ބަލިތައް ގިނަވަމުން އަންނައިރު ރައްކައުތެރިކަމަށް އެދިގެންނާ ޝިފާދެއްވެވުން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 52ސ
ބަލިތައް ގިނަވަމުން އަންނައިރު ރައްކައުތެރިކަމަށް އެދިގެންނާ ޝިފާދެއްވެވުން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރައްވާ!

އަބަދުވެސް ހަނދުމަކޮށްދެވޭ ފަދައިން ދުޢާކުރުން އޮތީ ބަލިވެ އެކަމުން ސަލާމަތްނުވެވުމަކުން ނޫނެވެ. އަބަދުވެސް ތިބެންވީ ބަލިތަކުން ރައްކައުތެރިކަމަށް އެދިގެން ދުޢާކުރުންމަތީގައެވެ. އަދި ކިތަންމެ ކުޑަ ބައްޔެއްވީނަމަވެސް ޝިފާއަށް އެދި ދުޢާކުރަންވާނެއެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ ކުރަންހުރި ބައެއް ދުޢާތަކެވެ.  

ބަލިވުމަކީ އާދަމުގެ ދަރިޔާގެ މައްޗަށް މާތް ﷲ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެކަލާނގެ ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާދެއްވާފަރާތަކީ މާތް ﷲ އެވއިބްރާހީމް علية السلام ވިދާޅުވިބަސްފުޅު މާތް ﷲ ކީރިތި ގުރުއާނުގައި ވަޙީކުރެއްވިއެވެ. 

وَإِذَا مَرِضْتُ فَهُوَ يَشْفِينِ (الشعراء 80)

މާނައީ: "އަދި ތިމަން ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެކަލާނގެއެވެ." 

އެހެންކަމުން ބައްޔެއްޖެހުމުން ބޭސްވެރިކަމުގެ އެކިއެކި ހިއްސީ ސަބަބުތަކުގައި ހިފުމާއި އެކު އެބަލިން ސަލާމަތް ކޮށްދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުން ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. 

މިގޮތުން ކުރެވިދާނެބައެއް ދުޢާތަކަކީ:

1. އިމާމް ބުޚާރީ ރިވާކުރައްފައިވާ ހަދީޘްފުޅެއްގައި ވެއެވެ. 

(اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا)

މާނައީ: "އޭ ﷲ! މީސްތަކުންގެ ވެރި ރައްބެވެ! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހީމެވެ. އިބައިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (ވިދިގެން) ބަލިމަޑުކަމެއް ދޫނުކުރާ ޝިފާއެއްކަމުގައި ލައްވާނދޭވެ!" 

2. އިމާމު މުސްލިމު ރިވާ ކުރައްވާފައިވާ ހަދީޘްފުޅެއްގައި އައިސްފައި ވެއެވެ. “ތިބާގެ ހަށިގަނޑުން ތަދު އިހުސާސްވާ ތަނުގައި ތިބާގެ އަތް ބާއްވާށެވެ. ދެން ތިންފަހަރު  بسم اللهކިޔާށެވެ. އަދި ހަތްފަހަރު ((أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ)) މިފަދައިން ކިޔާށެވެ.

މާނައީ: "މިއަޅާއަށް އިޙުސާސްމިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން މާތްﷲއާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ރައްކާތެރިކަން ތިމަން ހޯދަމެވެ." 

މީގެ އިތުރަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީވެސް ބަލިކަތުންނާއި އަދިވެސް އެހެނިހެން މުސީބާތްތަކާއި ގެއްލުންތަށް އެއްކިބާކޮށްދީ ސަލާމަތް ކޮށްދެނިވި ކަންތައްތަކެކެވެ. މިގޮތަށް ކިއިދާނެ ބައެއް ޛިކުރުތަކަކީ: 

1.  (ހެނދުނު އަދި ހަވީރު ތިންފަހަރު)

((اللَّهُمَّ عَافِنِي فِي بَدَنِي اللَّهُمَّ عَافِنِي فِي سَمْعِي اللَّهُمَّ عَافِنِي فِي بَصَرِي لَا إِلَهَ إِلَّا أَنْتَ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْكُفْرِ وَالْفَقْرِ  وأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لَا إِلَهَ إِلَّا أَنْتَ))

މާނައީ: "އޭ ﷲ! މިއަޅާގެ ހަށިގަނޑަށް ޢާފިޔަތު ދެއްވާންދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ އެހުމުގައިވެސް ޢާފިޔަތު ދެއްވާންދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ ފެނުމުގައިވެސް ޢާފިޔަތު ދެއްވާންދޭވެ! އިބަﷲ މެނުވީ އަޅުކަން ވެވުން ޙައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުންނާއި ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އަދި ކަށްވަޅުގެ އަޒާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އިބަﷲ ފިޔަވައި އަޅުކަން ވެވުން ޙައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ." 

މިޙަދީޘްފުޅަކީ އަބޫދާވޫދު، އިމާމު އަހުމަދު އަދި މިނޫނަސް އެހެންބޭފުޅުން ރިވާކޮށް ފަޟީލަތުއް ޝައިޙު އިބުނުބާޒު حسنދަރަޖައިގެ ޙަދީޘްއެއްކަމަށް ވިދާޅުވެފައިވާ ހަދީޘެކެވެ. 

2.(ހެނދުނާއި ހަވީރު ތިންފަހަރު)

((بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي  السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ))

މާނައީ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން(ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މިޙަދީޘްފުޅަކީ އަބޫދާވޫދު، ތިރުމިޒީ އަދި މިނޫނަސް އެހެންބޭފުޅުން ރިވާކޮށް ފަޟީލަތުއް ޝައިޙު ނާޞިރުއްދީން އަލްއަލްބާނީ ޞައްހަކުރައްވާފައިވާ ހަދީޘެކެވެ.

ދުޢާއަކީ މާތް ﷲ އަޅަމެންނަށް ދުޅަހެޔޮޞިއްހަތެއްދެއްވައި އެންމެހާ ބަލިތަކުން ދުރުހެލިކޮށްދެއްވުމެވެ.

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމަކުން

މިއަދު އޮންލައިން