ޢާންމު ގޮތެއްގައި މީހަކަށް ހިތްދަތިކަމެއް ލިބިއްޖެނަމަ ނުވަތަ އަނިޔާ ލިބެމުންދާނަމަ އެންމެ ގިނައިން ކުރެވޭ ކަމަކީ އެކަމުގެ ވާހަކަ ދެއްކުމެވެ. ހިތްދަތިކަން ނުވަތަ އަނިޔާދިން މީހާއަށް ނުބައިބަސްތައް ބުނެ އެއްޗެތި ގޮވުމެވެ. ބުނަންހެއްޔެވެ؟ މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
މިޘާލެއްވެސް ބުނެފާނަމެވެ. މީހަކަށް ނުއެނގި އޭނާއަށްޓަކާ ދުޢާކުރުމަކީ އެކަން ދުޢާކުރާ މީހާއަށްވެސް ހިންމަވައި ދެއްވެވުން އެދި މަލާއިކަތުން ދުޢާކުރައްވަވާ ކަމެކެވެ. ތިބާ ދުޢާކުރީ އޭނާ ނިކަމެތި ކުރެއްވެވުން އެދިގެންނެވެ. އޭނާއަށް ދެރަ ގޮތްތައް މިންވަރުކުރެއްވެވުން އެދިގެންނެވެ. އެދުޢާގެ އަޑުއިވިވަޑައިގެން މަލާއިކަތުން އެކަންކަން ތިބާއަށް މިންވަރުކޮށްދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީމާ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ތިމާއަށް އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު އަނިޔާއަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟
ރަނގަޅަށް އަޑުއަހާށެވެ! މިބުނިފަދަ ޙާލަތެއް ކުރިމަތިވެގެން ހުންނައިރު އެފުރުޞަތުގެ ބޭނުން ހިފަންވާނީ ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަށެވެ. އެންމެ ބޮޑަށް ރަޙްމަތް ލައްވަވާނެ ގޮތަށެވެ. އެޙާލަތުގައި ހުންނަ މީހާގެ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ. ވީމާ ދުޢާކުރަމުން ގެންދަންވީ ތިމާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެިގެންނެވެ. ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްކުރައްވަވައި އުފާވެރިކަމާއި ރަނގަޅު ގޮތް މިންވަރުކުރެއްވެވުން އެދިގެންނެވެ.
ހިތްދަތިކަމުގައިވާ މީހާއާއި އަނިޔާ ލިބެމުންދާ މީހާގެ ދުޢާ ﷲ ތަޢާލާ ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ.. ވީމާ ދުޢާކުރަންވާނީ މިބުނި މަގުންނެވެ. އެއްވެސް މީހަކަށް ބަދުދުޢާނުކުރާށެވެ. ގެއްލުންދިން މީހާއަށްވެސް އަދި އެކަމުގައި ބައިވެރިވި މީހުންނަށްވެސް ބަދުދުޢާނުކުރާށެވެ. ސަބަބުތައް މިކިޔައިދިނީއެވެ.
- މަޢުޅުމާތު: މުފްތީ މެންކުގެ ދަރުސަކުން