ފުރަތަމަކަމަކަށްވެސް ވިސްނައިލާށެވެ! ފުރިހަމައަށް އީމާން ވެވިއްޖެނަމަ ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. އެއްފައެއް ނޫނެވެ. ދެފައި އެކުގައި ސުވަރުގޭގައި އެޅެންދެން ތިމާއަށް ސުވަރުގެ ވަދެވިއްޖެކަމުގެ ޔަޤީންކަމެއް ހިތަކަށް ނުވަންނާނެއެވެ. ވީމާ ކިތަންމެ ގިނަ އަޅުކަން ކުރެވުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.
އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް ފަރުޞު 5 ނަމާދުކޮށްލައި ރަމަޟާން މަހު ރޯދަ ހިފޭނަމަ ޤަބޫލުކުރެވުނީ އެއޮތީ ހުރިހާ އަޅުކަމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކުށް ހީއެކެވެ.
އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވވިކަން މިދުނިޔޭގައި ހުއްޓައި އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެންމެ އަވަހަށްވެސް އެނގޭނީ މަރުވުމުންނެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުންނެވެ. މުޅި ދުވަހު ކުރި ހުރިހާ އަޅުކަމުގެ ތެރެއިން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރަށް އެންމެ އަޅުކަމެއްވެސް ކުރެވުނުކަން ނުއެނގޭއިރު ފުދޭވަރަށް އަޅުކަން ކުރެވިއްޖެ ކަމަށް ބަލައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟
މީސްތކުންނޭވެ! އަޅުކަން ކުރުމަކީ ހަށިގަނޑުގައި ނޭވާ ހިނގާހައި ހިނދަކު ހުއްޓައިލެވެން އޮތް ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައިވެސް ގިނައިން އަޅުކަން ކުރެވޭތޯއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން ވަނީ އެއިރުންނެވެ. ނިކަން މިހަދީޘްފުޅަށް ވިސްނައިލަބަލާށެވެ!
ޙަދީޘްފުޅުގައި އެއޮތީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރިމީހަކުނަމަ ސުވަރުގެ ވަދެވެންވެސް އޭނާއަށް ހެޔޮ ޢަމަލުކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ނުލިބޭނެކަމަށެވެ. އަބަދުވެސް ހުންނާނީ އިތުރަށް ކުރަން ބޭނުންވެގެން ކަމެވެ.
Prophet Muhammad (ﷺ) said,
"A believer never satisfies doing good until he reaches Jannah."
At- Tirmidhi, Book 13, Hadith 1386
- އިސްލާމީ ތިލަފަތުގެ ދަރުސަކުން