ދުނިޔަވީ ޙަޔާތަކީ ހަމައެކަނި އާޚިރަތް އެދިގެން މަސައްކަތްކުރުމެއް ނޫނެވެ. ﷲ ތަޢާލާ ހުއްދަކުރައްވަބާފައިވާ ގޮތަށް ދުނިޔެއިން އުފާވެރިކަން ހޯދަން މަސައްކަތްކުރުމުން އެކަންވެސް ލައްވަވާފައިވަނީ އަޅުކަމުގެ ގޮތުގައިކަމަށްވުމަކީ މިބުނި ބަހަށް ދަލީލު ލިބިގެންދާ ކަމެކެވެ.
މިޘާލަކަށް ބުނާނަމަ ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރަންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުފަލުގައި އުޅުމަށާއި އަދި ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. ﷲ ތައާލާ އަންގަވާފައިވާ އިންތަކުގެ ތެރެއިން އާމްދަނީ އިތުރުކުރަން މަސައްކަތްކުރާނަމަ އެއީވެސް ކުރެވޭ އަޅުކަމެކެވެ. ޘަވާބު ދެއްވަވާނެއެވެ.
ހަމައެފަދައިން ކައިވެނިކުރަނީ ދުނިޔޭގައިވެސް އުފާވެރިކަން ލިބިގަތުމަށާއި އަދި އާޚިރަތް ލިބިގަތުން ފަސޭހަކޮށް މަގުފަހިކުރުމަށެވެ. އެހެންވެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޒަވާޖީ ޙަޔާތް ހޭދަކުރާނަމަ އެއީވެސް ޘަވާބުދެއްވަވާ އަޅުކަމެކެވެ. ދެމަފިރިން އެއްދާންކުރުމާއި އެކުގައި ލޯބިން ވަޤުތުހޭދަކުރުންވެސް އެއީ ޘަވާބު ދެއްވަވާ އަޅުކަމުގެ ގޮތުގައި ލައްވަވާފައިވަނީ އެސަބަބަށްޓަކައެވެ.
ހަމައެކަނި މިދެކަންތަކަށް ބެލިނަމަވެސް އެނގިގެންދަނީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ ޘަވާބު ދެއްވަވާ އަޅުކަންކަމެވެ. އެކަމުގެ ސަބަބުން ދުނިޔޭގައި ފައިދާކުރިނަމަވެސް އަޅުކަމުގެ ޙުކުމަށް ބަދަލެއް ނުއަންނަ ކަމެވެ. ނަމަވެސް ސަމާލުވާންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ އެއްވެސް ކަމެއް ދެއްކުންތެރިކަމުގެ ނިޔަތުގައި ނުކުރުމެވެ.
މިޘާލަކަށް އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ހެޔޮކޮށް ހިތަނީ ތިމާގެ ރަނގަޅުކަން އެހެން މީހުންނަށް ދައްކަން ކަމަށްވެއްޖެނަމަ އެވެވެނީ ދެއްކުންތެރިއަކަށެވެ. ދެއްކުންތެރިކަން ﷲ ތަޢާލާ ވަނީ ނަހީކުރައްވަވާފައެވެ. އަދި އެއީ ނަރަކައަށް ވައްދަވާ ސަބަބެއްކަމަށްވެސް ޤުދްސިއްޔަ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން