ގެއަށް ގެނެވޭ ދަރިފުޅަށް އޭނާގެ މައިންބަފައިންނާ ބައްދަލުކުރަން ހުރަސްއުޅުމަކީ ކުރެވޭ ބޮޑު ފާފައެއް! އެއީ ލިބިގެންވާ ޙައްޤެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ގެއަށް ގެނެވޭ ދަރިފުޅަށް އޭނާގެ މައިންބަފައިންނާ ބައްދަލުކުރަން ހުރަސްއުޅުމަކީ ކުރެވޭ ބޮޑު ފާފައެއް! އެއީ ލިބިގެންވާ ޙައްޤެއް ނޫން!

ފިރިހެން ދަރިން ކައިވެނިކޮށްގެން ގެއަށް ގެންނަ އަނބިމީހާއަށް ނުވަތަ ޅީދަރިފުޅަށް އޭނާގެ ޢާއިލާއަށް ޒިޔާރަތްކުރަން ހުރަސްއެޅުމަކީ ހަމައެކަކަށްވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެކަންވާނީ ކުރެވޭ ފާފައަކަށެވެ.  

ފުރަތަމަކަމަކީ ކައިވެނިކުރުމަށްފަހު އަނބިމިހާއަށް ޚިދުމަތްކުރަންޖެހޭނީ ފިރިމީހާއަށެވެ. ފިރިމީހާގެ ޢާއިލާގެ އެންމެންނަށް ޚިދުމަތްކުރުން މަޖުބޫރެއް ނުކުރެވޭނެއެވެ. އޭނާ ހިތުން ރުހުމުން އެކަންކޮށްދޭނަމަ އެކަންވާނީ އޭނާއަށްޓަކައި އަޅުކަމަކަށެވެ. ވީމާ ގޭގެ މަސައްކަތްތައް ކުރުމަށްޓަކައި މަޖުބޫރުކުރުވައިގެން ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނެތެވެ.  

ދެވަނަކަމަކީ އަންހެންދަރިއަކަށްވުމަކީ މައިންބަފައިންގެ ޙާށލު ނުބައި ހުރުން ހުއްދަވާ ކަމެއް ނޫނެވެ. އަދި ވެވުނުވަރަކުން އެމީހުންނަށް ޚިދުމަތްކުރަން ނުޖެހޭނެ ސަބަބެއްވެސް ނޫނެވެ. މައިންބަފައިންގެ ޙާލުބަލައި އެމީހުންނަށް ޚިދުމަތްކުރުމުން ޘަވާބުދެއްވަވާނީ ހަމައެކަނި ފިރިހެންދަރިންނަކަށް ނޫނެވެ. އަންހެން ދަރިންނަށްވެސް ދެއްވަވާނެއެވެ. 

ހަމައެއާއިއެކު ގިނަ ޢާއިލާތަކުގައި ފިރިހެންދަރިން ޚަރަދުކުރިޔަސް މައިންބަފައިންގެ ޙާލުބަލައި ޚިދުމަތްކުރަނީ އަންހެންދަރިންނެވެ. ހަމައެއާއިއެކު މައިންބަފައިންވެސް ތިބޭނީ ދަރިފުޅާއި ބައްދަލުކުރާހިތުން ކެތްމަދުވެފައެވެ.  

ކޮންމެ ޢާއިލާއަކުންވެސް މިކަންކަމަށް ވިސްނަންޖެހޭނެއެވެ. ދެފަރާތުގެ މައިންބަފައިންނަށްވެސް ހެޔޮކޮށްހިތަންޖެހޭނެއެވެ. ފިރިން ވިސްނަންވީ ތިމާ ތިމާގެ މައިންބަފައިން ދެކެ ލޯބިވާފަދައިން އަނބިމިހާވެސް އޭނާގެ މައިންބަފައިންދެކެ ލޯބިވާނެކަމެވެ. އެގޮތަށް ނުވިސްނައި އުފާވެރި ދިރިއުޅުމެއް ނުހޭޜދޭނެއެވެ.  

ދެން ދީނުގައި އޮތްވެސް އެނގެން އެބަޖެހެއެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަން އެބަޖެހެއެވެ. އެކަމަށް ހުރަސްއަޅައި ކުރާ އަމުރުތަކަށް ކިޔަމަންތެރިވާކަށްވެސް ނުޖެހެއެވެ. މަތިވެރިވެގެންވަނީ ﷲ ތަޢާލާގެ އަމުރުފުޅުކަމަށްވާތީއެވެ.  

އުންމީދުކުރަނީ އަނބިންނާއިމެދު މިކަންކަން ނުވިސްނޭ މީހުންނަށް ކަންއޮތްގޮތް ވިސްނި އަނބިންނަށް ދޭންޖެހޭ ޙައްޤުތައްދީގެން އުފާވެރިދިރިއުޅުމެއް އުޅެން މަސައްކަތްކުރާނެ ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން