން ތެދު ބަސް ބުނުމާއި އެކަމަށް ޢަމަލުކުރުމުގެ ބޮޑު ނަޞީބު ދޫކޮށްލިއެވެ.

ޝުޢައިބުގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ވާރުތަވެފައިވާ ބައެއް ފަރާތްތަކުން، މިންއެލުމާއި ތިލަފަތުގައި އުނިކުރުމުގެ ޢަމަލުތަކަށް އަރައިގަނެއެވެ. އެބައިމީހުން މީސްތަކުންނަށް ބަރޯސާކޮށް، އެމީހުންގެ ހައްޤުތައް ހިފަހައްޓައެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި މިފަދަ ނުބައި ޢަމަލުތައް ހިންގާ މީހާގެ މިކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ކޯފާވެވޮޑިގަތް އެ ޤައުމުގެ ނުބައި ސިފަތަކުގެ ތެރެއިން ވާރުތަވެފައިވާ ކަމެކެވެ.

ހަމަ އެފަދައިން، ބޮޑާކަމާއި ފަޚުރުވެރިކަމާއެކު ބިމުގައި އުޅެ، ﷲ ގެ އަޅުތަކުންނަށް ބޮޑާވެގަންނަ މީހާގެ ކިބައިގައި ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންނާ އެއްގޮތްކަމެއް ވެއެވެ. ފިރުޢައުން ބިމުގައި ބޮޑާވެގަތް ފަދައިން، ބޮޑެތި މީސްމީހުންނަށް ބޮޑާވެގަނެ، ބިމުގައި ބޮޑާކަން ދައްކާ މީހާގެ ކިބައިގައި ވެސް މި ސިފަ ހުރެއެވެ.

ބޮޑާކަމާއި ފަޚުރުވެރިކަމަކީ ހޫދުގެފާނުގެ ޤައުމުގެ މީހުންގެ ފަރާތުން ވާރުތަވެފައިވާ ނުބައި ސިފައެކެވެ. ވީމާ، ﷲ އަށް ނުކިޔަމަންތެރިވާ މީހާއަކީ، ﷲ ގެ ދުޝްމަންކަމުގައިވާ މި ޤައުމުތަކުގެ ސިފަތަކުން ޒީނަތްތެރިވެފައިވާ މީހެކެވެ.

 

                   

                   

މިއަދު އޮންލައިން