ދުޢާއާއިމެދު "ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރު!، ދުޢާއިން ޙާޞިލްނުކުރެވޭނެ ކަމެއް ނެތް!" ފަދަ ޢިބާރާތްތަކުން ބުނެވެއެވެ. އެއީ ހަމައެކަނި ދީނުން އެކަން އެނގެން އޮތުމަކުން ނޫނެވެ. އިންސާނުންގެ ތަޖުރިބާއިން އެކަންކަން ޔަޤީންކުރެވޭތީވެސްމެއެވެ.
ބައެއް ޢިލްމްވެރިން ދުޢާކުރުން ސިފަކުރައްވަނީ ދުޢާކުރުމަކީ ސުވަރުގެއާއި ދިމާއަށް މީހާ ގެންގޮސްދޭ އެންމެ ބޮޑު ބާރު ކަމުގައެވެ. ސަބަބަކީ އިޚްލާޞްތެރިކަމާއިއެކު ދުޢާކުރެވޭނީ އެމީހެއްގެ ޢަމަލުތައް އިޚްލާޞްތެރިކޮށްގެން ހުރެ ކަމަށްވާތީއެވެ. ފާފައެއް ނުކުރަން އެމީހަކު އަބަދުވެސް ގަދައަޅައި މަސައްކަތްކުރަމުން ގެންދާނެތީއެވެ.
މުސްލިމުންގެ ޙަޔާތުގެ ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ދުޢާކޮށް ﷲ ތަޢާލާގެ ހަޟްރަތުން ވާގިއެދުމާއިއެވެ. މުސްލިމުން އެންމެ ގިނައިން ކުރަންޖެހޭ ކަމަކީވެސް ދުޢާ ކުރުމެވެ. ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް އޮތީ ދުޢާކުރުމެވެ. ނިދަމުންވެސް ނިދީން ހޭލެވުމުން ވެސް ކުރަން އޮތް ކަމަކީ ހަމަ ދުޢާކުރުމެވެ.
އެވަރަކުންވެސް ނުފުދެއެވެ. ދެއްވަވާ ކޮންމެ ނިޢްމަތަކާއި ގުޅިގެންވެސް ދުޢާކުރަން އެބަޖެހެއެވެ. ވީމާ ދުޢާ ކުރުމާއި މުސްލިމުންނާއި ދުރުވެގެންވާނެ އެންމެ ވަގުތުކޮޅެއްވެސް ނެތެވެ. ވީމާ ކޮންމެ ދުވަހަކުވެސް ގިނަގިނައިން މިފަދަ ދުޢާތައް ކުރުންމަތީގައި ދެމިތިބޭށެވެ!
"ޔާ ﷲ! މިއަޅާގެ މައްޗަށް ރަޙުމް ކުރައްވަވާނދޭވެ! ބިރުވެރިކަމާއި ކަންބޮޑުވުންތަކުން މިއަޅާގެ ހިތް ސަލާމަތްކޮށްދެއްވަވާނދޭވެ! އަދި މިއަޅާގެ ހިތަށް އަމާންކަމާއި އޮމާންކަން މިންވރުކުރައްވަވާނދޭވެ!
ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ކުރިމަތިކުރައްވަވާފައިވާ އެންމެހައި ދަތި އުނދަގޫތަކަށާއި މުޞީބާތްތަކަށް ކެތްތެރިވުމުގެ ބާރާއި އެކަންކަމުން ސަލާމަތްވެވޭނެ ގޮތުގެ ވިސްނުން މިއަޅާއަށް ދެއްވަވާނދޭވެ!
ޔާ ﷲ! މިއަޅާގެ ޢުމުރުން ބާކީ އޮތް ވަގުތުކޮޅު އިނބަ ﷲގެ މަގުގައި ސާބިތުވެ ހުރެ ޙަޔާތް ވޭތިކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން