ހަނދުމަކޮށްދިނުމެއް-: އެކަނިވެރި ހުވަފަތް، ލޮލަށް ނުފެންނަ އަންހެނަކަށް އަބޫބަކުރުގެފާނު ޚިދުމަތްކުރެއްވެވުން- ޢުމަރުގެފާނަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ހަނދުމަކޮށްދިނުމެއް-: އެކަނިވެރި ހުވަފަތް، ލޮލަށް ނުފެންނަ އަންހެނަކަށް އަބޫބަކުރުގެފާނު ޚިދުމަތްކުރެއްވެވުން- ޢުމަރުގެފާނަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ޙާދިސާއެއްގެ ވާހަކަ-

އެކަނބުލޭގެއަށް އެްޗެތިކޮޅު ފޮނުއްވަވާލައްވައިގެން ފުއްދަވައިލެއްވެވުނީހެވެ. މީހުން ލައްވައި އެކަނބުލޭގެއަށް ބޭނުންވާ ކަންކަން ކޮށްދެއްވެވުނީހެވެ. އެކަމަކު ސިއްރިޔާތުގައި ކޮންމެ ދުވަހަކު ވަޑައިގެން އަމިއްލަފުޅަށް އެކަނބުލޭގެއަށް އަބޫބަކުރުގެފާނު ޚިދުމަތް ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟  

އިސްލާމީ ސިޔަރަތުގައިވާ ވާހަކަތަކަކީ އަބަދު ކިޔަންޖެހޭ ވާހަކަތަކެކެވެ. އެގޮތަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް 4 ޚަލީފާއިންވެސް ޞަޙާބީންވެސް ތާބިޢީ ބޭކަލުންވެސް މަސައްކަތްޕުޅު ކުރެއްވެވީ ހަމަ އެއް މަޤްޞަދެއްގައެވެ. ސުވަރުގެ ހޯއްދެވުމަށެވެ. އަހުރެމެންނަށްވެސް ކުރަން އޮތީ ހަމަ އެ މަޤްޞަދުގައި މަސައްކަތްކުރުމެވެ.

ސުވާލަކީ މަޤްޞަދު ޙާޞިލުކުރަން އަހުރެމެންނަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟  

އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ގިނިކަންޏާ ހިންގަވައިވަޑައިގަންނަވައެވެ. ޢުމަރުގެފާނު އެއްދުވަހަކު ޤަޞްދު ކުރެއްވެވީ އަބޫބަކުރުގެފާނު އެ ވަޑައިގަންނަވާ ތަނެއް ބެއްލެވުމަށެވެ. ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށް ފެނިވަޑައިގަތީ މީހުން ދިރިއުޅޭ ފޭލިގެއަކަށް ވަދެވަޑައިގެންނެވިތަނެވެ.

އަބޫބަކުރުގެފާނު ފޭލިގެއިން ނުކުމެގެން ވަޑައިގަތުމުން ޢުމަރުގެފާނު ފޭލިގޭ ދޮރުމައްޗަށް އަރާވަޑައިގެން ސުވާލު ކުރެއްވެވިއެވެ. "ތިއައީ ކާކު ހެއްޔެވެ؟" ޖަވާބުގައި އޭނާ ދެންނެވިއެވެ. "މިއީ ފިރިމީހާ މަރުވެފައިވާ ވަރަށް ނިކަމެތި އެކަނިވެރި ހުވަފަތް، ލޮލަށް ނުފެންނަ އަންހެނަކީމެވެ."  

ޢުމަރުގަފާނު ސުވާލު ކުރެއްވެވިއެވެ. "ދެންމެ މިގެއިން އެ ނުކުތީ ކާކުހެއްޔެވެ؟ އޭނާ މިތަނަށްވަދެ ކުރަނީ ކީއްހެއްޔެވެ؟" ޖަވާބުގައި އަންހެން މީހާ ދެންނެވިއެވެ. "އެއީ ކާކުކަމެއް ނުއެނގެއެވެ. އެމީހަކު ކޮންމެ ދުވަހަކުވެސް ހެނދުނު އައުދެއެވެ. އައިސް މިފޭލިގެ ކުނިކަހައި ތަންތަން ސާފުކޮށްދީ އަހަރެންނަށް ކައްކައިދީ ބަކަރިން ކިރުފެލައިދީ ބައިވަރު މަސައްކަތް ކޮށްދެއެވެ."

ޢުމަރުގެފާނަށް ވަގުތުން ކީރިތި ކުރެއްވެވުނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށް އަބޫބަކުރުގެފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އެނގިވަޑައިގަތުމުންނެވެ.  

ދެން ބަލައިލަންވީ ޢުމަރުގެފާނަށެވެ. ޢުމަރުގެފާނަށެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރޭގަނޑު ސިއްރިޔާތުގައި ނުކުމެވަޑައިގެން ފަޤީރުންގެ ޙާލު ބައްލަވައި ހެއްދެވިއެވެ. އަދި ކަންކަން ކޮށްދެނީ ކާކުކަން ނުއެނގޭނެ ގޮތަށް އެހީތެރިވެދެއްވެވިއެވެ. އަމިއްލަ ކޮނޑުފުޅުގައި ބަސްތާ އުފުއްލަވައި ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށް ދެއްވެވިއެވެ.  

ނިކަން ބުނެބަލާށެވެ! މިއަދުވެސް އިސްލާމީ ޤައުމުތަކުގައި މިތިބީ ހަމަވެރިންނެވެ. އަމިއްލައަށް ކަމެއް ނުބަލާއިރު މީހަކު ފޮނުވައިގެން ނަމަވެސް ފަޤީރުންގެ ޙާލު ބަލައިލާ ހެއްޔެވެ؟  

އަހަރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެ މީހެކެވެ. އެހެނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ރުހިވޮޑިގަތުމުގެ ލޯފުޅަކުން ބައްލަވައި ލައްވަވާނީ އަހަރެމެންގެ ކިބައި އެފަދަ އަގެއް ހުރިނަމައެވެ. އެފަދަ އަގެއް ހުރި މީހަކަށް ވެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެވަރަށް މަސައްކަތް ކުރެވިގެންނެވެ.  

ރަސޫލް ﷺ އާއި ޚަލީފާއިން ޞަޙާބީން އެންމެ އިސްކަމެއް ދެއްވެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ހޯއްދަވަން ގަދައަޅުއްވަވައި މަސައްކަތްޕުޅު ކުރެއްވެވުމަށެވެ. އެކަމުގައި އެބޭކަލުން ނުކުރައްވަވާ އެއްވެސް މަސައްކަތްޕުޅެއް ނެތެވެ. ނަމަވެސް ސުވާލަކީ މިއަދު އަހަރެމެންނަށް އެފަދަ އެއްވެސް މަސައްކަތެއް ކުރެވޭ ހެއްޔެވެ؟  

އަބޫބަކުރުގެފާނު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދިވަޑައިގެން ކުރެއްވެވި މަސައްކަތްޕުޅުތަކުގެ ތެރެއިން މިވާހައަކީ ވަރަށް ގިނަ ދަރުސްތަކުގައި ކިޔައި ދެވޭ ވާހަކައެކެވެ. އެއީ ހަމަ އެ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެގޮތުން މިރޭވެސް ތަކުރާރުކޮށްލާނަމެވެ.  

މީސްތަކުންނޭވެ! ޣާފިލުވެފައި ނުތިބޭށެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. އަޖަލު ހަމަވުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއްވެސް ކުރާށެވެ! އާޚިރަތް ދުވަހުން ތިމާއަކީ އެއްވެސް އަގެއް ހުރި މީހަކަށް ވެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން