ޢާއިޝަތު ރަފާޙް ޢަލީ
އަމިއްލަ ދަރިންނަށް ފައިދާހުރި ކަންކަން އުނގަންނައިދިނުމުގައި އިހުމާލުވެ، އެކަން ދޫކޮށްލައިފި މީހަކީ ބޮޑުވެގެންވާ ފާފައަކަށް އަރައިގަނެފައިވާ މީހެކެވެ. ގިނަ ކުދިން ނުބައި މަގުން ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކުދިންގެ ބަފައިން އެކުދިންނަށް އިހުމާލުވުމެވެ. ދީނީ ވާޖިބުތަކާއި ސުންނަތްތައް އުނގަންނައިދިނުމުގައި ފަރުވާކުޑަކުރުމެވެ. އެކުދިން ކުޑައިރު އެކުދިންނަށް އަޅާނުލާ ދޫކޮށްލުމުގެ ނަތީޖާއަކީ، އެކުދިން ބޮޑުވާއިރު އަމިއްލަ ނަފްސަށް ވެސް އަދި އެކުދިންގެ ބަފައިންނަށް ވެސް އެކުދިންގެ ފަރާތުން އެއްވެސް ފައިދާއެއް ނުލިބުމެވެ.
ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ވަނީ ކުދިން ތަރުބިއްޔަތު ކުރުމާއި، އަދަބު އުނގަންނައިދިނުމާއި، ނަމާދު ގާއިމުކުރުމާއި، ﷲ އަށް ކިޔަމަންތެރިވުމުގެ މަތީގައި އެކުދިން ބޮޑުކުރުމަށް ބާރުއަޅުއްވާފައެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ: ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ (އިސްލާމްދީނުގެ) ސާފުކަންމަތީގައެވެ. ނަމަވެސް އެކުއްޖާގެ މައިންބަފައިން އެކުއްޖަކީ ޔަހޫދީއަކު ނުވަތަ ނަޞާރާއަކު ނުވަތަ މަޖޫސީއަކު ކަމުގައި ހަދައެވެ.
މަރްޔަމްގެފާނާއި އެކަމަނާގެ ދަރިކަލުން އީސާގެފާނު ފިޔަވައި، އާދަމުގެ ދަރިއަކު އުފަންވާހިނދު ޝައިޠާނާ އެކުއްޖަކަށް އުނދަގޫ ނުކުރާ ހަމަ އެކަކުވެސް ނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުން އުފެއްދެވީ އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރާ، ސާފު ފިޠުރަތުގެ މަތީގައެވެ. އެހެންކަމުން، އެ ސާފު ފިޠުރަތަށް އެއްވެސް ބަދަލެއް ނައިސް ސަލާމަތުން އޮވެއްޖެނަމަ، އެމީހެއްގެ ހިތް ﷲ ދަނެގަނެ، އެކަލާނގެ ދެކެ ލޯބިވާނެއެވެ.
ނަމަވެސް، މި ސާފު ފިޠުރަތު ކިލަނބުވެ ފާސިދުވުމުގެ އެންމެ ބޮޑު ސަބަބަކީ މައިންބަފައިންނަށް އެކުދީންގެ ކިބައިން އިހުމާލުވެވުމެވެ. އެކުދިން ހަލާކުގެ ތެރެއަށް ދޫކޮށްލަނީ ނުވަތަ އެކަމަށް އެހީތެރިވަނީ އެމީހުންނެވެ. އެއީ އެމީހުންގެ ދީނާއި އުޅުމުގެ މަތީގައެވެ.
މިއީ ﷲ އެކުދިން އުފެއްދެވި ސާފު ފިޠުރަތަށް ގެނެވޭ ބަދަލެކެވެ. މި ޙަދީޘްފުޅުތަކުން ބަފައިންނަށް އިރުޝާދުދެނީ، ކުދިންގެ ކިބައިގައިވާ މި ފިޠުރަތު ސަލާމަތުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށެވެ. ރަސޫލުބޭކަލުން ފޮނުއްވުނީ މި ފިޠުރަތު ބަދަލުކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ފިޠުރަތު އިތުރަށް ފުރިހަމަކޮށް، ރަނގަޅު ގޮތުގައި ދެމެހެއްޓުމަށެވެ.
- ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް އަލް-ބަދްރުގެ ދަރުސަކުން