ފާފައެއް ކުރަން ޝައުޤުވެރިވެވޭއިރަށާ ތަޤްވާވެރިކަން އިތުރު ކުރާނަމަވެސް މަންމަ ހުވަފެނުން ފެނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފާފައެއް ކުރަން ޝައުޤުވެރިވެވޭއިރަށާ ތަޤްވާވެރިކަން އިތުރު ކުރާނަމަވެސް މަންމަ ހުވަފެނުން ފެނުން!

ވަރަށް ތަޤްވާވެރި އަންހެނަކު ބުނެފައިވެއެވެ.

ފާފައެއް ކުރަން އޭނާގެ ހިތަށް ޝައުޤުވެރިކަން އަންނައިރަށް މަންމަ ހުވަފެނުން ފެނެއެވެ. ފެންނަނީ ހިތްހަމަ ނުޖެހި ރުޅި އައިސްފައި ހުއްޓައެވެ. އަދި ތަޤްވާވެރިކަން އިތުރު ކުރާނަމަވެސް މަންމަ ހުވަފެނުން ފެނެއެވެ. ފެންނާނީ އުފަލުން ހެވިފައި ހުއްޓައެވެ.

ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް މިފަދަ ހުވަފެން ފެނުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި މަންމައަށް ދުނިޔެއަށް އައުދެވުމެއް ނޫނެވެ. އެކަމެއް ނުވާނެއެވެ. އެއީ ޔަޤިން ކަމެކެވެ.

ސިހުރުވެރިއަކު އެއް ދުވަހަކު ޒުވާނެއްގެ ގާތުގައި ބުންޏެވެ. ކަލޭ ބޭނުންނަމަ ކަލޭގެ މަރުވެފައިވާ ކާފަގެ އަޑު ކަލެއަށް އިއްވައިދީފާނަމެވެ. އަޑުއަހަން ބޭނުން ހެއްޔެވެ؟ ޖަވާބުގައި ކާފަގެ އަޑުއަހަން ބޭނުން ކަމަށް ބުނުމުން އޭނާއަށް އޭނާގެ ކާފަގެ އަޑު އިއްވިއެވެ. ނަމަވެސް ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ކާފަގެ އަޑެއް ނޫނެވެ. އެއީ ޖިންނިއެއްގެ އަޑެވެ.  

ބައެއް މީހުން އެބަ ބުނެއެވެ. މަރުވެފައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވެސް މީހަކު ކޮންމެ އަހަރަކު ނުވަތަ އެމީހަކު އަންނަން ބޭނުންވުމުން އައިސް މިވެނި ކަންތައްތަކެއް އެބަ ކޮށްދެއެވެ. ނުވަތަ ކުރެއެވެ. މިފަދަ އެއްވެސް ވާހަކައެއް އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ. ހަމަ ޔަޤީންކަމާއިއެކު ބުނަމެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.  

މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެފަދަ އެއްވެސް ކަމެއް ޤަބޫލުކުރެވިއްޖެނަމަ އެކަމުން އެނގެނީ އޭނާގެ އީމާންކަން ފުރިހަމަނުވާ ކަމެވެ. އެހެނީ ކޮންމެ މީހަކުވެސް މަރުވުމުން އެމީހެއްގެ ފުރާނަ އާޚިރަތް ދުވަހާއި ހަމައަށް ވަނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމުން ނުކުމެގެން އަލުން ދުނިޔެއަށް އައިސް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހެއްގެ ފުރާނައަކަށް ނުލިބޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން