އާއިލާއަށް ވަގުތު ދިނުމާ ހެޔޮކޮށް ހިތުމަކީ އާމްދަނީއިތުރުވެ ބަރަކާތް އިތުރުކޮށްދެއްވަވާ ކަމެއް!: ޑރ. ޢުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 2މ 7ސ
އާއިލާއަށް ވަގުތު ދިނުމާ ހެޔޮކޮށް ހިތުމަކީ އާމްދަނީއިތުރުވެ ބަރަކާތް އިތުރުކޮށްދެއްވަވާ ކަމެއް!: ޑރ. ޢުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ 

ދެން އޮތީ ތިންވަނަ ކަމެވެ. އެއީ އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަމެވެ. ބައެއް މީހުންގެ ނަޒަރުގައި އާއިލާއަށް ވަގުތު ދިނުމަކީ ވަގުތު ހުސްވާ ކަމެކެވެ. އެހެން ކަންކަމަށް ވަގުތު ހޯދި ނަމަވެސް، އާއިލާއަށް ދޭނެ ވަގުތެއް ނެތް ކަމަށް އެފަދަ މީހުން ބުނެއެވެ. ނަމަވެސް، ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: "މީހަކު އޭނާގެ ރިޒުޤު ތަނަވަސްވުމަށާއި، އޭނާގެ ޢުމުރު ދިގުވުމަށް އެދޭނަމަ، އެމީހަކު ރަޙިމުގެ ގުޅުން (އާއިލީ ގުޅުން) ބަދަހިކުރާ ހުށިކަމެވެ."

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވަނީ އާއިލާއަށް ވަގުތު ދިނުމަކީ އާމްދަނީ ހޯދުމަށް ނުވަތަ ވަޒީފާގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމަށެވެ. މުނިފޫހިފިލުވުމަށް ވަގުތު ހޯދާއިރުވެސް، "މުހިންމު މަސައްކަތެއް" އޮތް ކަމަށް ބުނެ އާއިލާއަށް އިސްކަން ނުދެއެވެ. ނަމަވެސް، މާތް ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް އުނގަންނައިދެއްވަނީ، ﷲ ތަޢާލާގެ އިންތިޒާމުގެ ތެރެއިން، އާއިލާއަށް ވަގުތު ދިނުމާއި ހެޔޮކޮށް ހިތުމަކީ އާމްދަނީއާއި ވަގުތުގައި ބަރަކާތް އިތުރުކޮށްދޭ ކަމެއް ކަމުގައެވެ. ރަސޫލާ ﷺ ގެ ސީރަތަށް ބަލާއިރު، އެކަލޭގެފާނުގެ ވަގުތުގައި އިންތިހާއަށް ބަރަކާތް ލައްވާފައިވާކަން ފެންނަން އޮތީ މި ސަބަބަށްޓަކައެވެ.

އާއިލީ ގުޅުން ބަދަހިކުރުން ފެށެނީ މައިންބަފައިންނާ ހިސާބުންނެވެ. އެއަށްފަހު އަނބިދަރިންނާއި ގާތްތިމާގެ މީހުންނެވެ. އެމީހުންގެ ހިތްހަމަޖެހުމާއި ދުޢާގެ ސަބަބުން ދިރިއުޅުމަށް ބަރަކާތް ލިބެއެވެ. އެހެންކަމުން، ފައިސާ ހޯދުމުގެ ނަމުގައި ނުވަތަ ވަގުތު ކުޑަކަމަށް ބުނެ އާއިލީ ގުޅުންތައް މެދުކަނޑާލައިގެން ނުވާނެއެވެ. ސަބަބަކީ އޭގެ އިދިކޮޅަކީ ޙަޤީޤަތް ކަމުގައި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާތީއެވެ. 

ޢުމުރު ދިގުވުމުގެ މާނައާ މެދު ޢިލްމުވެރިން ތަފާތު ތަފްސީރުތައް ދެއްވާފައިވެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ހަށިގަނޑުގެ ބާރުގަދަވެ، ދުޅަހެޔޮކަމުގައި ބަރަކާތް ލެއްވުމެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ އެއީ ވަގުތުގައި ބަރަކާތް ލެއްވުމާއި ހެޔޮ އަމަލުތައް ކުރުމުގެ ތައުފީޤު ލިބުމެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއީ މީހާ މަރުވުމަށްފަހުވެސް އޭނާގެ ހެޔޮ ޒިކުރާ ދެމިއޮތުމެވެ. އާއިލާއާއި ލޯބިވާ މީހުންގެ މެދުގައި އޮންނަ ހެޔޮ ހަނދާންތަކުގެ ސަބަބުން، އެމީހުން ތިމާއަށްޓަކައި ދުޢާކޮށް ހެޔޮ ކަންތައްތައް ކުރާނެއެވެ.  

ހަތަރުވަނަ ކަމަކީ، ޝުކުރުވެރިވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. މާނައީ: "ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." މިއީ ހަމައެކަނި އީމާންތެރިކަން އިތުރުވުމެއް ނޫނެވެ. އެއީ ތިމާ ޝުކުރުވެރިވާ ކޮންމެ ނިޢުމަތެއްގައިވެސް ބަރަކާތް ލެއްވުމެވެ. ސިއްހަތަށް ޝުކުރުވެރިވާނަމަ، ﷲ ތަޢާލާ އެކަމުގައި ބަރަކާތް ލައްވައި، ދުޅަހެޔޮކަން އިތުރުކޮށްދެއްވާނެއެވެ.

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން