ކީރިތި ޤުރްއާނުގައި ތިން ކަމެއް ތަޤުވާވެރިވުމުގެ ގޮތުގައި އައިސްފައިވެއެވެ.
1- ބިރުވެތިވުން:
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَإِيَّايَ فَاتَّقُونِ) އަލްބަޤަރާ 41. މާނައީ: ” އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ! “. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّـهِ )އަލްބަޤަރާ 281. މާނައީ: ” އެދުވަހެއްގައި، ﷲ ގެ ޙަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! “
2- ކިޔަމަންތެރިވުމާއި އަޅުވެތިވުން: ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ ) އާލް ޢިމްރާން 102. މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “
އިބުނު ޢައްބާސް ރަޟިޔަﷲޢަންހުމާ ވިދާޅުވެފައިވެއެވެ. ” ﷲ އަށް ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވާށެވެ.” އަދި މުޖާހިދު ވިދާޅުވެފައިވެއެވެ. “ ފަހެ އެއީ ކިޔަމަންތެރިވުމެވެ، އަދި ނުކިޔަމަންތެރިނުވުމެވެ. އަދި (ﷲ މަތިން) ހަނދުމަ ކުރުމެވެ. އަދި ހަނދާންނައްތާނުލުމެވެ. އަދި ޝުކުރުވެރިވުމެވެ. އަދި ކުފުރުވެރިނުވުމެވެ. “
3-ފާފަތަކުން ހިތް ޠާހިރުކުރުން:
ފަހެ މިއީ މަތީގައިވާ ދެކަމާއި ނުލާ ތަޤުވާގެ ޙަޤީޤަތެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَمَن يُطِعِ اللَّـهَ وَرَسُولَهُ وَيَخْشَ اللَّـهَ وَيَتَّقْهِ فَأُولَـٰئِكَ هُمُ الْفَائِزُونَ ) އައްނޫރު 52.
މާނައީ: ” އަދި ﷲއާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ނަޞީބު ލިބިގެންވާ މީހުންނެވެ. “
މިއާޔަތުގައި އެންމެ ފުރަތަމަ ﷲ ތަޢާލާ ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ކިޔަމަންތެރިވުމެވެ. އެއަށްފަހު ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ބިރުވެތިވުމެވެ. އެއަށްފަހު ދެން ޒިކުރުކުރައްވާފައިވަނީ އެއިލާހަށް ތަޤުވާވެރިވުމެވެ. ފަހެ މި ދެކަންތައް ޒިކުރުކުރެއްވުމަށްފަހު ތަޤުވާވެރިވުމަށް އަމުރުކުރައްވާފައި ވުމުން ތަޤުވާގެ ޙަޤީޤަތަކީ މި ދެކަންތައް ނޫންކަން އެނގިގެންދެއެވެ. އެހެނެއްކަމަކު ތަޤުވާގެ ޙަޤީޤަތަކީ ހިތުގައިވާ ފާފަތަކުން ހިތް ޠާހިރުކޮށްލުމެވެ.
- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު