ދޮގުހެކި ވިއްކައި ފަތުރައިދޭ މީހުންނާ ދޮގުހަދާ މީހުންނާ ޙައްޤުބަސް ބުނަން ޖެހިލުންވާ މީހުން ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ދޮގުހެކި ވިއްކައި ފަތުރައިދޭ މީހުންނާ ދޮގުހަދާ މީހުންނާ ޙައްޤުބަސް ބުނަން ޖެހިލުންވާ މީހުން ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް!

އަނެކާދެކެ ރުޅިއައުމުން އޭނާ ފަޟީޙަތްކުރުމަށްޓަކާ ނުފަތުރާ ދޮގެއް ނެތެވެ. މީހަކު ފައިސާ ދީފިނަމަ ކިތަންމެ ބޮޑު ދޮގެއް ފަތުރައިދޭންވެސް ތިބެނީ ފުރުޞަތަކަށް އެދިއެދިއެވެ. މިފަދަ ކަންކަން ކުރަނީ ހިތުގައި އާޚިރަތް ދުވަހަށް ބިރުވެތިކަމެއް ނެތުމުންނެވެ.  

އެއްވެސް ހެޔޮކަމެއް އެމީހުންގެ ކިބައިގައި ނެތް މީހުން އެމީހުންނަކީ ރަނގަޅު ބައެއްކަން މީސްތަކުންގެ ބޮލަށް ވައްދައިދޭން މީސްމީހުންނާއި ޙަވާލުކުރެއެވެ. ނަމަވެސް އެމީހަކާއިމެދު ފަތުރާނެ ރަނގަޅު ވާހަކައެއް ނެތުމުން އެކަންކުރެވޭކަށް ނުއޮވެއެވެ. އެޙާލަތުގައި ކުރާ ކަމަކީ އޭނާގެ ވާދަވެރިޔާ އާއިމެދު ދޮގުވާހަކަ ފެތުރުމެވެ.  

މީހަކު ކިތަންމެ ބައިވަރު ފައިސާތަކެއް ދިންނަމަވެސް އަދި އެކަންކުރުމުން ފަހުން ތިމާއަށް ކޮށްފާނެ ކިތަންމެ ބޮޑު ފައިދާއެއް އޮތްކަމަށް ވިސްނުނަސް މިބާވަތުގެ ޢަމަލުތައް ނުކުރާށެވެ! އެކަން ވާނީ ކުރެވޭ ބޮޑުފާފައަކަށެވެ. ދުނިޔޭގައި އެމީހަކަށް ކޯފާ ނުލެއްވެވިނަމަވެސް ޤިޔާމަތްދުވަހު ޖެހޭނީ ﷲ ތަޢާލާގެ ޢަޛާބަށް ކުރިމަތިލާށެވެ!  

ވިސްނާށެވެ! އެއްވެސް މީހަކާއިމެދު ވާހަކައެއް ފަތުރައިފިނަމަ އެ ދެވެނީ ހެކިބަހެކެވެ. މީހަކު ކަމެއް ކުރި ކަމަށް ބުނެފިނަމަ ވެސް އެދެވެނީ ހެކި ބަހެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެނީ އެފަދަ ކަމެއް ކުރުމުން އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށްވުމުގެ ބިރު އޮތުމުންނެވެ.  

މިހާރަކަށް އައިސް ގިނަ ބައަކު މީސް މީހުން ބަދުނާމުކުރަން ވާހަކަތައް ދައްކަނީ އަދި ފަތުރައި ހަދަނީވެސް އެއްވެސް މިންވަރަކަށް ކަންކަން ބަލައިލުމެއް ނެތިއެވެ. ހަމަ މީހަކު ބުނާހައި އެއްޗެއް ޤަބޫލުކޮށް ބަސްތައް ބުނަމުން ގެންދަނީއެވެ. ހަމަ އެއާއިއެކު ދޮގު ހެކިދޭން ޖެހިލުން ނުވުމުގެ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ.  

އެއީ ފަހު ޒަމާނުގައި އެކަން ވާނެވެސް ގޮތެވެ. ކޯޓުތަކުގެ ބޭރުގައި ހިނގައި ހެކިބަސް ދީގެން އާމްދަނީ ހޯދާނެ މީހުން ގިނަވާނެއެވެ.  މީހަކު ފައިސާ ދީފިނަމަ ނުވެސް އެނގޭ ކަންކަމުގައި ހެކި ބަސް ދޭނެ މީހުން ފަހުޒަމާނުގައި ތިބޭނެއެވެ. މިކަން މިއަދު މިދަނީ ފެންނަމުންނެވެ.  

މީސްތަކުންނޭވެ! ފަހު ޒަމާނުގައި ކަމެއް ވާނެކަން އެނގެން އޮތުމަކީ އެކަމެއް ކުރުމުން ފާފަވެރި ނުވާނެ ސަބަބެއް ނޫނެވެ. އެމީހަކު ކުރި ކުށެއްގެ ފާފަ އެމީހަކަށް ލިބޭނެއެވެ. ވީމާ މިކަމަށް ބިރުވެތިވާށެވެ! ޙައްލަކީ ﷲ ތައާލާއަށް ބިރުވެތިވެ ބަހާއި އަމަލުން އިޚްލާޞްތެރިވުމެވެ.  

ދޭ ހެކިބަހެއްގެ ސަބަބުން މީހަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. އަދި ފައިދާއެއް ކޮށްފިނަމަ އެކަމުގެ ސަވާބުވެސް ލިބޭނެއެވެ. ޚާއްޞަކޮށް މީހަކަށް އަނިޔާއެއް ލިބެން އޮންނަ، މީހަކަށް ގެއްލުމެއް ލިބެން އޮންނަ ކަންކަމުގައެވެ. ވީމާ ހެކި ބަސް ދިނުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ.  

Prophet Mohammad (ﷺ) said:

"The biggest of the great sins are: To join others in worship with Allah, to be undutiful to one's parents, and to give a false witness."

Sahih al-Bukhari 6919

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން