ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނަބައަކު އަނިޔާވެރިންނަށްވަނީ ޖިސްމާނީ އަނިޔާ ކުރުމަކުން ނޫން! ދުލުން ބުނެވޭ ބަސްތަކަށް ބިރުވެތިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނަބައަކު އަނިޔާވެރިންނަށްވަނީ ޖިސްމާނީ އަނިޔާ ކުރުމަކުން ނޫން! ދުލުން ބުނެވޭ ބަސްތަކަށް ބިރުވެތިވަމާ!

ކޮންމެ މީހަކުވެސް ބޭނުންވެގެން މިއުޅެނީ ސުވަރުގެއެވެ. އެކަމަކު ކުރެވޭ ޢަމަލުތަކުގެ އިތުރުން ދުލުން ބުނަނީ ބުނެގެން ނުވާނެ ބަސްތަކެވެ. އެބަސްތަކުގެ ސަބަބުން ތިމާއަށް މިދެވެނީ ނަރަކައާއި ދިމާއަށް ކަމާއިމެދު ވިސްނައިވެސް ނުލައެވެ.  

މީހުންގެ ސިފަ އަށް ހަޖޫ ޖަހައި ނުވަތަ އެނޫންވެސް ގޮތް ގޮތުން މީހުންނަށް ފުރައްސާރަކުރުން މިހާރު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެފަދަ ކަންކަން ކުރުމުން "ހޫނުވުމުން" އެއީ ސަމާސާއަކަށް ބުނި ބަހެއް ކަމަށް އެބަ ބުނެއެވެ. އެއީ "އެހެން ބުނި ބަހެއް" ނޫން ކަމަށްވެސް އެބަ ބުނެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭނީ ﷲ ތަޢާލާ ކަނޑައެޅިގެން ނަހީ ކުރައްވަވާފައިވާ ކަމެއް ސަމާސައަކަށް ނަމަވެސް ކުރުމުން ފާފަވެރިވާނެ ކަމެވެ. ބިރުވެތިވާން ޖެހޭނީ އެކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތް ގޮތާއިމެދުގައެވެ.  

ހަމައެޢާއިއެކު އެއް ބައަކު އަނެއް ބައަކު ނުރުހޭ ފަދަ ލަޤަބްތަކުން ނުގޮވަން ކުރައްވަވާފައިވާ އަމުރުފުޅަށް ބިރުވެތިވާށެވެ. އެއްވެސް މީހަކު ނުރުހޭނެ ނަމަކުން އެމީހަކާއި މުޚާޠަބް ނުކުރާށެވެ. މިކަންކަމުގެ ހުރި ބިރުވެރިކަން ނިކަން ވިސްނައިލަބަލާށެވެ! "އީމާންވުމަށްފަހު ފާސިޤްވުމުގެ ނަން ލިބުމަކީ ހައުދަހައިވާ ނުބައިވެގެންވާ ކަމެއް ކަމަށް އޮތުމުން އެކަނިވެސް މިކަންކަމުގެ ނުބައިކަން އެނގިގެންދެއެވެ. އަދި އެވަރުން ފުއްދަވައި ލެއްވެވީއެއްވެސް ނޫނެވެ. އެފަދަ ކަމެއް ކުރެވިއްޖެ ނަމަ ތައުބާވާން ޖެހޭނެކަންވެސް އެވަނީ އަންގަވައިފައެވެ. ތައުބާ ނުވިނަމަ އެއީ އަނިޔާވެރިއެއް ކަމަށްވެސް އެވަނީ ބަޔާންކުރައްވަވައިފައެވެ.  

މިކަންކަމުން އެނގިގެންދަނީ ދުލުގެ ހަމަލާތަކަކީވެސް ހަމަ އަނިޔާވެރި ހަމަލާތަކެއް ކަމެވެ. ތިމާގެ ދުލުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ އެމީހަކީ ފާސިޤަކަށްވެގެން ހިނގައިދާނެ ކަމެވެ. ދުލުގެ ސަބަބުން އެމީހަކީ ހަމަ އަނިޔާވެރިއަކަށްވެގެންވެސް ހިނގައިދާނެ ކަމެވެ.  

އަލްހުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތަށް ބަލާށެވެ! އީމާންވެގެން ތިބި އެންމެންނާއި މުޚާޠަބް ކުރައްވަވައި، ފިރިހެނުން ކަމުގައިވީ ނަމަވެސް އަދި އަންހެނުން ކަމުގައިވީނަމަވެސް އެއްބައަކު އަނެއް ބައަކަށް ފުރައްސާރަ ނުކުރަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެކަކު އަނެކަކަށް ޣީބަ ނުބުނުމަށްވެސް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތަކަށް ޣީބަނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޣީބަ ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބް ތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤް ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (އަލް ޙުޖްރާތު: 11)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން